ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށްރަށާއި ބިންބިމާއި ފަޅުފަޅުގެ އިތުރުން، ކައުންސިލްތަކުގެ އިހްތިސޯސްގެ ތެރޭ ހިމެނޭ ރަށްރަށް ވެސް ފަތުރުވެރިކަމަށް ދޫކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި އޮތީ މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި އެ ތަންތަނުގެ ބިނާވެށި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެ ތަނެއްގެ ކައުންސިލަކުންނެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމަށް ރަށްރަށާއި ފަޅުފަޅު ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސޯދީ ނުވަތަ އިޖުތިމާއީ ސިޔާސަތުގެ ދަށުން ދުރާލާ އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މީގެ އިތުރުން، ކްރޮސް ސަބްސިޑީގެ ދަށުން ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުފަޅުގެ ތެރެއިން މި ގާނޫނުގެ ދަށުން 50 އަހަރަށް ލިބިފައިވާ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރަށް ދައްކަން ޖެހޭ ފީ އާއި ޖޫރިމަނާ ދައްކާފައިވާ ފަރާތްތަކަށާއި، ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަހުގެ ތެރޭ ފަސް މިލިއަން ޑޮލަރު ދައްކާފައިވާ ފަރާތްތަކަށް، ނުވަތަ ހަ މަސް ފާއިތުވުމަށް ފަހު 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކާފައިވާ ފަރާތްތަކަށް 49 އަހަރު އިތުރުކޮށްދެވޭނެ ކަމަށް ގާނޫނުގައި ވެއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ މުއްދަތު އިތުރުކުރުމަށް ލުޔެއް ދީފައެވެ. އެއީ:

  • ގާނޫނު އިސްލާހުކުރާތާ ހަ މަހުގެ ތެރޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދީފައިވާ މުއްދަތަށް 20 އަހަރު އިތުރުކުރުމަށް 2.5 މިލިއަން ރުފިޔާ އެއްފަހަރާ ދައްކާފައިވުން
  • ނުވަތަ ގާނޫނު އިސްލާހުކުރާތާ ހަ މަހުގެ ތެރޭ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދީފައިވާ މުއްދަތަށް 25 އަހަރު އިތުރުކުރުމަށްޓަކައި ތިން މިލިއަން ޑޮލަރު ދައްކާފައިވުން