ހިނގަމުންދާ ބަރަކާތްތެރި ރަމަޟާން މަހަކީ ﷲ މަތިން ގިނަގިނައިން ހަނދުމަކޮށް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އަހަރުމެންގެ އަމަލުތައް ބައްޓަން ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުންދާ އެއް މައްސަރެވެ. މި މަތިވެރި މަހުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު ނޭނގި ނަމަވެސް އަހަރެމެންނަށް ކުރެވޭ އެންމެ ބޮޑު އެއް ކަމަކީ އިސްރާފު ކުރުމެވެ.
އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނައަޅައި ދިއުމެވެ. އެގޮތުން ކެއުން ބުއިމާއި، ފޭރާމާއި ހިފައި ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަކުރުމަކީ ވެސް އިސްރާފު ކުރުމެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ދީން އުގަންނައިދެނީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިގްތިސާދު ކޮށްގެން ދިރިއުޅުމަށެވެ.
ނަމަވެސް އެހެން މަސްމަހާ ހިލާފަށް ރޯދަމަހަކީ އިސްރާފުގެ ބައި އިތުރު މަހެކެވެ. ހާއްސަކޮށް ކާބޯތަކެތި އިސްރާފު ކުރުމަކީ ނޭނގި ނަމަވެސް އަޅުގަނޑުމެންގެ ގައިގައި ހިފާފައިވާ ނު ރަނގަޅު އާދައެކެވެ. ކޮންމެ ދުވަހަކުވެސް ދެތިން ވައްތަރުގެ ހެދިކާ ހެދުމަކީ މަޖުބޫރު ކަމަކަށް ހީވެފައި އޮތް އޮތުން ބަދަލު ކުރަންޖެހެއެވެ.
އެއާއެކު މި ލިޔުމުގައި ގެނެސް މިދެނީ ރޯދަ މަހު އިސްރާފު ކުޑަ ކުރުމަށް ކުރެވިދާނެ ދެތިން ކަމެއްގެ ވާހަކައެވެ.
ކޮންމެ ރޯދަ މަހަކަށް ހިފާ ގެންގުޅޭ ތަކެތި އާ ނުކުރުމަކީ މައްސަލައެއް ނޫން
ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހިން ކާބަފާ ޒަމާނުއްސުރެ ކުރަމުންދާ ކަމެއް އޮވެއެވެ. އެއީ ގޭތެރެ ފޮޅާ ސާފު ކުރުމާއި ޒީނަތްތެރި ކުރުމެވެ. ކުރިން މިކަން ކަން ކުރަމުން އައީ ވަރަށް ސާދާ ގޮތަކަށެވެ. ބޮޑު ފެންޑާ އަށް ފެންޖަހާ ދޮވެ ސާފު ކުރުމުގެ އިތުރުން އޭރު ގެންގުޅޭ މަދު ތަށި ތަކާއި ހިފާ ގެންގުޅޭ ސާމާނު ދޮވެ ހެދުމަކީ ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން ކުރަމުން އައި ކަންކަމެވެ.
އެކަމަކު ޒަމާން ބަދަލުވެ އަހަރުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބޮޑު ފެންޑާގައި ހުންނަ އުނދޯލީގެ ބަދަލުގައި މިހާރު ހުންނަނީ ސޯފާއެވެ. ކުރީގައި ބަދިގޭގައި އަތްލާން ގެންގުޅެނީ މަދު ބާވަތްތަކެއް ނަމަވެސް މިހާރު ކޮންމެ ކަމެއް ކުރުމަށް އިލެކްޓްރޯނިކް ސާމާނު ހުރެއެވެ. ކުރުކޮށް ބުނަންޏާ އެ ދުވަސް ވަރާ އަޅާ ބަލާއިރު މިހާރު މާ ހައްޓަށް ފަސޭހައެވެ.
ނަމަވެސް ގޭގައި ގެންގުޅޭ އަތްލާ ގެންގުޅޭ ހުރިހާ ސާމާނެއް އާ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ހީވެފައި އޮތުމަކީ އަޅުގަނޑުމެންނަށް ކުރެވިފައިވާ ވަރަށް ބޮޑު ކުށްހީއެކެވެ. އެއް އަހަރު ބޭނުން ކުރުމަށްފަހު އެތަކެތި ރަނގަޅު ހާލަތެއްގައި ހުރެއްޖެ ނަމަ ދެން އަންނަ އަހަރުވެސް ބޭނުން ކުރަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. ކޮންމެ އަހަރަކު މި ހުރިހާ ތަކެތި ހޯދާ ނަމަ އެއީ ކުރެވޭ ވަރަށް ބޮޑު އިސްރާފެކެވެ. އެހެންކަމުން މިކަންކަމަށް ފުން ނަޒަރަކުން ވިސްނާލުން ރަނގަޅެވެ.
ކާބޯތަކެތި އިސްރާފު ނުވާ މިންވަރަށް ހެދުން މުހިންމު
އެހެން މަސްމަހާ އަޅާބަލާއިރު ރޯދަ މަހު ހުރިހާ ގެއެއްގެ ވެސް ސުފުރާ މަތި ވަރަށް ތިޔާގި ވާނެއެވެ. ބައެއް ގޭގެއަކީ ކޮންމެ މީހަކަށް ވަކި އެއްޗެއް ތައްޔާރު ކުރާ ގޭގެއެވެ. މިފަދައިން އަމަލު ކުރާނަމަ އެ ކުރެވެނީ ވަރަށް ބޮޑު އިސްރާފެކެވެ. އޭގެ ބަދަލުގައި ގޭގައި ތިބޭ މީހުންގެ މިންވަރަށް ބަލާ ކާބޯތަކެތި އިސްރާފު ނުވާނެހެން ކާ އެއްޗިސް ތައްޔާރު ކުރުމަށް އިސްކަންދިނުމަކީ އަހަރުމެންނަށް ކުރެވޭނެ ކަމެކެވެ.
ބާކީވާ އެއްޗެއް ހުރެއްޖެނަމަ މިފަދައިން ކަންތައް ކުރެވިދާނެ
މިއަދު ކައިފަ ބާކީވާ އެއްޗެއް ހުރެއްޖެނަމަ އަނެއް ދުވަހު އެ ބޭނުން ކުރަން އާދައަކަށް ހެދިދާނެއެވެ. އެގޮތުން މިއަދު ބަތް ގިނަވެއްޖެ ނަމަ މާދަމާ އޭގައި ކޮންމެވެސް ބާވަތެއްގެ މީރު ބަތެއް ތައްޔާރު ކޮށްލުމަށް ފްރިޖަށް ލާ ރައްކާ ކުރެވިދާނެއެވެ. ބާކީވާ ރޮށި އަދި ހެދިކާ ވެސް މިފަދައިން އަމަލު ކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ އުކާލުމުގެ ބަދަލުގައި ރޯދައިގެ އުފަލުގައި ނިކަމެތިންނާއި ފަގީރުންވެސް ހިމެނިދާނެއެވެ.
މީގެ އިތުރުން ވެސް ކުރެވިދާނެ ކަމެއް ވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ މިހާރު ގޭގައި ވެސް ގަސް ހައްދާ މީހުންނެވެ. އެހެންކަމުން ބާކީވާ ކާބޯތަކެތި އުކާލުމުގެ ބަދަލުގައި އެތަކެތިން ގަސްކާނާ އުފައްދައި ގަސްތަކަށް ބޭނުން ކުރުމަކީ ވެސް އިސްރާފު ކުރުމަށް އޮތް ދެމެހެއްޓެނިވި ހައްލެކެވެ.
މި ބަރަކާތްތެރި ރަމަޟާން މަހު ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް، ހެޔޮ ކަންތައްތައް ކުރުން ގިނަ ކުރުމަކީ، މި މަތިވެރި މަހުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ. ކާބޯތަކެތި، ތިމާ އަށާ ތިމާގެ އާއިލާއަށް ފުދޭވަރަށް ވުރެ އިތުރަށް ތައްޔާރު ކޮށް އިސްރާފު ވެގެންދާ އެއްޗަކަށް ހެދުމުގެ ބަދަލުގައި އަވަށްޓެރިންނަށާއި ނިކަމެތިންނަށް އެތަކެތި ހަދިޔާ ކުރާށެވެ.
އިސްރާފުކުރުން އިތުރުވުމަކީ ވިސްނާލަންޖެހޭ މުހިންމު ކަމަކަށްވާއިރު ދުނިޔޭގެ ފަގީރު ގައުމުތަކުގައި ބަނޑަށް ޖެހި މަރުވަމުން ދާ މީހުންނާ މެދުވެސް އަޅުގަނޑުމެން މި މާތް މައްސަރުގައި ހަނދުމަ ކުރަން ޖެހެއެވެ.
އަލްއައްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި އަޅުގަނޑުމެނަށް އަންގަވަނީ "އޭ އާދަމްގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދިތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެންނުވެތެވެ" އެހެންކަމުން ރަމަޟާން މަހުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އިސްރާފު ކުރުމާ ދުރުހެލި ވާށެވެ.