މެލޭޝިއާއިން ގެއްލިގެން ހޯދަމުންދިޔަ އަހްމަދު އުސައިދް އިބްރާހިމް އަފީފް ފެނިއްޖެއެވެ.
ވީނިވީއެއް ނޭނގިގެން އުސައިދު ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އުސައިދު މި ވަގުތު ހުރީ މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކުރެވިފައެވެ. ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ކޮން ތުހުމަތެއްގައި ކަމެއް މިހާތަނަށް އެނގިފައި ނުވެއެވެ.
އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އުސައިދުގެ ބައްޕަ އަފީފް ބުނެފައި ވަނީ މާޗް 2 ވަނަ ދުވަހުގެ 15:15 ގެ ފަހުން ސަންވޭ ޖިއޯ އިން ނިކުމެގެން ދިޔަގޮތަށް އުސައިދުގެ ހަބަރެއް ނުވުމާއެކު އެރޭ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށާއި ޕޮލިހަށް އެކަން އަންގާފައިވާކަމަށެވެ. އެއާއެކު އުސައިދު ހޯދުމުގެ މަސައްކަތް އިދާރާތަކުން ފަށާފައިވާކަމަށް އަފީފް ވަނީ ބުނެފައެވެ.
އަފީފް އިތުރަށް ވިދާޅުވީ ސީސީޓީވީ ކެމެރާ ފުޓޭޖުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން މާޗު 2 ވަނަ ދުވަހު 16:00 ހާއިރު އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނުކަމަށެވެ. ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށް ވުމުން އުސައިދު އާއި އެމްބަސީގެ ފަރާތަކާ ދިމާ ނުވާކަމަށާއި، އެތަނުގެ ކެމެރާތައް ޗެކުކުރިއިރު އުސައިދު ސަލާމަތުން ހުރިކަން އިނގިފައިވާކަމަށް އަފީފް ވަނީ ބުނެފައެވެ.
ކެމެރާއިން ފެނުނު ގޮތުގައި އުސައިދު އެމްބަސީ އިން ދިޔަ އިރު އޭނާގެ ސްޓޫޑެންޓު ކާޑާއި ވޮލެޓު ވަނީ ބޭއްވިފައިކަމަށާއި އެ ތަކެތި ހައިކޮމިޝަނުން މިހާރު ހަވާލުކޮށްފައިވާކަމަށާއި ކެމެރާއިން އުސައިދު ފެނުނު އިރު ހުރީ ރަތް ކުލައިގެ ޓީޝާާޓެއް ލައިގެންކަމަށްވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.