ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އީސްޕޯޓްސް ލީގު، އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2026 ފޯރިގަދަކޮށް ފެށިގެން ކުރިއަށް އެބަދެއެވެ.
އުރީދޫއިން ބުނި ގޮތުގައި މި އަހަރުގެ މުބާރާތުގައި 48 ޓީމު ހަ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާއިރު، އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގެ ޗެމްޕިއަންކަން ހޯދުމަށް ޕަބްޖީ މޮބައިލް (PUBG MOBILE) ގެ ޖުމްލަ 75 މެޗު ކުޅޭނެއެވެ.
މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަތޮޅު އީސްޕޯޓްސް ލީގުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށް ތަމްސީލުކުރުމުގެ ފުރުސަތު ދިނުން ކަމަށް ވެއެވެ. މިގޮތުން ކުޅުންތެރިންނަށް އެމީހުންގެ އަމިއްލަ ރަށުގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ އީސްޕޯޓްސްގެ ތެރެއިން ރަށުގެ ފަހުރާއި އެކުވެރި ވާދަވެރިކަން އާލާކޮށްދޭ ކަމެކެވެ. މި މުބާރާތުގައި ރާއްޖޭގެ އުތުރުން ދެކުނަށް، އެންމެ ކުރި ހޯދާނީ ކޮން ރަށެއްތޯ ސާބިތުކޮށްދިނުމަށް ޓީމުތަކުން ޕަބްޖީ މޮބައިލްގައި ވަރުގަދައަށް ވާދަކުރާނެއެވެ.
މި މުބާރާތަކީ 2025 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި ފުރަތަމަ އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގަށް ބިނާކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ.
ދެވަނަ އެޑިޝަނާއެކު އުރީދޫ ނޭޝަންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިންނަށް އިންތިޒާމުވެފައިވާ މުބާރާތްތަކުގައި ބައިވެރިވެ، ހުނަރު ތަރައްގީކޮށް އަދި އަގުހުރި ވާދަވެރި ތަޖުރިބާތަކެއް ހޯދައިދީގެން ރާއްޖޭގެ ގޭމިން ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ.
މި މުބާރާތުގެ މެޗުތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމް ކުރަމުންދާއިރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސަޕޯޓަރުންނަށް އެމީހުންގެ ރަށުގެ ޓީމުތަކަށް ސަޕޯޓްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަތޮޅު އީސްޕޯޓްސް ލީގަކީ ދިވެހި ހުނަރުވެރިން ތަރައްގީކުރުމަށާއި، ދިވެހި ގޭމަރުންނަށް މަތީ ފެންވަރުގެ ވާދަވެރި މައިދާންތަކަށް ދިއުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ހާއްސަކޮށްގެން ހިންގާ ގޭމިން އަދި އީސްޕޯޓްސް ޕްލެޓްފޯމް ކަމަށްވާ "އުރީދޫ ނޭޝަން" ގެ ހަރަކާތެކެވެ.
އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 އާ ގުޅޭ އިތުރު ތަފުސީލުތަކާއި، ބައިވެރިވާ ޓީމުތަކާއި މެޗުތަކުގެ ތާވަލު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އިއުލާންކުރަމުންދާނެ ކަމަށް ވެއެވެ.
