މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް އިން ތައްޔާރު ކޮށްފައިވާ މާސްޓާ ފުޑްސް ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުން މަނާ ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ، މި ސޯސް އުފެއްދުމުގައި ބިސް އެކުލެވިގެންވާ އިރު އޭގެ ލޭބަލްގައި 'އެލާޖަން' ގެ ލޭބަލް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކަމާ ގުޅިގެން މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް އިން ވަނީ މި އުފެއްދުން ބާޒާރުން ނެގުމަށް އަންގާފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
މި އުފެއްދުން ވަނީ ރާއްޖެއަށް އެތެރެ ވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާކް އިން ވަނީ އަންގާފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. މި ގޮތަށް އެލާޖަންގެ މައުލޫމާތު ހިމަނާފައި ނުވުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވަނީ ފުޑް ސޭފްޓީ އޮތޯރިޓީސް ފާހަގަ ކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
އެހެންކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.