މަރުކަޒީ ބޭންކު އެމްއެމްއޭ އިން މި ފަހުން ނިންމި ނިންމުންތައް ނިންމީ އެ ތަނުގެ އަސާސީ މަގްސަދުތަކާ ހިލާފަށް ކަމަށް ވިދާޅުވެ، ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު އިސްތިއުފާ ދެއްވައިފިއެވެ.

މީޑިއާތަކާ މިއަދު ހިއްސާކުރެއްވި ބަޔާނެއްގައި އިމާދު ވިދާޅުވީ، އޭނާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވަނީ މި ފަހުން އެމްއެމްއޭ އިން ނިންމި ނިންމުމަކީ އޭނާގެ ނަޒަރުގައި އެ ތަނުގެ އަސާސީ މަގްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީ ކަމަށެވެ.

މިފަހުން އެމްއެމްއޭގެ ބޯޑުން ވަނީ ހުޅުމާލޭގައި ފައިނޭންޝަލް ސެންޓަރެއް އެޅުމަށް ކަމަށް ބުނެ، ބިމެއް ގަތުމަށް ނިންމައިފައެވެ. އެމްއެމްއޭ މެދުވެރިކޮށް ބިމެއް ގަތުމަށް 15 ބިލިޔަނެއްހާ ރުފިޔާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ އަހަރުގެ ބާކީ ހުރި ދުވަސްތަކުގައި ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށެވެ. އެކަމަކު މި ނިންމުން ފާސްކުރި ބައްދަލުވުމުގައި އިމާދު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި އެ ނިންމުން މުރާޖައާކޮށްދޭން ވެސް ހުށަހެޅުއްވިއެވެ.

އިމާދު އިސްތިއުފާ ދެެއްވާފައި މި ވަނީ އޭނާ ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމައި އެކަން ތަޅުމުގައި އިއުލާނުކުރަން އެޖެންޑާކޮށްފައި ވެސް ވަނިކޮށެވެ.

2020 ވަނަ އަހަރު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އިމާދު ވަނީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވައި، ސީއެމްޑީއޭގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ.