މި ވަގުތު ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް، އޭނާގެ ނަން ރައީސް އޮފީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މި މަހު ހަތަރުވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވެފައިވައިރު މި މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި 3 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

  • ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް
  • ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު
  • ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު

ފަނޑިޔަރުކަމަށް ކުރިމަތިލި 3 ބޭފުޅުންނާއި ރޭ، ޖޭއެސްސީއިން އިންޓަވިއުކޮށްފައިވާއިރުު އިންޓަވިއުތަކަށް ފަހު، ރައީސް އޮފީހަށް ފޮނުވާނެ ނަމެއް ނިންމުމަށް ޓަކައި ކޮމިޝަންގެ ބައްދަލުވުމެއް ވަނީ ބާވާފައެވެ. ޝަހީދުގެ ނަން ރައީސް އޮފީހަށް ފޮނުވަން ރޭ ފާސްކޮށްފައިވާއިރު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.