މި ރޯދަ މަހު މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ އާދިއްތަ ދިވަހުން އަންގާރަ ދުވަހު ޕީކް ގަޑީގައި ކަރަންޓް ބޭނުންކުރި މިންވަރު އުޅެނީ 98 އާއި 100 މެގްވޮޓް އާ ދެމދުގައި ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭ ސަރަހައްދުގައި ޕީކް ގަޑިގައި ކަރަންޓް ބޭނުން ކުރި މިންވަރު ވަނީ 78 މެގަވޮޓަށް އަރާފައެވެ. އެ ދުވަހު 78 ގައި އެ އަދަދު ހުރި އިރު، މާލެ ސަރަހައްދުގެ ސްކޫލްތަކާއި އޮފީސްތައް ބަންދުވެފައި ވުމުން ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި ވަރު ދަށްވި ސަބަބެއް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.
މި ރޯދަ މަހު މާލެ ސަރަހައްދުގައި އެންމެ މައްޗަށް ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި މިންވަރު އަރާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދުވަހު ޕީކް ގަޑީގައި 100 މެގަވޮޓާ ހަމައަށް ކަރަންޓް ބޭނުންކޮށްފައި ވީ ނަމަވެސް އޭގެ ކުރިއަށް ދިޔަ ދުވަހާއި އަންގާރަ ދުވަހު އެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
ސްޓެލްކޯ އިން ބުނީ، މިދިޔަ އާދިއްތަ ދުވަހު މާލެ ސަރަހއްދުގައި ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި މިންވަރު އަރާފައި ވަނީ 97.4 އަށް ކަަމަށެވެ. އަދި ހޯމަ ދުވަހު އެ އަދަދު 100 އަށް އަރާފައި ވީ ނަމަވެސް އަންގާރަ ދުވަހު އެ އަދަދު ވަނީ 98 އަށް ދަށްވެފައެވެ.
މި އަހަރުގެ ރޯދަމަ މަސް ދިމާވެފައި މިވަނީ އަހަރުގެ ހޫނު ގަދަ މޫސުން ފެށުނު ދުވަސްވަރު ކަމުން ކަރަންޓް ބިލްތައް މައްޗަށް ދާނެ ކަމަށް ބުނެ ސްޓެލްކޯއިން ވަނީ ކަރަންޓް އިގްތިސޯދު ކުރުމަށް އިލްތިމާސްކޮށްފައެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނެފައި ވަނީ، 2023 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށް އަރާފައިވާ އިރު، މިދިޔަ އަހަރު ޕީކްލޯޑް ވަނީ 113 މެގަވޮޓުަށް އަރާފައެވެ. މިހާރު ކަރަންޓުގެ ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މާލެ ސަރަހައްދުގައި މި އަހަރުގެ ޕީކްލޯޑް 134 އަށް އަރާނެ ކަމަށް ބެލެވޭ ކަމަސް ސޓެލްކޯއިން ވަނީ ބުނެފައެވެ.