ދުނިޔޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2025ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.
އައިޓީބީ ބާލިން 2025ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމްވެސް ވަނީ މި ފެއާގައި ބައިވެރިވެ ވަޑައިގަތުމަށް އިއްޔެ ފުރާފައެވެ. މިނިސްޓަރުގެ މި ދަތުރުގައި އައިޓީބީ ބާލިންގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އިތުރުން، ރާއްޖޭގެ އަދި ބޭރުގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓްރީންވަނީ ބުނެފައެވެ.
އައިޓީބީ ބާލިންގައި ބައިވެރިވާ ރާއްޖޭގެ ޓީމުން، ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރީ ސަފުގައިވާ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމާއި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ޓޫރިޒަމް ދާއިރާގެ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކުރަމުން އަންނައިރު އެމްއެމްޕީއާރްސީން ބުނީ މި ފެއާގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުތަކާ އަދި އެނޫން ވެސް ގައުމުތަކުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާ ޓްރެވަލް އެޖެންޓުންނާ އަދި މީޑިއާތަކާ ގުޅުން ބަދަހިވެގެންދާނެކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީން ބުނީ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އެކު ނެޓްވޯކިން އާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ބީ2ބީ އަދި ބީ2ސީ އޯޑިއަންސަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް މުހިންމު ފެއާއަކަށްވެގެން ދާނެކަމަށެވެ.
މި މައުރަޒުގައި ދިވެހިރާއްޖެއިން އަލިއަޅުވާލާނީ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި، މެހެމާންދާރީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ތައާރަފުކުރެވޭނެއެވެ.