މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވަނީ، ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްގީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ވަނީ ލަފާ ދެއްވާފައެވެ.

އެހެންކަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިންގަމުންއައި "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" އަކީ، 2025 މާރިޗު 11 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ނިންމަވާ ރައީސް ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.

އެމްއައިއެފްއެސްއޭ އަކީ ރާއްޖޭގެ ސްޕްޝަލް އިކޮނޮމިކް ޒޯން ގާނޫނުގައި ބަޔާންވެފައިވާ އޮފްޝޯ އަދި އޮންޝޯ ފައިނޭންސިންގް ހިދުމަތްތަކާއި އަދި އޮންޝޯ އަދި އޮފްޝޯ ޑިވެލޮޕްމެންޓް ބޭންކިން ހިދުމަތް ގާއިމް ކުރުމަށް ރައީސް ހުސްވި އަހަރުގެ ޖެނުއަރީ މަހު އުފެއްދެވި އިދާރާއެކެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކެއް ގާއިމްކޮށް، ބައިނަލްއަގްވާމީ މާލީ ހަބަކަށް ދިވެހި ރާއްޖެ ހެދުމަކީ ސަރުކާރުގެ މުހިންމު އެއް އަމާޒެވެ. މިއީ ރާއްޖޭގެ އިގްތިދު ސިންދަފާތު ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރުވެގެންދާ ބޮޅެއް ގޮތުގައި ސަރުކާރުން ގަބޫލު ކުރެއެވެ. މިގޮތުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ފުނަދޫ ތަރައްގީ ކުރަން ސަރުކާރުން ވަނީ މީގެ ކުރިން ނިންމާފައެވެ.