ﷲ ސުބުހާނަހޫ ވަތައާލާ މި ބިންމަތީގައި ލެއްވި ހުރިހާ މަހުލޫގުންގެ ތެރެއިންވެސް އެންމެ އާދަޔާ ހިލާފު ސިކުނޑިއެއް ދެއްވާފައިވަނީ އިންސާނުންނަށެވެ. އިންސާނާގެ ސިކުނޑިއަކީ އަޖައިބުން ފުރިގެންވާ ގުނަވަނެކެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަނަށްވާއިރު ސައިންސްގެ އަލީގައި ސިކުނޑިއާއި ގުޅޭ ގިނަ ކަންކަން ސައިންސްވެރިން ވަނީ ހޯދާފައެވެ. ނަމަވެސް ސިކުނޑީގެ ބައެއް ކަންކަން އަދިވެސް ހޯދިފައެއް ނުވެއެވެ.

މީހެއްގެ އުޅުމާއި، މިޒާޖާއި، އަހުލާގު ފަދަ ކަންތައްތައް ފުރިހަމަކޮށް އެކަންކަން ކަނޑައެޅުމުގައި ޒިންމާވަނީ ސިކުނޑިއެވެ. ތަފާތު ގެއްލުންތަކުން ސިކުނޑި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ގުދުރަތީ އައްޑަނައެއްގެ ގޮތުގައި ބޮލުގެ ނާށިގަނޑު މަސައްކަތް ކުރެއެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައިވެސް އޮޓޮމޭޓެޑް ކޮމްޕިއުޓަރުތަކަށްވުރެ އިންސާނާގެ ސިކުނޑީގެ މަސައްކަތް މާފުރިހަމައެވެ. ހަށިގަނޑުގެ ކަންކަން ކޮންޓްރޯލް ކުރުމަށްޓަކައި ސިކުނޑިން ގިނަ އަދަދެއްގެ ސިގްނަލްތައް ފޮނުވައެވެ.

އިންސާނެއްގެ ސިކުނޑި ރަމްޒުކޮށްދޭ ފޮޓޯއެއް

މިގޮތުން އިންސާނުން ކެއިންބުއިމުގައި ގެންގުޅޭ އާދަތަކާއި، ކާތަކެތި ހަޖަމުކުރުމުގެ ނިޒާމަކީވެސް ހަށިގަނޑުގައިވާ ނާރުތަކުގެ އިތުރުން ސިކުނޑިން ކޮންޓްރޯލް ކުރާ ކަމެކެވެ. ދެން އުފެދޭ ސުވާލަކީ ކެއުމަށްފަހު ބަނޑު ފުރިއްޖެކަން ދެނެގަތުމަށް ސިކުނޑިއަށް މަދުވެގެން 8 މިނެޓު ނަގަނީ ކީއްވެތޯއެވެ. މިއީ އަޖައިބުކުރުވަނިވި ވާހަކައެކެވެ.

މުމްބާއީގެ ތަޖުރިބާކާރު އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ މަންޖުޝާ އަގަރްވަލް ވިދާޅުވާ ގޮތުގައި ބަނޑު ފުރިއްޖެކަން ދެނެގަތުމަށް ސިކުނޑިއަށް މަދުވެގެން 8 މިނެޓު ނަގައެވެ. މިކަން ދެނެގަތުމަށް އެކި މީހުންގެ ސިކުނޑިއަށް ނަގަނީ އެކި ވަގުތުކަން ފާހަގަކޮށް މަންޖުޝާ ވިދާޅުވީ ބައެއް މީހުންގެ ސިކުނޑިއަށް ބަނޑު ފުރިއްޖެކަން ދެނެގަތުމަށް 20 މިނެޓުވެސް ނަގާކަމަށެވެ.

ބަނޑު ފުރިއްޖެކަން ދެނެގަތުމަށް ސިކުނޑިއަށް ވަގުތުކޮޅެއް ނަގަނީ ހަށިގަނޑުގެ ހޯމޯން ނިޒާމުގެ ސަބަބުން

ކެއުމަށްފަހު ހަޖަމު ކުރުމުގެ ނިޒާމުން ކާނާ ހަޖަމުކުރަން ފަށައެވެ. މި ޕްރޮސެސްގެ ތެރޭގައި ހަށިގަނޑުން ބައެއް ހޯމޯންތައް އުފައްދައެވެ. މީގެ ތެރޭގައި ކޮލެސިސްޓޮކައިނިން، ޕެޕްޓައިޑް އަދި ލެޕްޓިން ފަދަ ހޯމޯންތައް ހިމެނެއެވެ.

ހޯމޯން އަކީ އިންސާނާގެ ހަށިގަނޑުގައި އުފެދޭ ވަރަށް މުހިންމު ކެމިކަލް މާއްދާއެކެވެ. އެގޮތުން ހަށިގަނޑުގެ އެތެރޭގެ މުވާސަލާތީ ނިޒާމުގެ މުހިންމު ދައުރެއް ހޯމޯން އަދާކުރެއެވެ. އަދި ހަށިގަނޑުގެ އެކި މަސައްކަތްތައް ކުރުމަށް އެހީތެރިވެދެއެވެ. އެގޮތުން ހަޖަމު ކުރުމުގެ ނިޒާމުން މި އުފައްދާ ހޯމޯންތަކުގެ މަސައްކަތަކީ ސިކުނޑިއަށް ސިގްނަލް ފޮނުވާ ބަނޑު ފުރިއްޖެކަން އަންގައިދިނުމެވެ. މި ހޯމޯންތައް އުފެދި ލޭގެ ތެރޭގައި ދައުރުވެ ސިކުނޑިއާ ހަމައަށް ދިއުމުގައި މަދުވެގެން 8 ވަރަކަށް މިނެޓު ނަގައެވެ. އެހެންކަމުން ބަނޑު ފުރިއްޖެކަން ދެނެގަތުމަށް ސިކުނޑިއަށް މަދުވެގެން 8 މިނެޓު ނަގައެވެ.

މިއީ ހަށިގަނޑުގެ ގުދުރަތީ ގޮތުން ހިނގާ ކަމަކަށްވާއިރު، މިކަމުގެ ސަބަބުން ގިނަ ފަހަރު ބޭނުންވާވަރަށްވުރެ އިތުރަށް ކެވެއެވެ. ހާއްސަކޮށް މިފަދަ ރޯދަމަހެއްގައި މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

އިތުރަށް ކެއުން މަދުކުރުމަށް ކެއުމުގައި އަމަލުތައް ބަހައްޓަން ވީގޮތް

ފުރަތަމަ ކަމަކަށް އަވަސް އަރުވައި ނުލާ ރަނގަޅަށް ހަފައިގެން ކެއުމަކީ މުހިންމު ކަމެކެވެ. އަދި ކެއުމަށްފަހު ވަގުތު ކޮޅެއް މަޑުކޮށްލަން ވާނެއެވެ. އެގޮތުން 15-20 މިނެޓު މަޑުކުރުމުން ބަނޑު ފުރިއްޖެކަން އިހުސާސް ކުރެވޭނެއެވެ. އޭރުން މާގިނައިން ކެއުމުންވެސް ދުރުހެލިވެގެންދާނެއެވެ.

ދުޅަހެޔޮ ސިއްހަތަކަށް ކެއުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުން ދުރުހެލިވާން ޖެހޭ

މީގެއިތުރުން ކެއުމުގެ ކުރިން ތަރުކާރީ ފަދަ ތަކެތި ކެއުމަކީވެސް ބަނޑު އަވަހަށް ފުރި އިތުރަށް ކެއުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމެކެވެ. ސަމާލުކަން ދޭން ޖެހޭ ވަރަށް މުހިންމު ކަމެއް އަދި އެބައޮތެވެ. މިހާރަކަށް އައިސް ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ފޯނެއް ނުވަތަ ޓީވީއަށް ނުބަލާ ނުއެއް ކެވެއެވެ. ނަމަވެސް މިފަދައިން ފޯނަށް ނުވަތަ ޓީވީއަށް ބަލަމުން ކެއުމަކީ ގިނައިން ކެއުމަށް މަގުފަހި ވެގެންދާ ކަމެއްކަމަށް ކަމުގެ މާހިރުން ބުނެއެވެ.

އެހެންކަމުން ކެއުމުގެ އާދަތައް ރަނގަޅުކޮށް ސިއްހަތަށް ފައިދާހުރި ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ހެޔޮ މިނެއްގައި ހިފެހެއްޓި އާންމު ސިއްހަތު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހާރުދަމުގެ ކެއުމަކީ ހަށިގަނޑަށް ފައިދާހުރި ލުއި ކެއުމަކަށް ހެދުން މުހިންމު

އެހެން މަސްމަހާ ހިލާފަށް ރޯދަމަހު މައިގަނޑު ގޮތެއްގައި ކައިބޮއި އުޅެނީ ތަފާތު 3 ވަގުތެއްގައެވެ. އެއީ ރޯދަ ވީއްލާ ވަގުތާއި، ތަރާވީހު ދަމާއި، ހާރު ދަމެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ހަށިގަނޑަށް ފައިދާހުރި ކާނާ ފައިދާ ވާ މިންވަރަށް ކެއުމަކީ މުހިންމުކަމެކެވެ. ހާއްސަކޮށް ހާރުދަމު ގިނައިން ކެއުމަށްފަހު ނިދުމަކީ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ހާރުގަޑީގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ތެރޭގައި ކާބޯހައިޑްރޭޓާއި، ޕްރޮޓީން ހިމެނޭ ބާވަތްތަކާއި މޭވާގެ ބާވަތްތައް ކެއުމަކީ ހަށިގަނޑަށް ފައިދާކުރާނެ ކަމެކެވެ. މިސާލަކަށް އޯޓްސް، ފިހުނުމަސް އަދި ކިރު ބޭނުންކުރެވިދާނެއެވެ. ހާރުގަޑީގައި ސައި، ކޮފީ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުމަކީ ހަށިގަނޑަށް ގެއްލުންވާނެ ކަންކަމެވެ. ބަދަލުގައި ބުއިމެއްގެ ގޮތުގައި ފެނުގެ އިތުރުން ކޮންމެ ވެސް ކަހަލަ މޭވާ ޖޫހެއް ހިޔާރު ކުރެވިދާނެއެވެ.

މޭވާއާއި ތަރުކާރީ އަދި ހަށިގަނޑަށް ކާބޯހައިޑްރޭޓްސް އާއި ޕްރޮޓީން ލިބޭ ކާނާ ކެއުން މުހިންމު

ރޯދަމަހު އާންމުކޮށް އެހެން މަސްމަހާ ހިލާފަށް ފެންބޮވޭ މިންވަރު މަދުވެގެންދެއެވެ. ހަށިގަނޑުގައި ފެން މަދުވުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭ ކަމެކެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެންބުއިމަކީ މުހިއްމު ކަމެކެވެ. އެގޮތުން މަދުވެގެން 8 ތަށި ފެން ފެންބުއިމަށް ސަމާލުކަން ދޭންވާނެއެވެ. ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެނާއި، ދިޔާތަކެތި ބޭނުންކުރުމަކީ ރޯދަޔަށް ހުންނައިރު ގެއްލިގެންދާ ފެން އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދެމިހުރެވޭނީ އެކަމަށް ކޮންމެ މީހަކުވެސް ފަރުދީގޮތުން އިސްކަން ދީގެންނެވެ. އަދި ހާއްސަކޮށް ރޯދަ މަހުގެ އަޅުކަން އެންމެ ފުރިހަމައަށް އަދާކުރެވޭނީވެސް ދުޅަހެޔޮ ބަޔަކަށް ވެވިގެންނެވެ.