'ކޮއްތު ރޯޓީ' ނުވަތަ ދިވެހިން ކިޔާނަމަ ކޮއްތު ރޮށްޓަކީ 1960 އަހަރުތަކުގައި އަވަށްޓެރި ލަންކާގައި އުފެދުނު މަގްބޫލުވި ސްޓްރީޓް ފުޑްގެ ބާވަތެކެވެ. ރިހަ އާއި ރޮށިން ތައްޔާރުކުރާ މި ޑިޝް އަކީ ދިވެހީންގެ ތެރޭގައި ވެސް ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ކާނާއެކެވެ.
ކޮއްތު ރޯޓީ މި ނަން އައިސްފައިވަނީ މި ކާނާ ތައްޔާރު ކުރާ ގޮތުގެ މައްޗަށް އިޝާރާތް ކޮށެވެ. އެގޮތުން 'ކޮއްތު' މި ބަހަކީ ޓަމިލް ބަހަކަށްވާއިރު އޭގެ މާނައަކީ ކޮށާ ކުދި ކުރުމެވެ. އަދި ރޮށި އަކީ ލަންކާ ބަހުން ނަމަ ރޯޓީ [ރޮށި] އެވެ. މި ޒަމާނަށް ބަލާއިރު ކޮއްތު ރޮށީގެ އެކި ބާވަތްތައް ހުރެއެވެ. އެގޮތުން ޗިކަން ކޮއްތު އާއި ބީފް ކޮއްތުގެ އިތުރުން ވަޅޯމަހުގައި ވެސް ކޮއްތު ރޮށި ތައްޔާރުކޮށް އުޅެއެވެ. އެހެންކަމުން މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ މިއީ އިއްޔެ ބާކީވެފައި ހުރި ރޮށިތަކުގައި ތައްޔާރުކޮށްލަން ރަނގަޅު ކޮއްތު ރޮށީގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
- 10 ރޮށި (ކޮންމެ ރޮށްޓެއް 4 ފަޅި ކޮށް އަދި ކުދިކޮށް ކޮށާފައި)
- 1/2 ޖޯޑު ކެރެޓު (ކުދިކޮށް ކޮށާފައި)1/2 ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފައި)
- 1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
- 1 ފިޔާ (ކޮށާފައި)
- 1 ދަޅު މަސް
- 4 ކުކުޅު ބިސް
- 2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
- 1 ސައި ސަމްސާ ހަވާދު (ފުއްލާ ޖެހި، ރީނދޫ ދަޅު)
- 1/2 ސައި ސަމްސާ އަޖުނަމަޓޯ ނުވަތަ 4 ތިކި ފިޝް ސޯސް
- ހިކިރމިރުސް (ކުޅި ކުރަން ބޭނުންވާ ވަރަކަށް)
- ކޮރިއަންޑާ
- ހިކަނދިފަތް އަދި ލޮނު
ތައްޔާރު ކުރާނެ ގޮތް:
ތެޔޮ މަސްދަޅުގައި ހުރި ތެޔޮ ފޮދުގައި ފިޔާ މީރު ކޮށްލާށެވެ. ރަތް ވާން ފެށީމައި ޓޮމާޓޯ ޕޭސްޓް، ހިކި މިރުސް އަދި ހަވާދު އެޅުމަށްފަހު ރަނގަޅަށް އެއްކޮއްލާފައި މަސްދަޅު އަޅާށެވެ. އޭގެ ފަހުން ކެރެޓް، ކެބެޖު، އަޖުނަމަޓޯ ނުވަތަ ފިޝް ސޯސް އެޅުމަށްފަހު ވަރަށް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކޮށާފައި ހުރި ރޮށި އެއް ކުރަމުން ބިސް އަޅާ ލޮނު ހެޔޮވަރުކޮށްލާށެވެ.
އެއަށްފަހު އުނދުން ނިއްވާލުމަށްފަހު ހިކަނދިފަތް އަދި ކޮރިއަންޑާ އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. މި ރެސިޕީގައި މަސްދަޅު ބޭނުން ކުރި ނަމަވެސް ބޭނުންވާ މަހެއް އެޅި ދާނެއެވެ. ކުކުޅު ނުވަތަ ބީފް އަޅަންޏާ މަސްތައް ވަކިން ރޯ ފިލުވުމަށްފަހު އެޅުން މުހިންމެވެ. މި ކެއުމަކީ ހާރު ދަމަށް ނުވަތަ ރޯދަ ވީއްލާ ގަޑިއަށްވެސް ތައްޔާރުކޮށްލަން ރަނގަޅު ޑިޝް އަކަށް ވާނެއެވެ. އަދި މި ޑިޝް އިންސާފު ކުރާއިރު މައްޗަށް ލުނބޯ ހުތް ކޮޅެއް ބުރުވާލުމުން ރަހަ އިތުރަށް ފުރިހަމަ ވެގެންދެއެވެ.