މި ރޯދަ މަހު މާލެ ސަރަހއްދުގައި ކަރަންޓް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހަށް ވުރެ ހުކުރު ދުވަހު ޕީކް ގަޑީގައި ކަރަންޓް ބޭނުންކުރި މިންވަރު ދަށްވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މި ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭ ސަރަހައްދުގައި ޕީކް ގަޑިގައި ކަރަންޓް ބޭނުން ކުރި މިންވަރު ވަނީ 78 މެގަވޮޓަށް އަރާފައެވެ. އެ ދުވަހު 78 ގައި އެ އަދަދު ހުރި އިރު، މާލެ ސަރަހައްދުގެ ސްކޫލްތަކާއި އޮފީސްތައް ބަންދުވެފައި ވުމުން ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި ވަރު ދަށްވި ސަބަބެއް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ.
މި ރޯދަ މަހު މާލެ ސަރަހައްދުގައި އެންމެ މައްޗަށް ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި މިންވަރު އަރާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ޕީކް ގަޑީގައި 97 މެގަވޮޓާ ގާތްކުރާ އަދަދަކަށް ކަރަންޓް ބޭނުންކޮށްފައި ވީ ނަމަވެސް ހުކުރު ފުވަހު އެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.
ސްޓެލްކޯ އިން ބުނީ، ހުކުރު ދުވަހު މާލެ އާއި ހުޅުމާލޭގައި ޕީކް ގަޑީގައި ކަރަންޓް ބޭނުން ކުރި މިންވަރު ވަނީ 90 މެގަވޮޓަށް އަރާފައި ކަމަށެވެ. ބުރާސްފަތި ދުވަހާ އަޅާބަލާއިރު އެ އަދަދު ދަށް ވެފައި މި ވަނީ އެއީ އޮފީސްތައް ބަނދު ދުވަހެއް ކަމުގައި ވާތީ ކަމަށް ވެސް ސްޓޭލްކޯ އިން ބުނެއެވެ.
މި އަހަރުގެ ރޯދަމަ މަސް ދިމާވެފައި މިވަނީ އަހަރުގެ ހޫނު ގަދަ މޫސުން ފެށުނު ދުވަސްވަރު ކަމުން ކަރަންޓް ބިލްތައް މައްޗަށް ދާނެ ކަމަށް ބުނެ ސްޓެލްކޯއިން ވަނީ ކަރަންޓް އިގްތިސޯދު ކުރުމަށް އިލްތިމާސްކޮށްފައެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނެފައި ވަނީ، 2023 ގައި ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށް އަރާފައިވާ އިރު، މިދިޔަ އަހަރު ޕީކްލޯޑް ވަނީ 113 މެގަވޮޓުަށް އަރާފައެވެ. މިހާރު ކަރަންޓުގެ ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މާލެ ސަރަހައްދުގައި މި އަހަރުގެ ޕީކްލޯޑް 134 އަށް އަރާނެ ކަމަށް ބެލެވޭ ކަމަސް ސޓެލްކޯއިން ވަނީ ބުނެފައެވެ.