ބޮޑު ޖަންގަޔެއްގައި ބޮއްތަކެއް އުޅުނެވެ. އެއް ދުވަހަކު މިހެން އުޅެނިކޮށް މީގެ ތެރެއިން ދެ ބޮއް ޖަންގަލީގައި އޮންނަ ބޮޑު ފުން ވަޅަކަށް ވެއްޓިއްޖެއެވެ.

އެ ދެ ބޮއް ވަޅަށް ވެއްޓުނު ތަން ފެނުމުން އަނެއް ބޮއްތައް ވަޅުދޮށަށް ޖަމާވިއެވެ. އެ ދެބޮކަށް އެހީވުމުގެ ނިޔެތުގައެވެ. އެހެން ނަމަވެސް ވަޅުގެ ފުން މިން ފެނި އެތަނުން އެސޮރުމެން ސަލާމަތް ނުކުރެވޭނެ ކަމަށް ވަޅުގެ ބޭރުގައި ތިބި ބޮއްތަކަށް ވިސްނުނެވެ.

އަދި މިވާހަކަ ވަޅުގައި ތާށިވެފައިވާ ތިބި ދެ ބޮކަށް ކިޔާ ދިނެވެ. އަދި މިހާރު އޮތް ގޮތަކީ އެމީހުންގެ ހާލަތު ގަބޫލުކޮށް މަރަށް އިންޒާރުކުރަން ތިބުކަމަށް ވެސް ބޭރުގައި ވަޅުގެ މަތިން ބަލަން ތިބި ބޮއްތަށް ބުންޏެވެ.

އެހެން ނަމަވެސް މިކަން ގަބޫލުނުކޮށް ވަޅުގައި ތާށިވެފައި ތިބި ދެ ބޮއް އެސޮރުމެންނަށް ލެވުނު ބާރެއް ލާ ފުންމަމުން ދިޔައެވެ. ވަޅުން ސަލާމަތްވުމަށް ގައިގައި ހުރި ބާރެއް ލާ މަސައްކަތް ކުރަމުން ދިޔައެވެ.

ވަޅަށް ވެއްޓިފައި ތިބި ބައްތަކަށް ބަލަން ތިބި ބޮއްތަށް/ފޮޓޯ: ގޫގަލް

މިކަން މަތީގައި ތިބި ބޮއްތަކަށް ބަލައިނުގަނެވުނެވެ. ހަކަތަ ބޭކާރު ނުކޮށް މަޑުން ތިބެ މަރުވެ ދިއުމަށް ބުނެ ހަޅޭއްލަވަމުން ދިޔައެވެ. އަދި އެ ދެ ބޮއް ވަޅަށް ވެއްޓުނީ އެދޭތި އުޅުން ގޮތުން ކަމަށާ އެކަމުގައި ދެން ކުރެވޭނެ ކަމެއް ނެތް ކަމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ.

އެލަވާ ހަޅާކަށް ސަމާލުކަން ނުދީ ވަޅުގައި ތިބި ދެ ބޮއް ފުންމަމުން ދިޔައެވެ. އެތަށް ގަޑި އިރެއްވެ ވަރުބަލިވިނަމަވެސް ހިތްވަރު ދޫކޮށްނުލައެވެ.

އެންމެ ފަހުން އޭނގެ ތެރެއިން އެއް ބޮއް ބޭރުގައި ތިބި ބޮއްތަކުގެ ބަސް އަހައިގެން އޮށޯތެވެ. ހިތްވަރުދޫކޮށްލައިގެން އަމިއްލަ ހާލަތް ގަބޫލުކޮށްގެން އެބޮއް އެހެން އޮއްވާ މަރުވެއްޖެއެވެ. ވަށައިގެން ބަލަން ތިބި ބޮއްތަށް ހިތާމައިގައި އިސްޖެހިއެވެ.

ވަޅުގައި އެސޮރާ އެއްކޮށް އޮތް ބޮއް މަރުވި ނަމަވެސް ދެން އޮތް ބޮއް ހިތްވަރު ދޫކޮށް ނުލައެވެ. ވަރުބަލި ކަންމަތީ ވެސް ފުންމަމުން ދިޔައީ އެ ފުން ވަޅުން ސަލާމަތްވާނެ ކަމުގެ ކުޑަކުޑަ އުއްމީދެއްގައި ހިފައިގެންނެވެ.

އެސޮރުގެ ހަރަކާތްތައް ފެނި ވަށައިގެން ތިބި ބޮއްތައް މިހާރު ރުޅި އަންނަން ފަށައިފިއެވެ. އަދި އަމިއްލަ ތަޤްދީރު ގަބޫލުކޮށް މަޑުން އޮވެ މަރަށް އިންތިޒާރުކުރުމަށް ބުނެ ހަޅޭއްލަވަމުން ގެންދިއެވެ.

އެއަޑު ނާހާ އެބޮއް ފުންމަމުން ދިޔައެވެ. އަދި އިސާހިތަކު އެއް ފަހަރަކު ވަރަށް މައްޗަށް ފުންމާލާ އެ ފުން ވަޅުން އެސޮރު ސަލާމަތްވެއްޖެއެވެ. ހައިރާންވެފައި ތިބި އެސޮރުގެ އެކުވެރިން އެސޮރު ވަށާލިއެވެ. އަދި އެވަޅުން ސަލާމަތްނުވޭނެ ކަމަށް ބުނުމުން ވެސް ފުންމަމުން ގެންދިޔައީ ކީއްވެތޯ އަހާ ސުވާލުކުރިއެވެ.

އެސޮރު އެބޮއްތައް ދެއްކި ވާހަކަ ދެނެގަތީ އެއެއްޗެހީގެ ތުންފަތަށް ބަލައިގެންނެވެ. އަދި އެސޮރަކީ ބީރު ބޮކެއް ކަމަށް ބުންޏެވެ. އަދި ހީކުރީ ވަށައިގެން ތިބި ބޮއްތަށް އެސޮރަށް ހިތްވަރު ދެމުން ދިޔަ ކަމަށާ ހަރަކާތްތައް ގިނަވި ވަރަކަށް މައްޗަށް ފުއްމަން އިތުރު ހިތްވަރު ލިބުނު ކަމަށެވެ. ހިތްވަރު ދޫކޮށްލަން ރައްޓެހި ބުނާނެ ކަމަށް އެސޮރު ނުވިސްނައެވެ.

ވަޅުގެ ތެރޭގައި ވަށައިގެން ތިބި ބައްތަކަށް ލިބުނީ ހައިރާން ކަމެކެވެ. އަދި އެއް ފަހަރާ ވަޅުގެ ތެރޭގައި މަރުވެފައި އޮތް ނިކަމެތި ބޮކަށް ބަލާ ލެވުނެވެ. ހިތްވަރު ދުވާ ބަސްތަކުން ހަޅޭނުލަވާ ހިތްވަރު ލިބޭ ބަސްތައް އެސޮރަށް މުހާތަބުކޮށް ބޭނުންކުރެވުން ނަަމަ ފަހަރުގައި އެސޮރުވެސް ވަޅުން ސަލާމަތްވީސް ކަންނޭނގެއެވެ.

މި ސާދާ ވާހަކައިން ލިބެނީ އަގުހުރި ފިލާވަޅެކެވެ. ތިބާގެ ހިތްވަރުދޭ ބަސްތަކަކީ މީހަކު އުފުލާލައި، އޭނާ ކުރަމުންދާ މަސައްކަތަށް ދެވޭ ތަރުހީބަކަށް ވެއެވެ. އެއީ ކާމިޔާބީގެ ތުންފަތް މަތީގައި ހުރި މީހަކަށް ކާމިޔާބީގެ ރަހަށް ލިބޭ ފިޔަވަޅަށް ވެސް ވެދެއެވެ.

ބަދަލުގައި ތިބާގެ ފަނާކުރަނިވި ބަސްތަކުން ފުން ޒަޚަމްތަކެއް ލިބިދާނެއެވެ. އެއީ މީހަކު ކުރިއަށް ގެންދިއުމަށް ކުރާ ޝައުގުވެރިކަން ނައްތާލާ ހަތިޔާރުތަކަކަށް ވެދާނެ - ނުވަތަ އޭނާގެ ދިރިއުޅުން ނިންމާލުމަށް ދެވޭ އިޝާރާތަކަށް ވެސް ވެދާނެއެވެ.