އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ ގުޅިގެން 30،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ފަށައިފިއެވެ.

އުރީދޫ އިން ބުނީ މި ފެސްޓިވަލް ކުރިއަށްދާނީ މާޗް މަހުގެ 12 އިން 14 އަށް ޔޫތު ތާޑް ސްޕޭސް ގައި ކޮންމެ ރެއަކު 9:00 އިން މެންދަމު 12 ގެ ނިޔަލަށް ކަމަށެވެ. މި ފެސްޓިވަލުގައި އީއޭއެފްސީ އާއި ޕަބްޖީ މޮބައިލް އަދި ޓެކެންގެ ޓައިޓަލްތަކަށް ގޭމަރުން ވާދަކުރާއިރު މި ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކުރަން ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

އީސްޕޯޓްސް ފެސްޓިވަލުގެ ތެރެއިން / ފޮޓޯ: އުރީދޫ

މީގެއިތުރުން މި ފެސްޓިވަލްގައި އިންޓަރެކްޓިވް ޕަބްލިކް އެކްސްޕީރިއަންސް ޒޯނެއް ވެސް ހިމެނޭކަމަށާއި، ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މޯޓަލް ކޮމްބަޓް، ޓެކްކެން އަދި ތަފާތު ނިންޓެންޑޯ ސްވިޗް ގޭމްތަކާ ތަޖުރިބާ ކުރެވޭނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ މި ފެސްޓިވަލުގެ މަގްސަދަކީ ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ވާދަވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުކުން ކަމަށެވެ. އުރީދޫ އިން ބުނީ އުންމީދީ އީސްޕޯޓްސް ޗެމްޕިއަނަކަށް ވިޔަސް ނުވަތަ ކެޝުއަލް ގޭމަރެއް ކަމުގައި ވިޔަސް މި ފެސްޓިވަލަކީ ރަނގަޅު އެކްސްޕީރިއަންސަކަށް ވެގެން ދާނެ ކަމަށެވެ.