އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4 ލައްކައިން މައްޗަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 481،966 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 6.9 އިންސައްތައިގެ ކުރިއެރުމެކެވެ. އެއާއެކު ދުވާލެއްހެ މައްޗަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 7 ހާހަށް ވުރެ އިތުރުވެފައިވާކަމަށް ތަފާސްހިސާބުން ހާމަވެއެވެ.
62،278 ފަތުރުވެރިންނާއެކު އެންމެ ގިނައިން ރާއްޖެ އަށް އައި ފަތުރުވެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ދެވަނައިގައި 48،651 ފަތުރުވެރިންނާއެކު ރަޝިޔާ މާކެޓު އޮތްއިރު ތިންވަނައިގައި އޮތީ 48،364 ފަތުރުވެރިންނާއެކު ޔޫކޭގެ ފަތުރުވެރިންނެވެ.
ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،172 ފެސިލިޓީއެއް މިހާރު އޮޕަރޭޓްކުރަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 826 ގެސްޓްހައުސް އާއި 157 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ރާއްޖޭގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރުގެ މަގާމަށް މިވަގުތު ދުނިޔޭގައި ހުރި އެންމެ ނުފޫޒުގަދަ ފުޓުބޯޅަ ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ވަނީ ހަމަޖައްސާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވިޒިޓް މޯލްޑިވްސްއިން ބުނީ ފެބްރީޒިއޯ ރޮމާނޯ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރުވާ އިސްތިހާރު ކުރުމަށް ކުރެވިގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
ފެބްރީޒިއޯ ވަނީ ބުރަ ދުވަސްތަކަކަށްފަހު ވެކޭޝަން ހަދާލަން ނުވަތަ އަރާމުކޮށްލަން ދާން އެންމެ ރަނގަޅު މަންޒިލަކީ ދިވެހި ރާއްޖެ ކަމަށް ބުނެފައެވެ. ރާއްޖެ އަކީ ގުދުރަތީ ރީތިކަމުން ފުރިގެންވާ އުފާވެރި މަންޒިލެއްގެ ގޮތުގައި ސިފަކޮށް ފެބްރީޒިއޯ ވަނީ ރާއްޖޭގެ ރީތިކަން ފެނި ހައިރާންވި ކަމަށް ބުނެފައެވެ.