ގިޓަރިސްޓަށް ހުރި ޒުވާނާ ގިޓާގައި ހިފާ ކޯޑެއް އަޅާލިއެވެ. އެއާ އެކު އިވިގެން ދިޔަ މިއުޒިކާ އެއްވަރަށް ތަރާގެ ހަށިގަނޑު ދެއަތަށް މަޑުމަޑުން ހެއްލަމުން ދިޔައެވެ. މައިކް އަނގަޔާ ކައިރި ކޮށްލަމުން އިކާނާ ދިމާއަށް ތާރާ ބަލާލިއެވެ. އެއްއަތުން އިކާނަށް އިޝާރާތް ކޮށްލަމުން ލަވަ ކިޔަން ފުން ނޭވާއެއް ތާރާ އެތެރެ ކޮށްލީ ދެލޯ މަރާލަމުންނެވެ.

"ތީ ތީއެ މަގޭ އެންމެ އެދޭ. ހިތުގަ މިވާ ސޫރަ ތެދޭ.. ލޯބި މިވާ ވަރުދެން ބުނިއްޔާ. ގޯހެއް ހޭ މީ ހަދާ..އަންނާށެ އިސް ނަގާ.. ރޭ މި ވަނީ ދަންވެފާ.. އޯ އަންނާށެ އިސް ނަގާ.. ރޭ މި ވަނީ ދަންވެފާ.. ނުނިދޭނޭ މި ރޭ.. އައިމާ ނޫނީ ކަލާ..."

ތާރާގެ ރީތި އަޑުން އެލަވަ ކިޔައިދެމުން ދިޔައިރު އެ އަޑުގައި އިކާނަށް ވާ ލޯބި ފާޅުވަމުން ދިޔަ ކަހަލައެވެ. ޕާޓީގައި ތިބި ތާރާގެ އެކުވެރިންތައް މިއުޒިކާ އެއްވަރަށް އަތް ޖަހަމުން ދިޔައެވެ. ދުރުގައި ބަލަން ހުރި އިކާނަށް ޒިވީ ބަލަން ހުރިކަން ފާހަގަ ވިއެވެ. ޒިވީގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަތައް ފެނި އިކާންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

ލަވައިގެ މައިގަނޑު ކިޔާ ނިންމާލުމުން އިކާން ސްޓޭޖާ ދިމާއަށް އަވަސްވެގަތެވެ. އަދި އިތުރު މައިކެއް ނަގާ ތާރާގެ ގާތަށް ޖެހިލި އިރު ލަވައިގެ ކަޑި ތާރާ ކިޔަން ފައްޓަނީއެވެ.

"ހުވާކޮށް ބުނީމޭ.. ދުރުގަ ދެން ނުވާށޭ.. ވެދާނަން އެކީ ލޯބިން ކަފުނާ ވެލީގައި..."

އެހިސާބުން ލަވައިގެ ދެން ހުރިބައި ކިޔަން ފެށީ އިކާންގެ ރީތި އަޑުންނެވެ. އެ އަޑު އަހާ ހިތުން އެތައް ބަޔަކު އިންތިޒާރުގައި ތިބިއިރު އެ އެންމެން އެއްފަހަރާ ހަޅޭއް ލަވައިގަތެވެ.

"އަމޭ ގެންދަވާށޭ.. މަގޭ ޖިސްމު ޖާނާ.. އުފާ ދެން ލިބޭނީ ހިނިތުން ވެލީމާ... އަންނާށެ އިސް ނަގާ... ރޭ މި ވަނީ ދަންވެފާ އޯ އަންނާށެ އިސް ނަގާ.. ރޭ މި ވަނީ ދަންވެފާ.. ނުނިދޭނޭ މިރޭ އައިމަ ނޫނީ ކަލާ.."

ލަވައިގެ ފަހަތުން އެއްވަރަކަށް ތާރާއާ އިކާންގެ ރައްޓެހިންތައް ލަވަ ކިޔަމުން ދިޔައެވެ. އިކާންގެ ނަޒަރު ގޮސް ހުއްޓުނީ އޭރު ދުރުގައި ހުރި ޒިވީ އަށެވެ. ތާރާގެ އަތުގައި ހިފާ އިކާން ގާތް ކޮށްލަމުން އެންމެންގެ ތެރޭގައި ތާރާގެ ގައިގާ ބައްދާލިއެވެ. ޒިވީގެ ހިތަށް ކުރަމުން ދިޔަ އަސަރު އޭނާގެ ރަތްވަމުން ދިޔަ މޫނުމަތިން ފާޅުވިއެވެ.

މަންޒަރު ބަލަން ހުރި ފިޒާމަށް މަޑަކުން ނުހުރެވުނެވެ. ޒިވީ ކައިރިއަށް އައިސް ހުއްޓެމުން ފިޒާމް ވާހަކަ ދެއްކިއެވެ. "ވަރަށް ލޯބި ދޯ.. އިކާނާ ތާރާ އާ ވަރަށް ގުޅޭ... ހަމަ މޭޑް ފޯ އީޗް އަދާ..." ފިޒާމްގެ ބަސްތަކުން ޒިވީ އިތުރަށް ހިތުގައި ޖެހޭ ގޮތް ވިއެވެ. އޭނާގެ އިހްސާސްތައް ކޮންޓްރޯލް ނުކުރެވޭނެ ކަން އިނގޭތީ އޭނާ އެތަނުން ނިކުންނަން އަވަސް ފިޔަވަޅުތަކެއް އެޅީ ލިފްޓާ ދިމާއަށް ދާށެވެ.

ޒިވީ ދުވަމުން ކަހަލަ ގޮތަކުން ގޮސް ލިފްޓަށް އެރިތަން ބަލަން ހުރި އުލްފާ ގާތަށް ހިނިއައެވެ. ސްޓޭޖުން ފޭބުމަށްފަހު އިކާނާ ތާރާ މިސްރާބު ޖެހީ އެ ދެމަފިރިންނަށް އެރޭގެ ހާއްސަ ކެއުން ތައްޔާރު ކޮށްފައިވާ މޭޒު ކައިރިއަށެވެ.

އުލްފާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޕާޓީގެ ހުރިހާ ކަމެއް އެހާ ފުރިހަމަ ކޮށް ނިންމާލެވުނީމައެވެ.

*** *** *** *** *** ***

ކާރުގައި އިން އިރު ވެސް ޒިވީގެ ހިޔާލަށް އަންނަމުން ދިޔައީ އެ ދެމަފިރިން ކިޔަމުން ދިޔަ ލަވައެވެ. އިކާނާއި ތާރާގެ ކައިވެނީގައި އެ ދެމީހުން އެކުގައި ތިބި ގޮތެވެ. އިކާނަށް މެރީ ކުރަން އެނގުނީ ތާރާއާ ހެއްޔެވެ. މި ރާއްޖޭގަ ކިތައް އަންހެނުން އެބަ ތިބި ހެއްޔެވެ. އެ ނޫން މީހަކު އޭނާއަށް ހަމަ ނުފެނުނީ ހެއްޔެވެ. ނޫނީ އިކާން ބޭނުންވީ އަހަރެން ހިތުގަ ޖައްސަން ހެއްޔެވެ. ޒިވީގެ ހިތުގައި އުތުރެމުން ދިޔަ ޝަކުވާތަކުން އިތުރަށް އޭނާ ރޮއްވާލައިފިއެވެ.

ކާރުގެ ދުވެލި މަޑުކޮށްލީ ޒިވީ ދިރިއުޅޭ ގޭގެ ކުރިމައްޗަށެވެ. ކާރުން ފޭބުމަށްފަހު ގެއަށް ވަންނަން ޒިވީ އަވަސްވެގަތެވެ. ގެއަށް ވަދެ އަރައިގެން ހުރި ބޫޓު ބޭލުމަށްފަހު ކޮޓަރިއަށް ދާން ޒިވީ ހިނގައިގަތީ ސިއްރު ސިއްރުންނެވެ.

"ޒިވީ... ކޮބާ ޕާޓީ ކިހިނެއް؟.. މަންމަގެ ސަލާމް ބުނިންތަ؟..." ޒޫނާ ވާހަކަ ދައްކަމުން ކޮޓަރިން ބޭރަށް ނިކުތީ ކުޑަ ކޮރެއް ޖަހަމުންނެވެ. ސިއްރު ސިއްރުން އެތެރެއަށް ވަންނަން މަސައްކަތް ކުރި ޒިވީގެ ފިޔަވަޅު މަޑު ޖެހުނެވެ. އޭނާގެ މަންމައާ ކުރިމަތިލާން ބޭނުން ނުވާތީ ޒިވީ ވާހަކަ ދެއްކީ ޒޫނާއަށް ފުރަގަސްދީގެން ހުރެއެވެ.

"އާން .. ވަރަށް ސަޅި ޕާޓީ... ޒުމްރާއްތަމެން ވެސް ވަރަށް ސަލާމް ބުނި..." ޒިވީގެ އަޑުން އޭނާ ދެރަވެފައި ހުރިކަން ފާހަގަ ނުވާނެހެން ވާހަކަ ދެއްކީ ހިނިތުންވަމުންނެވެ.

"އެހެންތަ... ފޯނުން ފޮޓޯއެއް ނުނަގަންތަ؟.. ތާރާ ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެއޭ..." ސޯފާގައި އިށީންނަމުން ރިމޯޓް ނަގާ ޒޫނާ ޓީވީ ހުޅުވާލިއެވެ. ޒޫނާ ދެއްކި ވާހަކައަށް ޖަވާބެއް ނުދީ ޒިވީ ކޮޓަރިއަށް ވަނުމަށް އަވަސް ވެގަތެވެ.

އާންމުކޮށް ޒޫނާ ސީރީސް ބަލަން އިންނަ ވަގުތަކީ މިއީކަން ޒިވީއަށް އެނގެއެވެ. މަންމަ ކުރާ ސުވާލުތަކުން ރެކެން އެންމެ ފަސޭހަ ވަގުތަކީ މިއީ ކަން އެނގުމުން ޒިވީ ބަހެއް ނުބުނެ ދިޔައީއެވެ. އެހެން ނޫންނަމަ ޒޫނާގެ ސުވާލުތަކުން ޒިވީގެ ސިކުނޑި ގޮއްވާލާނެއެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ޒިވީގެ އަތް ދަބަސް އެނދުމައްޗަށް ހޫރާލިއެވެ. ބޮލުގެ އެއްފަރާތަށް ޖަހާފައިވާ މާ ނަގާ ހޫރާލަމުން އިސްތށިގަނޑު އަތުން ހާވާލިއެވެ. އޭރު ޒިވީއަށް ހަމަ ރަނގަޅަށް ވެސް ރޮވެނީއެވެ. އެ ކޮޓަރީގައިވާ އަލަމާރި ހުޅުވާލީ ޒިވީގެ ހެދުން ބަދަލު ކުރަން ހެދުމެއް ނަގާށެވެ. ނަމަވެސް ދޮރުފަތް ހުޅުވާލި އިރު އަލަމާރި ތެރޭގައި ތަތްކޮށްފައިވާ އިކާންގެ ޕޯސްޓަރު ފެނުމުން ޒިވީގެ ހަރަކާތް މުޅިން ގަނޑުވިއެވެ. ހުއްޓުން އަރާފައި އެ ޕޯސްޓަރާ ދިމާއަށް ބަލަން ހުރި އިރު ހިފެހެއްޓުނެއް ނެތި ޒިވީގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ.

"ކީއްވެ ތާރާއާ މެރީ ކުރީ؟... ވައި ތާރާ..." ދެ އަތުން މޫނު ފޮހެލުމަށްފަހު ޒިވީ ނޭފަތް ދަމާލިއެވެ. އެއަށްފަހު އަލަމާރި މަތީބައިގައި ފަތް ޖަހާފައި އޮތް ގަމީހެއް ނެގިއެވެ. ގޮޅިޖެހި ރަތްކުލައިގެ ގަމީހެކެވެ. އެ ގަމީހުން ވަސް ބަލާލީ އަދިވެސް އޭގައި އިކާންގެ ވަސް ހުރިތޯއެވެ. ގަމީހާއެކު ގޮސް އެނދުމައްޗަށް ވެއްޓިގެން އޮވެ ޒިވީގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކުން އެ ގަމީސް ތެތްމަމުން ދިޔައެވެ. އޭރު ޒިވީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިކާނާ އެންމެ ފަހުން ދެކެވުނު ވާހަކަތަކެވެ. ރެސްޓް ރޫމް ތެރޭގައި ކަންތައްވީ ގޮތެވެ.

- ނުނިމޭ -