ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ޒާތީ މައުލޫމާތު އާންމުކުރެއްވީ އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ގާނޫނީ ވަކީލާ އާއިޝަތު އާޒިމާ ޝަކޫރު ކަމަށް ބުނެ، އެ ދެ ބޭފުޅުންގެ މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން ބާއްވަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަ ވަޒީރުން ހިމެނޭހެން މި ސަރުކާރުގެ އިސް ބޭފުޅުން ކުށްވެރިކުރައްވާފައި ވެއެވެ. މި މައްސަލައިގައި މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށާއި އެމްޑީޕީއަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފައެވެ.
ނަމަވެސް ރައީސްގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައި އެމަނިކުފާނުގެ ދަރިކަލުންގެ ނަމާއި އުމުރު ފަދަ ޒާތީ ބައެއް މައުލޫމާތު އާންމުކޮށްފައިވެއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އަހްމަދު މައުރޫފް ވިދާޅުވީ، ރައީސްގެ ދަރިކަލުންގެ ކަރާމާތް ނަގާލީ އެ ކުއްޖާގެ މަންމައާއި އިތުރު ބަޔަކު ކަމަށާއި، އެ މައްސަލަ ފުލުހުންނަށާއި ސޯޝަލް މިނިސްޓްރީގެ ދަށުން ކުޑަކުދިންގެ މައްސަލަ ބަލާ ޑިޕާޓްމަންޓަށް ހުށަހަޅަން އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ އިހްތިޖާޖުގައި މަންދީ ރައީސްގެ ދަރިކަލުންގެ މައުލޫމާތު ހާމަނުކުރާ ކަމަށާއި، ނަމަވެސް އާޒިމާ ވަނީ ރައީސްގެ ދަރިކަލުންގެ މައުލޫމާތުތައް ހާމަކޮށްފައި ކަމަށާއި، އެއީ ކޮން ކުއްޖެއްކަން އެނގުނީ އެ ހިސާބުން ކަމަށެވެ.
އާއިލާގެ ފަރާތުން ފަސްޓް ލޭޑީ ނެރުއްވި ބަޔާނުގައި ވިދާޅުވީ، ފިޔަވަޅު އަޅަން ނިންމީ، ކޮންމެ ބޭފުޅެއް ފަދައިން އެކަމަނާގެ އެންމެ ފުރަތަމަ އަދި އެންމެ އިސްވާޖިބަކީ ވެސް ދަރިން ކަމުގައިވީތީ އާއި ދަރިންގެ ރައްކާތެރިކަމާއި މުސްތަގްބަލު ކަށަވަރު ކުރުމަކީ އެކުދިންގެ ބައްޕައާއި އެކަމަނާގެ ޒިންމާއަކަށް ވީތީ ކަމަށެވެ.
އަދި މިފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މައުސޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ އަމަލުތަކެއް ހިނގަމުންދާ ހިނދު، އަދި ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުން ދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަގްބަލުގައި އެފަދަ މަގާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައި ވެސް ކުރަންޖެހޭ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.