ރޯދަމަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި އަދަދު ދަށަށް ގޮސްފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަ ފުރަތަމަ ދުވަހު ޕީކް ގަޑީގައި މާލޭގައި ބޭނުންކުރީ 78 މެގަވޮޓުގެ ކަރަންޓު ކަމަށާއި، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށެވެ.

ސްޓެލްކޯ އިން ބުނީ އިއްޔެ މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި އަދަދު ވިއްސާރަވުމުގެ ސަބަބުން ދަށް ކަމަށާއި، ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދު ދުވަހެއް ކަމުން، ކަރަންޓު ބޭނުންކުރި އަދަދު ބޮޑުތަނުން ދަށް ކަމަށެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ބޭނުންކުރި ގޮތުގެ ޗާޓެއް ހިއްސާކޮށްފައެވެ. ޗާޓުގައި ވާގޮތުން ކަރަންޓު ބޭނުންކުރުމުގެ އެންމެ ޕީކް ގަޑިއަކީ ހަވީރު 4-5 އާ ދެމެދެވެ. އެ ވަގުތުގައި ކަރަންޓު ބޭނުންކުރި މިންވަރު ހުރީ 78029 ކިލޯވޮޓުގައެވެ.

މި ރޯދަ މަހުގައި ވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެއާއެކު ސްޓެލްކޯ އިން ވަނީ މި ރޯދަ މަހު ކަރަންޓު ބިލުތަކުން މަދުވެގެން 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ބުނެފައެވެ. މިދިޔަ ރޯދަ މަހު ވެސް ފެނާއި ކަރަންޓުން 10 ޕަސެންޓު ޑިސްކައުންޓު ވަނީ ދީފައެވެ.