ދުނިޔޭގެ މަނިޓަރީ ނިޒާމުގައި އެ ތަނެއްގައި ހުންނަ ސެންޓަރަލް ބޭންކަކުން ކުރާ އިންވެސްޓްމަންޓް ނުވަތަ ގެންގުޅޭ ފައިނޭންޝަލް އިންސްޓްރޫމަންޓް ތަކަކީ ފަސޭހައިން ފައިސާ އަށް ބަދަލު ކުރެވޭ މުއާމަލާތްތަކެވެ. އެއީ މާލީ ބާޒާރަށް އަންނަ ލޮޅުންތަކުގައި ވެސް އެ އެއްޗެއް ވިއްކާލައި ފަސޭހައިން ފައިސާ އަށް ބަދަލުކުރުމުގެ ބޭނުމުގަ އެވެ.
ޓެކްސް ފޮތްތަކުގައި ވެސް އެކަން ކުރަން އިރުޝާދު ދީފައި އޮންނަ ގޮތްތަކުގެ ތެރޭގައި ވެސް އެކަން އޮންނަނީ އެ ގޮތަށެވެ. ބިންބިމާއި ރިސޯޓް ފަދަ ތަންތަން ގަނެގެން އެ ވިއްކުމުގެ މުއާމަލާތުގެ ތެރެއަށް ސެންޓްރަލް ބޭންކް ވަންނަ މަފްހޫމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޮވެ އެވެ. އެއީ އެ ފަދަ ހަރު މުދަލަކީ ފަސޭހައިން ވިއްކާލައ ފައިސާ އަށް ބަދަލު ކުރެވޭ ތަކެއްޗަށް ނުވާތީ އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކުން 14 ބިލިއަނަށް ބިމެއް ގަތުމުގެ ވާހަކަ އާންމުވުމާ އެކު އިގްތިސޯދީ މާހިރުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ގެންދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އެއީ ކުރަން ހެޔޮވާވަރުގެ މުއާމަލާތެއް ނޫން ކަމަށާއި، މަނިޓަރީ ގާނޫނުތައް ހުރި ގޮތުން އެފަދަ ބޮޑު މުއާމަލާތެއް ކުރުމަށް ޖާގަ ނުދޭ ކަމަށާއި އެއީ ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑުވެދާނެ ކަމެއް ކަމަށް ބުނަމުން ގެންދެއެވެ.
ސެންޓްރަލް ބޭންކް، އެމްއެމްއޭ އިން ބިމުގެ ވިޔަފާރި ކުރާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ނިމިދިޔަ ސަރުކާރުގައި އެޗްޑީސީން 84،000 އަކަފޫޓުގެ ބިމެއް 300 އެއްހާ މިލިއަން ރުފިޔާއަށް ގަތެވެ. އެ ބިމުގެ މައްޗަށް 11 ބިލިއަން ދީފައި ގަންނަ ބިމަކީ އަދި ކޮބައިކަން ސާފެއް ނުވެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައި ވާ ގޮތުން، އެމްއެމްއޭއިން ބިން ގަންނަނީ 14 ބިލިއަނަކަށް ނޫނެވެ. އަދި އެއީ އެއްފަހަރާ ގަނޑުކޮށް ފައިސާ ދީގެން ކުރާ މުއާމަލާތެއް ވެސް ނޫނެވެ. ނަމަވެސް އެ މުއާމަލާތް ކުރުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައި ވާ ކަމަށާއި ޖުމްލަ 5 އަހަރުން އަގު އަދާކުރާ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެމްއެމްއޭގެ މު މުއާމަލާތާ ގުޅެގޮތުން އެ ބޭންކުން ވެސް އަދި ކަމާ ގުޅުން ހުރި އެހެން ފަރާތަކުން ވެސް ރަސްމީ މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެ އެވެ.
ރަން ބިމެއްގެ މުއާމަލާތް ކުރަނީ ހަރަދު ފޫބައްދަން ފައިސާ ނެތިގެން؟
11 ބިލިއަނުގެ ބޮޑު މުއާމަލާތެއް މި ސަރުކާރުން ކުރާ އިރު ނިމިދިޔަ ސަރުކާރުން ދަރަނި ނަގާ ދަރަނި ދައްކަން އިތުރު ދަރަނި ނަގާ ރާއްޖެ ދަރުވާލާފައި ދިޔަކަން ހިސާބުތަކުން ފެންނަން އެބަހުއްޓެވެ. އިންޑިއާ އިން ނަގާފައި ހުރި ދަރަނީގެ ތެރެއިން 100 މިލިއަން ޑޮލަރު މި ސަރުކާރުން ދާދި ފަހުން ހަލާސް ކޮށްފައި ވާ އިރު ހިނގަމުން މިދާ މަހާއި ކުރިއަށް އޮތް ކޮންމެ މަހެއްގައި ދައްކަން ހުރި ދަރަނި ވެސް ގިނައެވެ. އެގޮތުން 355 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރަން މިހާރުވެސް އޮތީ ބޯމަތި ވެފައެވެ. އެއީ ވެސް ނިމިދިޔަ ސަރުކާރުގައި ނަގާފައި ހުރި ދަރަންޏެވެ.
ރާއްޖެއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު 'މާލީ މުސީބާތަކީ' މި ދަރަނިތަކުގެ މައްސަލައެވެ. ދަރަނި ދައްކަން ދަރަނި ނަގާ ނަގާ، ގައުމު މިހާލަތަށް ވައްޓާލައިފައި ވާއިރު ދަރަނި ދޭން ތިބި ފަރާތްތަކަށް ވެސް ސުވާލު އުފެދޭ ހިސާބަށް ވަނީ ސޮއްސާލައިފަ އެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ލިބޭނެ އާމްދަނީ ކަމަށް ބަޔާންކުރާ އަދަދުތަކަށް ވުރެ ހިނގާ ހަރަދު އިތުރު ވާތީ އެބައި ފޫބައްދަން 18.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަމަށް ހިމަނާފައި ވެ އެވެ. އެއީ ބަޖެޓް ސަޕޯޓަށް ބޭރުގެ މާލީ އިދާރާތަކުން ހޯދާ 7 ބިލިއަނާއި، ރާއްޖޭގެ މާލީ ބާޒާރުގެ ތެރެއިން 5 ބިލިއަނާއި އެކިއެކި މަޝްރޫއުތައް ހިންގަން ސޮއިކުރި ލޯނުތަކުން ލިބޭ 5 ބިލިއަން ރުފިޔާ އާއި ދަރަނި ހަލާސް ކުރަން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ނަގާ 2 ބިލިއަން ރުފިޔާ ލައިގެން އަދަދު ހަމަކުރާ ގޮތަށެވެ.
ރާއްޖޭގެ މާލީ ހާލާތު އޮތް ގޮތުންނާއި ދަރަނި ދައްކަން ދަރަނި ނަގާ ނަގާ، ދަރަނި ދޭ ފަރާތްތަކުގެ އިތުބާރު ގެއްލޭ ހިސާބަށް ދުއްވާލާފައި އޮތުމުން ބޭނުންހާ ތާކުން ބޭނުންހާ ގޮތަކަށް ފައިސާ ނުވަތަ ލޯނު ލިބުމަކީ ފަސޭހައަށް ވުރެ އުނދަގޫ ކަމެކެވެ. ދަރަނި ދައްކަން ދިން ދަރަނި ދައްކާނީ ކޮން އިރަކުތޯ ސުވާލު އުފައްދާ ހާލަތެއްގައި އޮތުމަކީ މި އުނދަގޫ އިތުރަށް ބޮޑުވާ އެއް ސަބަބެވެ. ދަރަނި ދައްކަން ދިން ދަރަންޏަށް ހެދި ގޮތެއްގެ ވާހަކަ އެހެން މަޒުމޫނެއްގައި ގެންނާނަމެވެ.
އެމްއެމްއޭގެ މުއާމަލާތުން އިގްތިސޯދަށް ވާނީ ކިހިނެއް؟
ބާޒާރުގައި އެއްޗެއް މާ ތިޔާގި ވެއްޖެއްޔާ އަގު ދަށްވާކަން އެންމެނަށް ވެސް އެނގޭނެއެވެ. މިސާލަކަށް ބާޒާރުގައި ކަރާ ގިނައިއްޔާ އަގު ދަށް ވެއެވެ. ފައިސާ އަކީ ވެސް އެހެން ވާ އެއްޗެކެވެ. ހިސާބަށް ވުރެ ދިވެހި ރުފިޔާ ބާޒާރުގައި ގިނަ ވެއްޖެނަމަ އޭގެ މުގާބިލުވާ ބޭރު ފައިސާގެ އަގު މަތިވެގެން ދެ އެވެ. މިސާލަކަށް ޑޮލަރު ގަންނަން އިންތިހާ ގިނަ ދިވެހި ރުފިޔާ އަތުގައި ހުރިއްޔާ، ކޮންމެ ރޭޓަކަށް ދިނަސް ޑޮލަރު ގަންނާކަން ޖެހިލުމެއް ނުވާނެތާ އެވެ. ނުވަތަ އެ ޑޮލަރު ގަންނަން ބޭނުން ވެގެން ހުށަހަޅާ ފަރާތްތައް ގިނައިއްޔާ ޑޮލަރު ވިއްކާ ފަރާތުން ބޮޑު އަގަށް ޑިމާންޑް ކުރާނެތާ އެވެ.
ހަމަ އެގޮތަށް ބާރުގައި ވިއްކަން ހުންނަ ތަކެތި ވެސް ގަންނާނެ ދިވެހި ފައިސާ ބާޒާރުގައި ގިނަ ވާނަމަ އެ ތަކެތީގެ އަގުތައް އުފުލިގެން ދާނެ އެވެ.
އެމްއެމްއޭ އިން ގަންނަ ބިމަށް 11 ބިލިއަން ދައްކާ ނަމަ އެ ފައިސާ އެޗްޑީސީން މާލީ އިދާރާތަކަށް ޖަމާކުރުމުން، އެ ފައިސާ ފިނޭންސުން ނަގާ، ދަރަނީގެ ބޮޑުބައެއް ހަލާސް ކުރުމަށާއި މީހުންގެ ބިލްތަކަށް ފައިސާ ދެއްކުމަށް ހަރަދު ކުރުމުން އަންނަ ބަދަލަކީ މީހުންގެ އަތްމަތީގައި ދިވެހި ރުފިޔާ ގިނަވެގެން ދިޔުމެވެ. އެ ބިމަށް އެއް ފަހަރާ 11 ބިލިއަން ނުދައްކާ އަހަރުން އަހަރަށް ބަހާލައިގެން 4 ބިލިއަނެއްހާ ރުފިޔާ އަހަރަކު ނެރުނަސް އެއީ ވެސް އެ ބަދަލު ފެންނާނެ ކަމެކެވެ. ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގުތައް މަތިވާނެ އެވެ.
ދެން އުފައްދަން ވީ ސުވާލަކީ އެމްއެމްއޭ އިން ރަން ބިން ގަންނަން ނިންމީ، ދާދި ފަހުން ސަރުކާރުން އަޅަން ފެށި އިގްތިސޯދީ އިސްލާހީ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ފެންނާތީ އެއީ ދެމެހެއްޓެނިމި މިންގަނޑަކަށް ބަލައިގެންތޯ އެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ ޑޮލަރުގެ މިންވަރެއް ބޭންކަށް ޖަމާކުރަން ލާޒިމު ކުރި ބަދަލާއެކު ޑޮލަރުގެ އަގުތައް ދަށަށް ޖެހިލުމާއި، ފައިސާ ޗާޕު ނުކުކޮށް ބޭރުގެ ދަރަނިތައް ހަލާސް ކުރަމުން ގެންދިޔުމުގެ ހެޔޮ މިސްރާބު މާ ދުރަށް ފަހިކޮށް ފެންނަން އޮތީތޯ އެވެ.
މި އަސާސްގައި ސަރުކާރުގެ ހަރުދަނާ ވިސްނުމެއް އެބަ އޮތެވެ. އެއީ ބާޒާރަށް ފައިސާ ނެރުނަސް ނުވަތަ ޗާޕު ކުރިއަސް ކުރާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ބުނާ ވާހަކަ އެވެ. މިސާލެއް ވެސް އެބައޮތެވެ. ބޭރުގެ ދަރަނީގެ ތެރެއިން މިހާތަނަށް ޖުމްލަ 150 މިލިއަން ޑޮލަރު ދައްކާ ހަލާސް ކޮށްފައި ވާ އިރު، އެއީ ގާތްގަނޑަކަށް 3 ބިލިއަނެއްހާ ރުފިޔާ އެވެ. އެއީ މާލީ ބާޒާރުން މަދުވެގެން ދިޔަ ދިވެހި ރުފިޔާ ކަމަށް ވާ އިރު، އަޑުއަރައިގެން އުޅޭ 14 ބިލިއަން ރުފިޔާގެ މުއާމަލާތް ނުވަތަ 11 ބިލިއަނަށް ގަންނަ ބިމުގެ މުއާމަލާތް ވެސް ކުރާން ވިސްނާފައި ވަނީ ފިސްކަލް ސްޕޭސް ގެ ތެރެއިން އެ މަދުވާ މިންވަރަކުން ކަމަށް ގަބޫލު ކުރުމެވެ. އެ މަގުން އެކަން ކުރާ ނަމަ މަރުކަޒީ ބޭންކުން ގަންނަ ރަން ބިމަކީ ރަނަށް ނުވާ ރަން ބިމެކެވެ.