މި މަހުގެ 2 ވަނަ ދުވަހު މެލޭޝިއާގައި ދިރިއުޅެމުންދާ އަހުމަދު އުސައިދު އިބްރާހިމް އަފީފް ގެއްލިފައިވާއިރު، އޭނާ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔަކަމަށް އުސައިދުގެ ބައްޕަ އިބްރާހިމް އަފީފް ބުނެފިއެވެ.
ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އުސައިދުގެ ބައްޕަ ވަނީ މާޗް 2 ވަނަ ދުވަހުގެ 15:15 ގެ ފަހުން ސަންވޭ ޖިއޯ އިން ނިކުމެގެން ދިޔަގޮތަށް އުސައިދުގެ ހަބަރެއް ނުވުމާއެކު އެރޭ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށާއި ޕޮލިހަށް އެކަން އަންގާފައިވާކަމަށް ބުނެފައެވެ. އެއާއެކު އުސައިދު ހޯދުމުގެ މަސައްކަތް އިދާރާތަކުން ފަށާފައިވާކަމަށް އަފީފް ވަނީ ބުނެފައެވެ.
އަފީފް އިތުރަށް ވިދާޅުވީ ސީސީޓީވީ ކެމެރާ ފުޓޭޖުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން މާޗު 2 ވަނަ ދުވަހު 16:00 ހާއިރު އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނުކަމަށެވެ. ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށް ވުމުން އުސައިދު އާއި އެމްބަސީގެ ފަރާތަކާ ދިމާ ނުވާކަމަށާއި، އެތަނުގެ ކެމެރާތައް ޗެކުކުރިއިރު އުސައިދު ސަލާމަތުން ހުރިކަން އިނގިފައިވާކަމަށް އަފީފް ވަނީ ބުނެފައެވެ.
ކެމެރާއިން ފެނުނު ގޮތުގައި އުސައިދު އެމްބަސީ އިން ދިޔަ އިރު އޭނާގެ ސްޓޫޑެންޓު ކާޑާއި ވޮލެޓު ވަނީ ބޭއްވިފައިކަމަށާއި އެ ތަކެތި ހައިކޮމިޝަނުން މިހާރު ހަވާލުކޮށްފައިވާކަމަށް އަފީފް ވަނީ ބުނެފައެވެ. ކެމެރާއިން އުސައިދު ފެނުނު އިރު ހުރީ ރަތް ކުލައިގެ ޓީޝާާޓެއް ލައިގެންކަމަށްވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.
މިކަމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރު އަދާކުރަމުން އަފީފް ވަނީ އުންމީދަކީ ވީހާވެސް އަވަހަށް އުސައިދުއާއި ބައްދަލުވުން ކަމުގައި ބުނެފައެވެ.