ނ. ހޮޅަދޫއަށް މި މަހުގެ 6 ވަނަ ދުވަހު ކުރެއްވި ދަތުރަކީ އެ ރަށުން ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު ފަރާތަކާއި ބައްދަލުކޮށްލުމަށް ކުރެއްވި ދަތުރެއްކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެހާ ކައިރިކައިރީގައި ނ.ހޮޅުދޫ އަށް ވަޑައިގަންނަވަން ޖެހުނު ސަބަބު ހާމަކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ފެބުރުއަރީ 25، 2025 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ނ. ހޮޅުދޫ އަށްގޮސް ފެބުރުއަރީ 26، ގައި އެރަށުން ފުރަން ދަނިކޮށް ވަކިން ބައްދަލުކޮށްލަން އެދުނު ބައެއް ފަރާތްތަކާއި ބައްދަލުނުވެ ފުރަންދަނީކަމަށް ބުނެ އެ ރަށު މީހަކު ކަންބޮޑުވުންފާޅުކޮށްފައިވާކަމަށެވެ.

"އެވަގުތު އަޅުގަނޑު ވަރަށް އަވަހަށް އެރަށަށް އަދި ދާނެކަމަަށް ތަކުރާރުކޮށް ބުނުމުންވެސް ދެން އެރަށަށް އަޅުގަނޑު ނުދާނެކަމަށް އެބޭފުޅާ ދަންނަވަމުންދިޔަ. އެވަގުތު އަޅުގަނޑުގެ ޝެޑިއުލް ބަލާފައި މާޗް 9، 2025 ވަނަދުވަހު އިރާދަކުރެއްވިއްޔާ އެރަށަށް ދާނެކަމަށް ބުނިން." އިހްސާންގެ ޕޯސްޓުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ދެން އެރަށަށް ނާންނާނެކަމަށް ތަކުރާރުކޮށް އެ ފަރާތުން ބުނަމުން ދިއުމާއި ގުޅިގެން އެކަމުގެ ޔަގީންކަން ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އެ ޔަގީންކަން އިތުރަށް ދިނުމަށް މާޗް 9 ގައި އެރަށަށް ނުގޮސްފިނަމަ މާޗް 10 ވަނަ ދުވަހު ވަޒީފާގައި ނުހުންނާނެކަމަށް ވިދާޅުވެފައިވާކަމަށް މިނިސްޓަރު ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް އެ ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން މާޗް 6، 2025 ގައި އެރަށަށް ދެވަނަ ފަހަރަށްގޮސް ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު ފަރާތްތަކާއި ބައްދަލުކޮށް ވީ ވައުދު ފުއްދާފައިވާނެކަމަށް އިހްސާން ވިދާޅުވިއެވެ.