ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޖަމާއަތްތެރިންނަށް ދެމުންއައި "ގަބުރުސްތާން އެލަވަންސް" އުނި ކުރުމުން އެ އެލަވަންސް ސިޓީ ކައުންސިލްގެ ބަޖެޓުން ދޭން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސީއެސްސީން ނެރުނު ސާކިއުލާއެއްގައިވަނީ، މަރުވާ މީހުން ވަޅުމުގެ މަސައްކަތްކުރާ މީހުންނަށްދޭ "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" އުވާލާފައެވެ. އެގޮތުން އެ އެލެވަންސް ދިނުމުގައި މާލިއްޔަތު ގަވާއިދާ ފުށުނާރާ ގޮތަށް، ކައުންސިލްތަކުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް، ކައުންސިލްތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރުމަށް ވަނީ އަންގައިފައެވެ. ނަމަވެސް އެ އެލަވަންސް އުވާލި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.

އެއާއެކު މާލޭ ސިޓީ ކައުންސިލްގެ ދަށުގައި ތިބި ޖަމާއަތްތެރިންނަށް އެ ތަނުގެ ބަޖެޓުން އެ ފައިސާ ދޭން ހުށަހެޅީ މޭޔަރު އާދަމް އާޒިމް އިއްޔެ އޮތް ކައުންސިލްގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

ޖަލްސާއަށް މިކަން ހުށަހަޅައިދެއްވާއި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔާ އާދަމް އާޒިމް ވިދާޅުވީ، ޖަމާއަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތް ތަކެއްކުރާ ބައެއް ކަމަށާއި ކުއްލިއަކަށް ވަކި ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި، ޖަމާއަތްތެރިންގެ އެލަވަންސް ކާޑާލުމަކީ އެއް ވެސް އިންސާފުވެރިކަމެއް ނެތި ކުރައްވާފައިވާ ކަމެއްކަމަށެވެ.

އެހެންކަމުން ޖަމާއަތްތެރިންގެ މުސާރައިން އުނިކުރި 1500 ރުފިޔާ ދެމުން ދެން ދާނީ ކައުންސިލްގެ ބަޖެޓުން ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުދުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރަމަޟާން މަހެއްގައި ވަކި ސަބަބެއް ބަޔާން ނުކުރައްވައި ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިގޮތަށް އެލަވަންސް ކަނޑާ ކަމަށް ވާނަމަ ޖަމާއަތްތެރިން ނޫނަސް، ސިވިލްސާވިސްގެ އެހެން މުވައްޒަފުންގެ އެލަވަންސް ވެސް ކަނޑާލަފާނެކަމުގެ ބިރު އޮތް ކަމަށް އޭނާ ވިދާޅުވެފައެވެ.