ރޯދަމަހު ފުރަތަމަ ފަހަރަށް 92 މެގަވޮޓުގެ ކަރަންޓު މާލެ އަދި ހުޅުމާލޭގައި ބޭނުންކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނަ އަޅާފައިވާކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއާއެކު ސްޓެލްކޯ އިން ވަނީ ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އެދިފައެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ބޭނުންކުރި ގޮތުގެ ޗާޓެއް ހިއްސާކޮށްފައެވެ. ޗާޓުގައި ވާގޮތުން ކަރަންޓު ބޭނުންކުރުމުގެ އެންމެ ޕީކް ގަޑިއަކީ ހަވީރު 5-6 އާ ދެމެދެވެ. އެ ވަގުތުގައި ކަރަންޓު ބޭނުންކުރި މިންވަރު ހުރީ 92338 ކިލޯވޮޓުގައެވެ.

މި ރޯދަ މަހުގައި ވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެއާއެކު ސްޓެލްކޯ އިން ވަނީ މި ރޯދަ މަހު ކަރަންޓު ބިލުތަކުން މަދުވެގެން 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ބުނެފައެވެ. މިދިޔަ ރޯދަ މަހު ވެސް ފެނާއި ކަރަންޓުން 10 ޕަސެންޓު ޑިސްކައުންޓު ވަނީ ދީފައެވެ.