މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ ހަޔާތްޕުޅުގައި އެކަލޭނގެފާނުގެ އަރިހުގައި އުޅުއްވި ސަހާބީންނަކީ އެކަލޭނގެފާނަށް ފަހު މި ބިންމަތީގައި އުޅުއްވައި ސުވަރުގެ ވަޑައިގެންނެވި އެންމެ މާތް ބޭކަލުންނެވެ. އިސްލާމީ ރިސާލަތު މީސްތަކުންނަށް ފޯރުކޮށް ދިނުމުގައި އެތަށް ޤުރުބާނީއެއް ވެދެއްވި އެބޭކަލުންނަކީ އިސްލާމް ދީނުގެ ހައްގުގައި ޖާނާއި މާލު ވެސް ގިނަ ފަހަރު ދެއްވި ބޭކަލުންނެވެ.
ދީނާއި ރަސޫލާގެ ހައްގުގައި އެބޭކަލުން ކުރައްވާފައިވާ ގިނަ ކަންކަން މަސައްކަތްތަކުގެ ސަބަބުން އޭގެ ތެރެއިން 10 ބޭކަލަކަށް ވަނީ މި ދުނިޔޭގައި ތިއްބަވަނިކޮށް ސުވަރުގޭގެ ހެޔޮ ހަބަރު މާތް ރަސޫލާ ދެއްވާފައެވެ.
އޭނގެ ތެރެއިން އެއް ބޭކަލަކީ ތަލްހަތް ބުން އުބައިދުއްﷲ (ރަޞިﷲ އަންހު)އެވެ. ތަލްހަތްގެ ފާނަކީ ބިމުގައި ހިނގަ ހިނގާ ހުންނެވި ޝަހީދެއްގެ ގޮތުގައި ރަސޫލާ ސިފަ ކުރެއްވި ބޭކަލާއެވެ.
އައިލާ
ތަލްހާގެފާނަކީ ބަނޫ ތައީމް ބިން މުއްރާހް ގަބީލާއަށް ނިސްބަތްވެވަޑައިގެންނެވި ބޭކަލަކެވެ. ބައްޕާފުޅުގެ ނަމަކީ އުބައިދުﷲ ބިން އުސްމާނެވެ. އަދި މަންމާފުޅަކީ ސައާބާހްއެވެ.
ތަލްހާގެފާނުގެ ބައްޕާފުޅަށް އިސްލާމް ދީނުގެ ހިދާޔަތް ލިބިވަޑައިގެންނުގެންނެވި ނަމަވެސް އެކަލާނގޭފާނުގެ މަންމާފުޅަކީ ރަސޫލާގެ އަރިހުން ދީން ގަބޫލުކުރެއްވި ބޭކަނބަލެކެވެ. މައްކާގެ މުސްލިމުން މަދީނާއަށް ހިޖުރަކުރުމުގެ ކުރިން އިސްލާމް ދީނު ގަބޫލުކުރެއްވި ސައާބާހް ރަޞިﷲ އަންހުއަށް ވަނީ ރަސޫލާގެ ސަހާބީންގެ ތެރެއިން ހިމެނިވަޑައިގެންނެވުމުގެ މާތް ޝަރަފު ލިބިވަޑައިގެންފައެވެ.
އިސްލާމް ދީނު ގަބޫލު ކުރުން
ތަލްހާގެފާނަކީ މައްކާގެ މަޝްހޫރު އަދި ގިނަ ބަޔަކު އިހްތިރާމް ކުރި ވިޔަފާރިވެރިއެކެވެ. މިގޮތުން، އަންނައުނުގެ ވިޔަފާރީގައި ޝާމްކަރާއި އަދި ޔަމަނަށް ގިނަ ދަތުރުކުރެއްވިއެވެ.
ބުނެވޭ ގޮތުގައި މި ގޮތަށް ކުރެއްވި އެއްދަތުރެއްގައި ޝާމްކަރާގެ ބަސަރާ ނަމަކަށް ކިޔާ އަވަށެއްގެ މާރުކޭޓުގައި ހުންނަވަނީކޮށް ކައިރި ފަޅިއްގެ ފާދަރީއަކު ކައުބާގެ ބިމުން އައިސްފައިވާ ވިޔަފާރިވެރިއަކު ހުރިތޯ އަހާ ސުވާލުކުރާ އަޑު އިވިވަޑައިގަތެވެ. ތިމަންނާ މިއައީ ކައުބާގެ ބިމުން ކަމަށް ތަލްހާގެފާނު ވިދާޅުވުމުން އެފާދަރީ ސުވާލުކުރިއެވެ.
" އަހުމަދުގެ ފާނު ފާޅުވެއްޖެތޯއެވެ". ކޮން އަހުމަދުގެފާނެއްތޯ ތަލްހާގެފާނު ސުވާލުކުރެއްވުމުން އެފާދަރީ ބުންޏެވެ.
"އެއީ އަބްދުﷲގެ ދަރިކަލުންނެވެ. އެއީ އެންމެ ފަހުގެ ރަސޫލާއެވެ. މިއީ އެކަލޭނގެފާނު ފާޅުވާނެ ކަމަށް ބަޔާންވެގެންވާ މަހެވެ. އެރަސޫލާ ފާޅުވަނީ ކައުބާގެ ބިމުންނެވެ. އަދި ކަދުރު ދަނޑުތަކުގެ ބިމަށް އެކަލޭނގެފާނު ހިޖުރަކުރައްވާނެއެވެ. އަވަހަށް އެކަލޭނގެފާނާ ބައްދަލުކުރައްވާ އެދެއްވާ ދައުވަތު ގަބޫލުކުރައްވާށެވެ".
ތަލްހާގެފާނު މައްކާއަށް އަނބުރާ ދިއުމަށް އަވަސްވެގަތެވެ. މައްކާއަށް ވަޑައިގަތުން އެނގިވަޑައިގަތީ 'މުހައްމަދު އިބްނު އަބްދުﷲ' ނަމަކަށް ކިޔާ މީހަކު ދީނަށް ގޮވާލައްވަމުން ގެންދަވާ ކަމަށާއި ތަލްހާގެފާނުގެ ދެބެންގެ ދެދަރި ބޭކަލެއް ކަމަށްވާ އަބޫ ބަކުރުގެފާނު އިސްލާމްދީނު ގަބޫލުކުރެއްވިކަމެވެ.
ބަސަރާގެ ފާދަރީ ބުނި ބަސްތައް ހަނދުމަކުރައްވަމުން ތަލްހާގެފާނު އަބޫބަކުރުގެފާނާއި ބައްދަލުކުރެއްވިއެވެ. ރަސޫލާގެ ރިސާލަތު އަބޫބަކުރުގެފާނު ތަލްހާގެފާނަށް އިއްވެވުމާއެކު އެކަލޭނގެފާނު އިސްލާމްދީނު ގަބޫލުކުރެއްވިއެވެ. ތަލްހާގެ ފާނަކީ އިސްލާމް ދީނު ގަބޫލުކުރެއްވި 8 ވަނަ ބޭކަލާއެވެ.
ބަސަރާއިން ދިމާވި ފާދަރީގެ ވާހަކަ ތަލްހާގެފާނު އަބޫބަކުރުގެފާނަށް ކިޔާދެއްވިއެވެ. އެއާއެކު އަބޫބަކުރުގެފާނު ތަލްހާގެފާނު ރަސޫލާ އަރިހަށް ގެންދެވިއެވެ. އަދި ހަމައެވާހަކަ ރަސޫލާއަށް ދެންނެވުމަށް ވިދާޅުވިއެވެ. އެފާދަރީގެ ވާހަކަ ކިޔާ ދެއްވުމުން ރަސޫލާ އުފާކުރެއްވިއެވެ.
މައްކާގެ މުޝްރިކުންގެ ފަރާތުން ލިބުނު އަނިޔާ
އެންމެ ފުރަތަމަ އިސްލާމް ދީނު ގަބޫލުކުރެއްވި މައްކާގެ މުސްލިމުންނަށް ކާފަރުންގެ ފަރާތުން ގިނަ އަނިޔާއާ ފުރައްސާރަ ތަހައްމަލުކުރަން ޖެހުނެވެ. އެހެން ނަމަވެސް ތަލްހާގެފާނަކީ މިފަދަ އަނިޔާ އެންމެ މަދުން ތަހައްމަލުކުރެއްވި އެއް ބޭކަލާއެވެ. އެއީ އެކަލާނގެފާނަކީ މައްކާގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ބޭކަލެއްވީމައެވެ.
އެހެން ނަމަވެސް ގުރައިޝުންގެ އަނިޔާ އެކަލޭނގެފާނުވެސް ތަހައްމަލުކުރެއްވި އިރު އޭނގެ ތެރެއިން އެއް ހާދިސާ ފާހަގަވެގެންދެއެވެ. މިގޮތުން، ގުރައިޝުންގެ މަޝްހޫރު ބޮޑެއް ކަމަކަށް ނައުފަލް އިބްނު ހުވައިލިދު ވަނީ ތަލްހާގެފާނާއި އަބޫބަކުރުގެފާނު އެއްރޯނަކުން ބަންނަވާފައެވެ. އެއީ މާތް ރަސޫލާ އަރިހަށް އެދެބޭފުޅުން ޒިޔާރަތްކުރެއްވުން ހުއްޓުވާ އިސްލާމްދީނު ދޫކޮށްލެވުމަށް މަޖްބޫރުކުރެއްވުމަށެވެ. މި ދެބޭކަލުން ބަނުމަށް ފަހު އެދެ ބޭކަލުންގެ ގައިގައި ތަޅާ ޗާބޫކުން ރަޖަމްކޮށް ކަނޑިންވެސް އަނިޔާކޮށް ހެދިއެވެ. އަދި ކާނެ އެއްޗެއް ބޯނެ އެއްޗެއް ނުދީ މި ދެބޭކަލުން އެހާލުގައި ގިނަ އިރުތަކެއް ވަންދެން ބޭތިއްބެވިއެވެ.
މަދީނާއަށް ހިޖުރަކުރެއްވުން
މައްކާގެ މުޝްރިކުންގެ ފަރާތުން މުސްލިމުންނަށް ލިބެމުން ދިޔަ އަނިޔާތައް ގިނަވުމާ ގުޅިގެން މާތް ﷲގެ އެންގެވުމުގެ މަތިން މާތް ރަސޫލާ އެކަލޭނގެފާނަށް ތަބާވި މަދު މީސްކޮޅައިގެން މައްކާއިން ނިކުމެ މަދަނީއަށް ހިޖުރަ ފެއްޓެވިއެވެ. އެރަށަށް ވަޑައިގެން މަގުމަތީ އެކަލޭނގެފާނަށާއި އަބޫބަކުރުގެފާނަށް ތަލްހާގެފާނާ ދިމާވެވަޑައިގެންނެވިއެވެ. ޝަމްކަރައިން އެނބުރި ވަޑައިގެންނެވި ތަލްހާގެފާނު ވަނީ ރަސޫލާއަށާއި އަބޫބަކުރުގެފާނަށް އާ ހެދުންކޮޅުތަކެއް ދެއްވެވިއެވެ. އަދި މަދީނާގެ ރައްޔިތުން މާތް ރަސޫލާއަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުން ދިޔަ ގޮތްތަކުގެ އުފާވެރި ހަބަރު ދެއްވިއެވެ.
ރަސޫލާ މަދީނާއަށް ވަދެވަޑައިގެންނެވީ ތަލްހާގެފާނު ދެއްވި އާ ހެދުންކޮޅު ތުރުކުރައްވައިގެންނެވެ. އެއަށްފަހު ތަލްހާގެފާނު އެނބުރި މައްކާއަށް ވަޑައިގެން އަބޫބަކުރުގެފާނުގެ އާއިލާއާއެކު މަދީނާއަށް ހިޖުރަކުރެއްވިއެވެ.
ބަދުރު ހަނގުރާމައިގާ ތަލްހާގެފާނު އަދާކުރެއްވި މުހިންމު ރޯލު
ބަދުރު ހަނގުރާމައިގައި ބައިވެރި މުސްލިމުންގެ ލަޝްކަރުގައި ތަލްހާގެފާނުގެ ހިމެނިވަޑައިގެންނެވި ނަމަވެސް އެ ހަނގުރާމައިގައި އަމަލީ ގޮތުން އެކަލޭނގެފާނު ބައިވެރިވަޑައިނުގަންނަވައެވެ. ބަދަލުގައި ރަސޫލާ އެކަލޭނގެފާނަށް އަދާކުރައްވަން ދެއްވީ މުހިއްމު ރޯލެކެވެ. އެއީ ޝަމްކަރާއިން މުދަލާއެކު އަބޫ ސުފްޔާން އިސްވެ ހުރެ ގެންނަ ގާފިލާއަށް ހޯދުމެވެ. މިކަން ހަވާލުކުރެއްވި ދެވަނަ ސަހާބީ އަކީ ސައީދު އިބްނު ޒައީދް ރަޞިއަﷲ އަންހުއެވެ.
މި ގާފިލާގައި ހިމެނޭ މުދަލަކީ މައްކާއިން މަދީނާއަށް ހިޖުރަކުރި މުސްލިމުންގެ މުދަލުން މުޝްރިކުން ފޭރިގެން މުދަލަކެވެ. އަބޫ ސުފްޔާނުގެ ގާފިލާ އޮތްތަން ހޯދައިގެން މި ދެ ބޭކަލުން މަދީނާއަށް އެނބުރި ވަޑައިގެން އިރު ބަދުރު ހަނގުރާމަ ނިމި މުސްލިމުންނަށް ކާމިޔާބު ލިބިއްޖެއެވެ. މި ދެބޭކަލުން ބަދަރު ހަނގުރާމައިގައި ބައިވެރިވަޑައިނުގެންނެވި ނަމަވެސް ހަނގުރާމައިގައި ލިބުނު ގަނީމާ މުދާ އެދެބޭކަލުންނަށް ވެސް ހަނގުރާމައިގައި ބައިވެރިވި ބޭކަލުންނަށް ލިބުނު ފަދައިން ލިބުނެވެ.
އުހުދު ހަނގުރާމައިގެ ދުވަސް ސަހާބީން ސިފަކުރައްވަނީ "ތަލްހާގެފާނުގެ ދުވަހުގެ" ގޮތުގައި
އުހުދު ހަނގުރާމައިގައި މުސްލިމުންނަށް ކާމިޔާބު ހޯދުމަށް އަދި ހާއްސަކޮށް ރަސޫލާގެ ފުރާނަކޮޅު ސަލާމަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ތަލްހާގެފާނެވެ. ހަނގުރާމައިގެ މެދު ތެރެއިން މުސްލިމުންގެ ގިނަ ބަޔަކު ޝަހީދުވެ މުސްލިމުން ބަލިވާނެ ކަމަށް ހީވާން ފެށުމުން ގިނަ ބަޔަކު ފިލައިގެން ދިޔަ ވަގުތު އެތަނުގައި ހުރި ފަރުބަދައެއްގެ މަތީގައި ހުރި ހޮހޮޅައަކަށް ވަންނަވަން ރަސޫލާއަށް ޖެހިވަޑައިގެންނެވިއެވެ. އެހޮހޮޅަށް ރަސޫލާ އެރުއްވީ ތަލްހާގެފާނުގެ ބުރަކަށިފުޅު މަތީގައި ހުންނަވާއެވެ. ރަސޫލާއާއެކު 12 ބޭކަލުން އެ ހޮހޮޅައަށް ވަދެވަޑައިގެންނެވި އިރު މުޝްރިކުންގެ ލަޝްކަރު ދިޔައީ އެތަނާ ކައިރިވަމުންނެވެ. އަދި އޭނގެ ތެރެއިން ބަޔަކު ހޮހޮޅައަށް ހަމަލާ ދޭން ހިފާލާ ކޮންމެ ފަހަރަކު، ދިފާއުގައި ދާނީ ކޮން ބޭކަލެއް ތޯ ރަސޫލާ އައްސަވާ ކޮންމެ ފަހަރަކު ވެސް ތަލްހާގެފާނު އިސްނަންގަވައެވެ. އެހެން ނަމަވެސް ތަލްހާގެފާނު މަޑުކުރެއްވުމަށް ރަސޫލާ އަންގަވައެވެ. އަދި ދިފާއުގައި ދާ ބޭކަލާ ހިތްވަރާއެކު ހަނގުރާމަކުރުމަށް ފަހު ޝަހީދުވެދެއެވެ. މިހެން ގޮސް ހޮހޮޅައިގައި ބާކީ ތިއްބެވީ ތަލްހާގެފާނާއި އިތުރު ރަސޫލާއެވެ.
އެދުވަހު ތަލްހާގެފާނުގެ ފަރާތުން ފެނިވަޑައިގެން ހިތްވަރާ އަޒުމާ ހުނަރުގެ ވާހަކަ ރަސޫލާގެ އެކި އެކި ހަދީޘްތަކުގައި ރިވާވެގެން އައިސްފައިވެއެވެ. މުޝްރިކުންގެ ސަފުތައް ބެއްލެވުމަށް ރަސޫލާ އިސްތަށިފުޅު އުފުލާލެއްވުމުން ތަލްހާގެފާނު ވިދާޅުވިކަމަށްވެއެވެ.
"އަހަރެންގެ މަންމައާއި ބައްޕަ ކަލޭނގެފާނަށްޓަކައި ގުރުބާން ކުރާ ނަމެވެ. ކަލޭނގެފާނުގެ އިސްތަށިފުޅު ނުއުފުއްލާށެވެ. ދުޝްމަނުންގެ ތީރެއް ކަލޭނގެފާނުގެ ގައިކޮޅަށް އަރާފަނެއެވެ. ކަލޭނގެފާނުގެ ކަދުރާއަށް ތީރެއް އެރުމުގެ ބަދަލުގައި އަހުރެންގެ ކަރަށް ތީރެއް ހެރުނަ ދޭށެވެ"
ހަނގުރާމައިގެ ތެރޭގައި ލިބިވަޑައިގެން އެކި އެކި ޒަހަމްތަކަށް ނުބައްލަވާ ތަޅާފޮޅެމުން ދިޔަ ތަލްހާގެފާނު ހުއްޓިވަޑައިގެންނެވީ ހޭފުޅު ނެތިގެން ދިއުމުންނެވެ. އެދުވަހު 24 ނުވަތަ 35 ޒަހަމް ތަލްހާގެފާނަށް ލިބިވަޑައިގެންނެވި ކަމަށް ބުނެވެއެވެ. އެންމެ ފަހުން ރަސޫލާއާއި ތަލްހާގެފާނު ތިއްބެވި ހިސާބަށް އަބޫބަކުރުގެފާނާ އެހެން ސަހާބީންނަށް ވަޑައިގެންނެވުމުން ފުރަތަމަ ތަލްހާގެފާނުގެ ހާލު ބެއްލެވުމަށް ރަސޫލާ އަމުރުކުރެއްވިއެވެ. އަދި އޭބަކަލުން ތަލްހާގެފާނުގެ އަރިހަށް ވަޑައިގެން އިރު އެކަލޭނގެފާނު އޮންނެވީ މަރުގެ ތުންފަތްމަތީގައެވެ. އެދުވަހު ލިބިވަޑައިގެން ޒަހަމްތަކުގެ ސަބަބުން ތަލްހާގެފާނުގެ އެއް އަތް އެއްކޮށް ވާވި ކަމަށް ބުނެއެވެ.
ތަލްހާގެފާނަކީ ހިތްވަރުގަދަ އަދި ދީލަތި ބޭފުޅެއް
ތަލްހާގެފާނުގެ ހިތްވަރު ގަދަ ކަން އުހުދު ހަނގުރާމައިގެ ތެރެއިން މުސްލިމުންނަށް ފެނިގެން ދިޔަ އިރު އެދުވަހު ލިބުނު ދާއިމީ އަނިޔާތަކަށް ފަހު ވެސް މާތް ﷲ އާއި ރަސޫލާގެ ހައްގުގައި އެކަލޭނގެފާނު އެތައް ހަނގުރާމައެއްގައި ބައިވެރިވަޑައިގެންނެވިއެވެ.
ތަލްހާގެފާނަކީ މުއްސަނދި ބޭކަލެއް ކަމަށް ބުނެވޭ އިރު އެކަލޭނގެފާނަކީ ނުހަނު ދީލަތި ބޭފުޅެއް ކަމަށް ވެސް ބުނެވެއެވެ. ތަލްހާގެފާނުގެ ދީލަތިކަމުގެ ސަބަބުން ހުދު ރަސޫލާ ސައްލައްﷲ އަލިހިވަސައްލަމް ވަނީ އެކަލޭނގެފާނަށް އަލް-ފައްޔާޟު: ދީލަތުކަމުން ފުރިފައިވާ މީހާގެ ލަގަބް ދެއްވާފައެވެ.
ތަލްހާގެފާނު އަވަހާރަވުން
މުސްލިމުންގެ ތިންވަނަ ޚަލީފާ އުސްމާނު ރަޟިއަﷲ އަންހު އަވަހާރަކޮށްލުމަށް ފަހު މުސްލިމުންގެ ތެރޭގައި އުފެދިގެން އައި ހަމަނުޖެހުމާއެކު ދާހިލާ ހަނގުރާމައެއްގެ ތެރެއަށް އުއްމަތް ވެއްޓިގެން ދިޔައެވެ.
ތަލްހާގެފާނު އަވަހަރާވެވަޑައިގެންނެވީ މި ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކައިކޮޅަށް ތީރެއް އަރައިގެންނެވެ. ހަނގުރާމައިގެ މައިދާނުގައި ތަލްހާގެފާނު ވެއްޓިވަޑައިގެން އޮތްތައް ފެނިވަޑައިގެން އަލީގެފާނު އެކަލޭނގެފާނުގެ އުގުތެރެއަށް ތަލްހާގެފާނު ލައްވާ އެކަލޭނގެފާނުގެ މޫނުކޮޅު ފުއްސަވާ ކީރިތި ކުރެއްވިއެވެ. އަދި ތަލްހާގެފާނުގެ ކަފުންކުރައްވާ އެކަލޭނގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވީ ވެސް އަލީގެފާނެވެ.
ޖަނާޒާގައި ބައިވެރިވި މީސްތަކުންނަށް އަލީގެފާނު ވިދާޅުވިއެވެ.
"ކީރިތި ރަސޫލާ ވިދާޅުވާތީ އަހުރެން އެހީމެވެ. ތަލްހާގެފާނާ ޒުބައިރުގެފާނު ވާނީ ސުވަރުގޭގައި ތިމަން ކަލޭނގެފާނުގެ އަވައްޓެރިން ކަމުގައެވެ"