ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ރެކޯޑް ކުރުމަށްފަހު ރައީސް އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ސުވާލުތައް ހުށަހެޅޭނެ ކަމަށެވެ. މި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.

މި ސިލްސިލާ މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށަން ތައްޔާރުވެފައިވާއިރު މިއީ ވީޑިއޯ މެދުވެރިކޮށް ރައްޔިތުންގެ ސުވާލުތަކަށް، ރައީސް ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާންމު ކުރައްވަމުން ގެންދަވާގޮތަށް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެއްޓެވި ސިލްސިލާއެކެވެ.

މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނަމަވެސް ރައީސް އޮފީހުން ބުނީ މިގޮތަށް ކުރިން އަމަލުކުރެވުމުން ސުވާލުކުރަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ ވަގުތީގޮތުން މެދުކަނޑާލީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ސިލްސިލާގައި ތަފާތު މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ކުރަން ނިންމައިފައިވާ މަސައްކަތްތަކުގެ ތަފުސީލު ރައީސް ވަނީ ހާމަކުރައްވާފައެވެ.