މާތް ﷲ ގެ އަމުރުފުޅަށް އިބްރާހިމް އަލައިހިއްސަލާމް ބިނާކުރެއްވި މާއްކާގެ ގެފުޅަކީ ޒަމާނުއްސުރެ އެތަށް ބަޔަކު އަޅުކަން ކުރަން ގޮސް އުޅޭ ތަނެކެވެ. އަދި އެތަނަށްދާ މީހުންގެ އަދަދު ގިނަވުމަކީ އިސްލާމް ދީނު ނޫން ދީނުތަކުގެ ބޮޑުންނަށް ބަލައިގަންނަ އުނދަގޫ ކަމެކެވެ. މާތް ﷲގެ ފުޅާ މެދު ހަސަދަވެރިވި އެންމެ ވަރުގަދަ އެއް ވެރިއަކީ ޔަމަނު ކަރައިގެ ގަވަރުނަރު އަބްރަހާ އަލް އަޝްރަމެވެ. އޭނާއަކީ ހަބުޝްކަރާ (މިހާރުގެ އިތިއޯޕިއާގެ) ރަސްގެފާނުގެ ފަރާތުން ޔަމަނުގެ ގަވަރުނަރު ކަމަށް އައްޔަނުކުރި މީހެކެވެ.
މައްކާގެ ގެފުޅު ފަދަ އިމާރާތެއް ޔަމަނުގެ ވެރިރަށް ސަންއާގައި ހެދުމަށް ނިންމީ އަބްރަހާއެވެ. އެއީ މައްކާއަށް ހައްޖުވާން ނުގޮސް ސަންއާއަށް އަރަބި ކަރައިގެ މީހުން ގެނައުމުގެ ނިޔަތުގައެވެ. ހައްޖުވާން ދާ މީހުންގެ ފަރާތުން ލިބޭ ވިޔަފާރި މައްކާގެ ބަދަލުގައި ސަންއާއަށް ވަންނާނެ ކަމަށް އަބްރަހާ ބުނުމުން ހަބުޝްކަރާގެ ރަސްގެފާނު އެބުނާ ގެއެއް (ފަޅިއެއް) ހެދުމަށް އަބްރަހާއަށް ހުއްދަ ދިނެވެ.
ލަސްތަކެއް ނުވެ ސަންއާގައި ފައްޅިއެއް އަޅައިފިއެވެ. އަލް-ގުލައިސް ނަމަކަށް ކިޔު މި ފަޅި ފަދަ ރީތި ބޮޑު ފައްޅި އެ ދުވަސްވަރު ދުނިޔެއަކު ނެތެވެ.
މައްކާގެ ޤުރައިޝުންގެ ތެރެއިން މީހަކު ދަތުރުވަރެއްގައި ސަންއާއަށް ދިޔަ ތަނުން މި ފައްޅި ފެނި ވަރަށް ރުޅި ގަދަވިއެވެ. ބަލަން ނުހުރެ އެތަނަށް ނަޖިސްލުމަށް އެތަނުގެ ފާރުތަކުގައި ނަޖިސް ހާކާ ހަދާފައި އެމީހާ ފިލިއެވެ.
މި ތަން ބާރުގަދަ އަބްރަހާއަށް ފެނުމުން އޭނާ އައި އަމަށަކު ރުޅިއެއް ނޫނެވެ. އަދި މައްކާއާ މާތް ﷲގެ ގެފުޅު ހަލާކުކޮށްލާނެ ކަމަށް ބުނެ ބޮޑު ލަޝްކަރެއް އެއް ކުރިއެވެ.
އެލަޝްކަރުގެ އެންމެ ތަފާތު ކަމަކީ އޭގައި ހިމެނޭ އެތްތަކެވެ. ބުނެވޭ ގޮތުގައި އެލަޝްކަރުގައި 13 އެތް ހިމެނެއެވެ. އަދި އޭނގެ ތެރެއިން އެންމެ ބޮޑު އެތަށް ދީފައިވާ ނަމަކީ މަހްމޫދެވެ.
އަބްރަހާ އޭނާގެ ލަޝްކަރައިގެން މައްކާއަށް ދަތުރު ފެށިއެވެ. އެދަތުރު މަތީގައި ދިމާވީ ކޮންމެ ލަޝްކަރެއް އަބްރަހާ ބަލިކުރަމުން މަރަމުން ދިޔައީ އެއްވެސް ރަހުމެއް ނެތި އަނިޔާވެރި ކަމާއެކުއެވެ.
އަބްރަހާއާ އޭނާގެ އެތުގެ ލަޝްކަރު އެންމެ ފަހުން މަޑު ކުރީ މައްކާގެ ރަށް ބޭރުގައެވެ. އެއީ ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމަށެވެ. މައްކާގެ ރައްޔިތުންގެ ފަރާތުން އަބްރަހާއާ ބައްދަލުކުރެއްވީ އަބްދުލް މުއްތަލިބް ބިން ހާޝިމް (މާތް ރަސޫލާގެ ކާފާފުޅު)އެވެ.
މި ވާހަކަތަކުގައި ދެ ފަރާތުން ނިންމީ އަބްހަރާއާ އޭނާގެ ލަޝްކަރުން ވަގަށް ނެގި ޖަމަލުތައް އަބްދުލް މުއްތަލިބްގެފާނަށް އަނބުރާ ދިނުމަށެވެ. އެއީ އެކަލޭނގެފާނުގެ ޖަމަލުތަކެކެވެ. ބަދަލުގައި އަބްދުލް މުއްތަލިބްގެފާނު ނިންމެވީ ކައުބާއާ މެދު ހަދާނެ ގޮތެއް ނިންމުމަށް ހުދު އަބްރަހާއަށް ދޫކޮށްލުމަށެވެ. އަބްރަހާ ނިންމީ މައްކާއަށް އަރާ މާތް ﷲގެ ގެފުޅު ތަޅާލުމަށެވެ.
އެއަށް ފަހު އަބްދުލް މުއްތަލިބުގެފާނުގެ މައްކާގެ ރައްޔިތުން ފަރުބަދަތަކަށް ގޮސް ސަލާމަތްކަން ހޯދުމަށް އަމުރުކުރެއްވިއެވެ. އަދި ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން އަބްރަހާގެ ލަޝްކަރުން ރައްކާތެރިވުމަށް އެދުނެވެ. އަދި އަބްދުލް މުއްތަލިބްގެފާނާއި މަދު ބަޔަކު ގެފުޅަށް ޒިޔާރަތްކުރައްވާ މާތް ﷲގެ ކިބައިން އެހީތެރި ކަމާ މަދަދަށް އެދި ދުއާ ކުރެއްވިއެވެ.
އަބްރަހާގެ އެތުގެ ލަޝްކަރު މައްކާއާ ދިމަލަށް އައި ވަރަށް ފޯރިގައެވެ. މީގެ ކުރިން ދިމާވި ކޮންމެ ދުޝްމަނެއް އަނިޔާވެރި ކަމާއެކު ބަލިކުރަމުން އައި އެލަޝްކަރަށް އެއްވެސް ދިފާއެއް ނެތް މައްކާ ފެނި ދަހިވެތި ކަމާއެކު އެރަށާ ދިމާލަށް ބާރަށް ދިޔައެވެ.
ލަޝްކަރު މުސާހިރު ވާދީއަށް ވަދެ ވާދީގެ މެދާ ހިސާބަށް ދިޔައެވެ. އެހިސާބަށް އަބްރަހާއާ އޭނާގެ ލަޝްކަރަށް ކުރިމަތިލާން ޖެހުނީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިލާން ނުޖެހޭ ފަދަ ލަޝްކަރަކާއެވެ. އެއީ ބައި ބަޔަށް އައި ކުދި ކުދި ދޫނިތަކެކެވެ. އޭނގެ ކޮންމެ ދޫންޏެއްގެ ތުބުގައި ގާކޮޅެއް އޮތެވެ. ބުނެވޭ ގޮތުގައި އެ ގާކޮޅު ވަނީ މުގު އޮށެއް ވަރެވެ. އެސޮރުމެން ތުބުގައި އޮތް ގާކޮޅު އަބްރަހާގެ ލަޝްކަރަށް ދިމާލަށް އުކަމުން ދިޔައެވެ.
އެނގެން ކޮންމެ ގާކޮޅެއް ވެސް ލަޝްކަރުގެ މީހެއްގެ ގައިގައި ޖެހުނު އިރު އެ ގާކޮޅު ޖެހޭ ހިސާބު ގިރިގެން ގޮސް އެމީހާ ކުދި ކުދިވެއެވެ. މުޅި ލަޝްކަރު މިގޮތަށް ފަނާވެގެން ދިޔަ އިރު އަބްރަހާ މަރުވީ ޔަމަނަށް އަނބުރާ ފިލަން ދަނިކޮށް ހަނގުރާމައިގައި އޭނާއަށް ލިބުނު ފަނާވަނިވި ޒަހަމްތަކުގައެވެ.
މި ހާދިސާ ހިނގީ އެންމެ ފަހުގެ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހިވަސައްލަމް ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި އަހަރު ކަމަށް ބުނެއެވެ. މި ހާދިސާއިން އިންސާނިއްޔަތަށް ފިލާވަޅު ދިނުމަށް މީސްތަކުންނަށް ނޫރެއް ކަމުގައި ލެއްވި ކީރިތި ގުރުއާނުގައި މިކަން ބަޔާންކޮށް އެއް ސޫރަތް މާތް ﷲ ވަނީ ލިޔުއްވާފައެވެ. ގުރުއާނުގެ ސަތޭކަ ފަސްވަނަ ސޫރަތް ކަމަށްވާ އަލް-ފީލްގައި އެކަލާނގެ އެތުގެ އެކުވެރިންނާއި މެދު ކަންކަން ކުރެއްވި ގޮތް ބަޔާންކުރައްވައެވެ. އަދި ބޮޑާވެ ކިބުރުވެރިވާ އަދުއްވުންނާ މެދު އެކަލާނގެ ކަންތައް ކުރައްވާ ގޮތް ރަނގަޅަށް އެނގިގެންދެއެވެ.