3 ނޮވެމްބަރުގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް ހާއްސަ އިނާޔަތެއް ދޭން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ހިނގާދިޔަ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޝަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9،000 ރުފިޔާ ދިނުމަށް ޑިފެންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަނގުރާމައިގައި އަމިއްލަ ހަށިގަނޑާށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށްދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 8،000 ރުފިޔާ ދިނުމަށްވެސް އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

އުސޫލުގައި ވާގޮތުން މި އިނާޔަތް ލިބޭ މީހަކު ނިޔާވެއްޖެ ނަމަ އެ އިނާޔަތް ދިނުން ނިމުމަކަށް އަންނާނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝަހީދުންގެ އާއިލާތަކަށް 50 ޔުނިޓްގެ ހައުސިން އިމާރާތެއް ވެސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި "ޝަހީދުންގެ ހިޔާ"ގެ ނަމުގައި 50 ހައުސިން ޔުނިޓުގެ ހައުސިން އިމާރާތެއް އަޅާނިންމައި، ޝަހީދުންގެ އާއިލާތަކާ ހަވާލުކުރައްވާނެކަމަށެވެ.

ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި އާންމުންގެ 11 މީހުން، ގައުމީ ހިދުމަތާ ގުޅުންހުރި އެކި ހާލަތްތަކުގައި ދިމާވި ހާދިސާތަކުގައި ދުނިޔެ ދޫކޮށްފައި ވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުން އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމީ ބޭއިންސާފެއްކަމުގައެވެ.

ދައުލަތުން ކުރާ މި ފަދަ ކަމަކުން، ޝަހީދުންގެ ޖިހާދުގެ އަގެއް ނުދެއްކޭނޭ ކަމަށާއި އާއިލާތަކުގެ ހިތާމަތައް ފިލުވައި ނުދެވޭނެކަން ރައީސްފެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް އެންމެ ކުޑަމިނުން މިވަރު ކޮށްދޭންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.