ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީގެ ޕާސްޕޯޓު ކެންސަލްކުރަން ނެރުނު އަމުރު ފަސް އަހަރު ފަހުން ބާތިލުކަމަށް، ހައި ކޯޓުން ކަނޑައަޅައިފިއެވެ.
ހުކުމް ތަންފީޒު މައްސަލައެއްގައި ޒަކީގެ ޕާސްޕޯޓު ކެންސަލް ކުރަން ސިވިލް ކޯޓުން އަމުރެއް ނެރުނީ 2020 ވަނަ އަހަރުގައެވެ. ނަމަވެސް އެ އަމުރު ނުނެރެވޭނެ ކަމަށް ބުނެ އިމިގްރޭޝަނުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ހައި ކޯޓުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމީ އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.
އެހެންވެ ހައި ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުން އެ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓަށް ދިޔައެވެ.
މި މައްސަލައިގައި އޭގެ އެއް އަހަރު ދުވަސް ފަހުން ސުޕްރީމް ކޯޓުން ނިންމީ ޒަކީގެ ޕާސްޕޯޓު ކެންސަލްކުރަން އަމުރު ނެރެފައިވަނީ އިމިގްރޭޝަންގެ މައްޗަށް ކަމަށް ވުމުން، އެ އަމުރު އިސްތިއުނާފްކުރުމުގެ ހައިސިއްޔަތު ދައުލަތަށް އޮތް ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަން ހައި ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރިއެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޒަކީގެ ޕާސްޕޯޓު ކެންސަލްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފްކުރަން ދައުލަތުގެ ފަރާތުން ހައި ކޯޓަށް އަލުން ހުށަހެޅިއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލްކުރަން ދައުލަތުން އެދުނީ ސާބިތު ދަރަނީގެ މައްސަލަތަކުގައި ފައިސާ ދައްކަން ޖެހޭ ފަރާތަކީ ކުންފުންޏެއް ފަދަ ގާނޫނީ ޝަހުސެއް ނަމަ، އެ ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އެ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓޭނެ ކަމަށް ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގެ އަމަލުކުރަންވީ ގޮތުގެ ގަވައިދުގައި އޮތް ނަމަވެސް ޕާސްޕޯޓު ކެންސަލްކުރުމުގެ ބާރު އެ ކޯޓަށް ދީފައިނުވާތީއެވެ.
މައްސަލަ ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ކުރި ހުކުމްގައި ބުނީ، ގަވައިދުގައި އޮތީ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކުރާ ވާހަކަ ކަމަށާއި، އެހެންވެ ޕާސްޕޯޓު ކެންސަލްކުރެވޭ ގޮތަށް އެ މާއްދާ ތަރުޖަމާކުރުމަކީ ގާނޫނީގޮތުން ރަނގަޅު، އަދި އެ މާއްދާއިން ދީފައިވާ ބާރުގެ ތެރެއިން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
އަދި ގާނޫނުގައި ނުވަތަ ގަވައިދުގައި ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމެއް ގާނޫނަކަށް ނުވަތަ ގަވައިދަކަށް އިތުރުކުރުމަކީ ގާނޫނުން ނުވަތަ ގަވައިދުގައި ނުހިމެނޭ ކަމެއް ހިމެނުން ކަމަށާއި އެއީ ރަނގަޅުގޮތެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެއެވެ.