އެމެރިކާއިން ބޭނުންވަނީ ހަނގުރާމަ ކަމަށް ވަންޏާ އެކަމަށް ޗައިނާ ތައްޔާރު ކަމަށް ބުނެ ޗައިނާގެ އެމްބަސީން ރައްދު ދީފިއެވެ.
އެމެރިކާގެ ވޮޝިންޓަންގައި ހުންނަ އެމްބަސީން އާންމު ކުރި ޕޯސްޓްގައި ބުނެފައި ވަނީ، އެމެރިކާއިން ބޭނުންވާ ކަމަކީ ހަނގުރާމަ ކަމަށް ވާނަމަ، އެއީ މުދަލުގެ ޑިއުޓީ ބޮޑުކުރުން ކަމަށް ވިޔަސް، ވިޔަފާރީގެ ހަނގުރާމަ ނޫނީ އަދި ކޮންމެ ހަނގުރާމައެއް ކަމަށް ވިޔަސް ޗައިނާ އޮތީ ރެޑީ ގައި ކަމަށެވެ. އަދި އެންމެ ފަހާ ޖެހެންދެން ހަނގުރާމަ ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެމެރިކާއަށް އެތެރެ ކުރާ ޗައިނާގެ ހުރިހާ މުދަލަކަށް ޑިއުޓީ ބޮޑު ކުރުމާއެކު އެމެރިކާގެ ބައެއް މުދަލަށް ޗައިނާއިން ވެސް ވަނީ ޑިއުޓީ ބޮޑުކޮށްފައެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ދެ އިގްތިސޯދުގެ ދެމެދުގައި ފެށިގެން މިދިޔަ ޑިއުޓީ ބޮޑުކުރުމުގެ ވާދަވެރިކަމުގެ ތެރޭގައި ޗައިނާއިން ކުރި މި ކޮމެންޓަކީ މިފަދަ ކަމެއްގައި އެގައުމުން ކުރި އެންމެ ވަރުގަދަ ކޮމެންޓެވެ. އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންވެސް ޗައިނާ އާއި އެމެރިކާ އަކީ އެންމެ ވަރުގަދަ ދެގައުމު ކަމަށް ބެލެވޭ އިރު، ދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ފެށިއްޖެ ނަމަ، ދުނިޔެއަށް ކުރާނެ އަސަރު ބޮޑުވާނެ ކަމަށް މުރާސިލުން ބުނެއެވެ.
ޗައިނާގެ އިތުރުން ކެނެޑާ އަދި މެކްސިކޯގެ ބައެއް މުދަލުގެ ޑިއުޓީ އެމެރިކާއިން ބޮޑު ކުރުމާއެކު ވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް ބަދަލު އަންނަން ވަނީ ފަށާފައެވެ.
މިވަގުތަކީ ޗައިނާގެ ވެރިކަން ކުރާ ޕާޓީ، ނެޝަނަލް ޕީޕަލްސް ކޮންގްރެސް ހިނގަމުން ދާ ވަގުތެއް ކަމަށް ވާއިރު، ޗައިނާގެ ޕްރީމިއާ ލީ ކުއާންގް ވަނީ، ޗައިނާގެ ދިފާއީ ބަޖެޓަށް ކުރާ ހަރަދު މިއަހަރު 7.2 ޕަސެންޓް އިތުރު ކުރާނެ ކަމަށާއި މީގެ ކުރިން ދުނިޔެ ނުދެކޭ އެތައް ބަދަލުތަކެއް ބާރު ސްޕީޑުގައި އަންނަ ކަމަށެވެ.