ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްޕޯމްތަކުގައި ކުރާ އިޝްތިހާރަށް ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކެއިންބުއިމަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ އެއްޗެއް އިޝްތިހާރު ކުރާ ނަމަ އެ އިދާރާގެ ހުއްދަ ނަގަން ޖެހޭނެކަމަށެވެ. އަދި އެ ގަވާއިދާ ހިލާފުވާ ފަރާތްތަކުން 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް އޭރު ޝާއިއު ކުރި ގަވާއިދުގައި ވެއެވެ.

އެއާއެކު ގިނަ އަދަދެއްގެ އާންމުންނާއި ކުދި ވިޔަފާރިތައް ހިންގާ މީހުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން ކާބޯތަކެތި ވިއްކުމަށް ހަދާ ވަކިވަކި ޕޯސްޓު ތަކުން ހުއްދަ ނަގަން ޖެހުމަކީ އެކަމުގައި ގިނަ ދަތިތަކެއް ދިމާވާނެ ކަމެއް ކަމަށް ބައެއް އާންމުން ދިޔައީ ބުނަމުންނެވެ. ގަވާއިދު ބަދަލު ކުރުމަށް އާންމުންގެ ގިނަބަޔަކު އަޑު އުފުލަމުންދާ މި ދަނޑިވަޅުގައި އެ ނިންމުން ބަދަލުކޮށް އެ އޮތޯރިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރެސްޓޯރަންޓުތަކުގެ މެނޫ، ވަކި ކާބޯއެއްޗެެއް ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ އިސްތިހާރަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް މިގޮތަށް ކޮށްފައިވާ ޕޯސްޓުތަކުގައި ވިއްކާ ކާބޯތަކެއްޗަކީ އެފަދަ "ދެވަނައެއް ނެތް" އެއްޗެއް ކަމަށް ބުނެ ނުވަތަ އިތުރު އެއްޗަކާ އަޅާ ކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ބޭނުންކުރާ ނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި ހުއްދަ ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލް އިން ހުށަހަޅައި ހުއްދަ ހޯދުމަށް އެމްއެފްޑީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިނިސްޓްރީން އެ ފަދަ އިޝްތިހާރުތަކަށް ހުއްދަ ދޫކުރަނީ ތިން އަަހަރަށް ކަމަށްވާއިރު، ފާސްކޮށްފައިވާ އިޝްތިހާރަށް ބަދަލެއް ގެނެސްފި ނަމަ، އާ އިޝްތިހާރެއްގެ ގޮތުގައި ފާސްކުރަން ޖެހެއެވެ.

ކުރިން ޝާއިއު ކުރި ގަވާއިދުގައި ބުނާ ގޮތުން އިސްތިހާރު ކުރުމަށް ކޮންމެ އޯޑިއޯ ނުވަތަ ވީޑިއޯ އިޝްތިހާރަކަށް 1،500 ރުފިޔާ ނަގާނެ އެވެ. އަދި ވީޑިއޯ ނުވަތަ އޯޑިއޯ ނޫން އިޝްތިހާރުތަކަށް 1،000 ރުފިޔާ ނަގާނެ އެވެ. މީގެ އިތުރުން ކާބޮނޭޓަށް ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާނަމަ ކޮންމެ މީޑިއަމެއްގެ އިސްތިހާރެއް ކަމަށްވިޔަސް އެ އިޝްތިހާރުގެ ފީއެއްގެ ގޮތުގައި 3،000 ރުފިޔާ ނެގުމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.