މުސްލިމް ގައުމުތަކަށް ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. އާއިލާއާއެކު އުފާވެރި މައްސަރެއް ހޭދަކުރުމުގެ އުންމީދުގައި ކޮންމެ މުސްލިމަކު ވެސް މި މަހާ ކުރިމަތިލަނީ އެތައް ފޮނި އުންމީދަކާ އެކީގައެވެ. ނަމަވެސް ފަލަސްތީންގެ ރައްޔިތުންނަށް ރޯދަ މަހާ ކުރިމަތިލާން ޖެހުނު އިރު އެ ގައުމު މި ވަނީ އެކީ ސުންނާފަތި ވެފައެވެ. އެ ގައުމުގެ ރައްޔިތުންގެ މޫނުމަތިން ފެންނަމުން ދަނީ ހިތާމައާއި ހިތްދަތިކަމެވެ. އަލުން ހަނގުރާމަ ފަށާފާނެ ކަމުގެ ބިރުވެރިކަމެވެ.
އޮކްޓޯބަރު 7، 2023 ގައި ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށި ފަހުން، މިއަހަރު ފެށުނު އިރު، އިޒްރޭލާއި ހަމާސް އާ ދެމދުގައި ސުލްހައިގެ އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. އެ އެއްބަސްވުމުގެ ދަށުން ހަމާސުން ގެންދިޔަ އަސީރުންގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގިނަ ރައްޔިތުން މިނިވަން ކުރުމަށް ޔަހޫދީން ވަނީ އެއްބަސްވެފައެވެ. އެ އެެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ޔަހޫދީ ޖަލުތަކުގައި ތިބި 2000 އެއްހާ ފަލަސްތީނުގެ ރައްޔިތުންގެ ބަދަލުގައި ހަމާސް އިން ވަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ 33 އަސީރުން މިނިވަން ކޮށްފައެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު ހަމަވާތީ ދެވަނަ މަރުހަލާއަށް ދާން މަޝްވަރާ ކުރަން ނިްމާފައި އޮތް ނަމަވެސް ފުރަތަމަ މަރުހަލާގެ މުއްދަތު އިތުރު ކުރުމަށް ޔަހޫދީން ވަނީ ގޮވާލާފައެވެ. އަދި މިއަދުން ފެށިގެން ފަލަސްތީނަށް އެހީ ވައްދާ ހުރިހާ ދޮރުތަކެއް ބަންދުކުރާނެ ކަމަށް ބުނެ ޔަހޫދީން ވަނީ އިންޒާރު ދީފައެވެ.
މި އިންޒާރު ދިން ވަގުތަކީ ރަމަޟާން މަހަށް ވީ ހިނދު މި ވަގުތު ފަލަސްތީންގެ ރައްޔިތުން ވަނީ އެހީއަށް ވަރަށް ބޮޑަށް ބޭނުން ވެފައެވެ. ފަލަސްތީންގެ ރައްޔިތުން މި ވަގުތު އެ ތިބީ ހަނގުރާމަ އަލުން ފަށާފާނެ ކަމަށް ކަންބޮޑުވެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
އަލްޖަޒީރާ ނޫހަށް ފަލަސްތީންގެ ރައްޔިތަކު ދިން މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރަކީ ހަނގުރާމައެއްގެ ތެރޭގައި ރަމަޟާން މަސް ފާހަގަކުރި ފުރަތަމަ އަހަރު ނޫން ކަމަށް އޭނާ ބުނެއެވެ. 2014 ވަނަ އަހަރު އޭނާގެ އުމުރަކީ އެންމެ ނުވަ އަހަރު ކަމަށާއި އެ އަހަރު ރަމަޟާން މަހުގެ ރޭތައް ހޭދަކުރީ ވައިގެ ހަމަލާތަކާއި ބާރު އަޑުތަކާއެކުގައި ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް މިދިޔަ އަހަރުގެ ރަމަޟާން މަހަކީ ތަފާތު ރަމަޟާން މަހެއް ކަމަށާއި މިދިޔަ އަހަރު ހީވެސް ނުކުރާހާ ހާލަތު ގޯސްވި ކަމަށް އޭނާ ބުނެއެވެ. ބަނޑުހައިހޫނުކަމާ އިންތިހާއަށް ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުނެއެވެ. މުޅި ދުވަހު ރޯދަ ވީއްލީ ހަމައެކަނި ހަ މީހެއްގެ މެދުގައި ހިއްސާކުރާ ބީންސް ކޭންއަކުން ކަމަށާއި ކަރަންޓު ނެތުމުން އަނދިރީގައި ކައިބޮއެ އުޅުނު އިރު މޭޒުމަތިން އެކަކު އަނެކަކުގެ މޫނުތައް ފެންނަނީ ކިރިޔާ ކަމަށް އޭނާ ބުނެއެވެ.
މިދިިޔަ ރަމޟާން މަސް ހޭދަ ކުރީ އާއިލާގެ އެކި މެންބަރުންނާ ދުރުގައެވެ. ދެމުން ދިޔަ ހަމަލާ ތަކުގެ ސަބަބުން އާއިލާތައް ރޫޅި ވިއްސިވިހާލިވީ ކަމަށް އޭނާ ބުނެއެވެ. އެއްބައިވަންތަކަމުގެ މައްސަރެއްގައި މުޅި އާއިލާ ވަކިވެ އެކަހެރިވެގެން ދިޔަ މަހަކަށް ވެގެން ދިޔަ އެއީ ހިތްދަތި ރަމަޟާން މަހެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.
ރަމަޟާން މަހުގެ އުފާވެރި ރޫހު ނިގުޅައިގަތް އިރު ރޯދަ ވީއްލުމުގެ ކުރިން މަޣްރިބު ނުވަތަ ހާރު ކެއުމަށް ފަހު ފަތިސް ނަމާދުގެ ބަންގީގެ އަޑުއަހަން ބޭނުންވި ކަމުގައި ވިޔަސް އެ އަޑެއް ވެސް ނީވުނު ކަމަށް އޭނާ ބުނެއެވެ. ކައިރީގައި ހުރި މިސްކިތުގެ ލައުޑް ސްޕީކަރުތަކުން އިވޭ ބަންގީގެ އަޑަށް ރޯދަ ވީއްލުމުގެ ބަދަލުގައި މިސައިލާއި ބަޑީގެ ބިރުވެރި އަޑުތަކަށް އެ ރޯދަ މަހު ރޯދަ ވީއްލީ ކަމަށް އޭނާ ބުނެއެވެ.
މި އަހަރުގެ ރަމަޟާން މަސް ފެށުނު އިރު ހަނގުރާމަ ހުއްޓާލުމުގެ އަޑުތައް މިވަނީ ފެތުރިފައެވެ. ރޯދަ ވީއްލާއިރު، ބިންގަނޑު ތެޅެމުންދާ ވައިގެ ހަމަލާތައް ނެތް އިރު ފަޖުރުގެ ހިމޭންކަމުގެ ތެރޭގައި އެއްވެސް ގޮވުމެއް ގުގުމައިގެން ނުދެއެވެ. އެ ވޭނާއި ހަލާކުގެ ތެރޭގައި 15 މަސް ދުވަހު ދިރިއުޅުނު ފަލަސްތީންގެ ރައްޔިތުން އާންމު ހާލަތަކަށް ދާން ބޭނުންވި ކަމުގައި ވިޔަސް އެ ދިރިއުޅުމާ ހަމައަށް ވާސިލްވާން އެތައް އަހަރުތަކެއް ނަގާނެ ކަން ކަށަވަރެވެ.
މި ރޯދަ މަސް ފެށިގެން އައި އިރު ހަލާކުވެފައި ނުވާ ފިހާރަތަކާއި މާރުކޭޓުތައް އަލުން ހުޅުވައި، މަގުމަތީގައި ތަކެތި ވިއްކާ މީހުން އެތުރި ތިބި ކަމުގައި ވިޔަސް އެމީހުންގެ އަތުގައި ވަސީލަތްތައް މަދެވެ. ނުސީރަތުގެ ބޮޑު ސުޕަމާކެޓް، ހައިޕަ މޯލްގެ ދޮރު އަނެއްކާ ހުޅުވާލާފައިވާ އިރު، އެ މާރުކޭޓްގެ ސްޓޮކް ޖަހާފައި ހުރި ހަރުތަކުގައި އެކި ވައްތަރުގެ ޗޮކްލެޓާއި ބިސްކޯދުން ވަނީ ފުރިފައެވެ. ރަމަޟާން މަހުގެ ޒީނަތްތެރިކަމާއި، ހުރިހާ ސައިޒެއްގެ ލެންޓާންތަކާއި، ކަދުރު ފޮށިތަކާއި، ކުލަގަދަ ހިކި މޭވާ ތައް ވެސް ހުއްޓެވެ.
ނަމަވެސް ޝެލްފްތައް ފުރޭ ގިނަ އެއްޗެހި ލިބެނީ އިންސާނީ އެހީގެ ގޮތުގައި ގާޒާއަށް ވަނުމުގެ ހުއްދަ ދީފައިވާ ޓްރަކްތަކުގެ ބޮޑު ބައެއް ހިއްސާކުރާ ކޮމާޝަލް ޓްރަކްތަކަށެވެ. ހަމައެއާއެކު ދިރިއުޅުމާއި ގެދޮރު ގެއްލުނު ގިނަ ބަޔަކަށް މި އުފެއްދުންތައް ވަނީ އަގުނުކުރެވޭ ވަރުގެ އުފެއްދުންތަކަކަށް ވެފައެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހާ އަލާ ބަލާއިރު މި އަހަރު ރަނގަޅު ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި ނަމަވެސް މިހާރު ޔަހޫދީން އެ އަންނަނީ އެ ރައްޔިތުންގެ އުންމީދުތައް ވެއްޔާ މޮޑެމުންނެވެ.
15 މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ހަނގުރާމައިގައި 48،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ވަގުތު ގިނަ އާއިލާތަކުގެ އިފްތާރު މޭޒުތަކުގައި ހުންނާނީ ހުސް ގޮނޑިތަކެކެވެ. ދަރިން މޭޒުދޮށަށް އައުމަށް ގޮވައިލާނެ ބައްޕައެއްގެ އަޑު ދެން ދުވަހަކު ވެސް އިވިގެން ނުދާނެ އާއިލާތަކެއް ތިބޭނެ އިރު، ލޯތްބާއެކު ކައްކާފަ ކާންދޭނެ މަންމަ އަކު ނެތް އާއިލާތައް ވެސް މަދެއް ނުވާނެއެވެ.
މި މަހަކީ އާދައިގެ ދިރިއުޅުމުގެ ނުތަނަވަސްކަމާއި ކަންބޮޑުވުންތަކުން ދުރުވެ، އީމާންކަމާއި އަލުން ގުޅެން ލިބޭ ފުރުސަތެކެވެ. މިއީ މައާފަށް އެދޭ ވަގުތެވެ. މިދަނޑިވަޅަކީ الله ތައާލާގެ ހަޟްރަތުގައި ކުއްތަންވެ، ރޫހާނީ ކެތްތެރިކަން ހޯދަންވީ ވަގުތެވެ.
ފަލަސްތީންގެ ރައްޔިތުން ނަމާދުކުރަމުން ދިޔަ މިސްކިތްތައް ހަލާކުވެ ނެތި ކޮށްލިއަސް އެ ރައްޔިތުންގެ އަގީދާ ކެނޑިގެނެއް ނުދެއެވެ. މިއަދުވެސް ގާޒާގެ ސުންނާފަތިވެފައިވާ ގެތަކާއި ހަލާކުވެފައި ޓެންޓުތަކުގައި އާއިލާތައް ތަރާވީހު ކުރާ މަންޒަރު ފެނެއެވެ. އެ ރައްޔިތުންގެ އަޅުކަން ކޮށް ޤުރުއާން ކިޔެވުމުގައި ހިތްހަމަޖެހުން ހޯދަމުން ދާ އިރު، ކުރިމަތިވި ހުރިހާ ހިތާމައެއްގެ ޖަޒާ الله ތައާލާ ދެއްވަވާނެ ކަމަށް ގަބޫލު ކުރެއެވެ.
މި ރަމަޟާން މަހު އަހަރެމެން ކޮންމެ ދިވެއްސަކު ވެސް އެ ރައްޔިތުންގެ މައްޗަށް ދުއާ ކޮށް ދެވިދާނެއެވެ. އެމީހުންގެ ތަކުލީފްތަކަށް ލުޔެއް ދެއްވާތޯ ދުއާކޮށް އެހީތެރިކަން ފޯރުކޮށް ދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުމަކީ ކޮށްދެވިދާނެ ކަމެކެވެ.