ނަމާދަކީ އިސްލާމް ދީނުގެ ދެވަނަ ރުކުނަށްވާ އިރު ނަމާދަކީ މާތް ﷲ އަށް ކުރާ އަޅުކަންތަކުގެ ތެރެއިން އެންމެ މުހިންމު އަދި މުސްލިމް އަޅާއަށް އެންމެ ފައިދާ ހުރި އަޅުކަންވެސް މެއެވެ. އެއީ ތިމާ ހެއްދެވި ފަރާތަށް ހުސްވެ ދުނިޔަވީ ހުރިހާ ކަންކަމުން އެކަހެރިވެ އެކަލާނގެ ގެފުޅަށް ކުރިމަތިލާ އެންމެ ހުސްތޯހިރުވަންތަ ރަސްކަލާނގެ ފަރާތްޕުޅުން ވާގިއަށް އެދެން ދުވާލަކު 5 ފަހަރު މުސްލިމް އަޅާއަށް ލިބޭ އަގު ނުކުރެވޭނެ ފުރުސަތެކެވެ.

ނަމާދާއި ބެހޭ ގޮތުން ކީރިތި ގުރުއާނުގައި ވެސް މުހިންމު ވާހަކަތަކެއް އައިސްފައިވާ އިރު ސޫރަތުލް ބަގަރާގެ 45 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވަނީ:

وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَـٰشِعِينَ

މާނައީ: އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި ހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން އެއީ ވަރަށް ބޮޑު ކަމެކެވެ.

ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ ހަދީޘްފުޅުތަކުގައި ވެސް ނަމާދަށް ދޭން ޖެހޭ މުހިންމުކަން ސާފުކޮށް ބަޔާކޮށްފައިވާ އިރު އެކަމާ ބެހޭ ގޮތުން އެކަލޭނގެފާނުގެ ފަރާތްޕުޅުން އައިސްފައިވާ އެންމެ އަގުހުރި ބަސްކޮޅު ރިވާކުރެއްވީ ހަޒްރަތް އަބޫ ހުރައިރާގެ ފާނެވެ. މި ބަސްކޮޅުގައި ރަސޫލާ ހަދީޘް ކުރެއްވިއެވެ.

" ހިސާބު ބައްލަވާ ދުވަހުން އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ އެމީހަކު ނަމާދުގެ ކުރި ގޮތުގެ ހިސާބެވެ"

އަބްދުﷲ އިބްނު އުމަރުގެ ފާނު ރިވާކުރެއްވި ބަސްފުޅެއްގައި ރަސޫލާ ހަދީޘްކުރެއްވިއެވެ.

"ނަމާދުގެ މައްޗަށް ރައްކާތެރިވެއްޖެ މީހާ ދަންނާށެވެ. އެނަމާދު އޭނާއަށް ޤިޔާމަތް ދުވަހުގައި ނޫރެއްކަމުގައާއި، ބުރުހާނެއްކަމުގައިއާއި، (އަޒާބުން މިންޖުކޮށްދޭ) ނަޖާތެއްކަމުގައި ވާނެއެވެ."

ނަމާދަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ގިނަ ކަންކަންވެއެވެ. މީގެ ތެރެއިން ބައެއް ކަންކަން ބަޔާންކޮށްލާނަމެވެ.

ނަމާދުުގެ ވަގުތަށް ހުރުމަތްތެރިކޮށް ހިތުން

އެންމެ މުހިންމު ކަމަކީ އިސްލާމް ދީނުގައި ބަޔާންކޮށްފައިވާ ފަރުޝު ފަސް ނަމާދު، ކަނޑައަޅާފައިވާ ވަގުތުތަކުގައި ކުރުމެވެ. ދިރިއުޅުމުގެ އެކިކަންކަމުގައި މަސްއޫލުވެ ދުވަހުގެ ބޮޑުބައި 'ބިޒީ' ކަންމަތީ ނިމިގެންދާ އިރު ރޭގަނޑު ގެޔަށް އައިސް ނިދުމުގެ ކުރިން ހަނދާންވީމަ ފަރުޟު ނަމާދުތައް ގަޟާ ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ. ނުވަތަ ގޭގައި ގިނަ ވަގުތު އުޅުނަސް ކުރަން ހުންނަ ކަންކަން ގިނަ ކަމުން ނަމާދު ފަހަތަށް ޖައްސާ ނަމާދުގެ ވަގުތު ފާއިތުވެގެންދާ ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ހަށަން ބަންނަ މީހުންވެސް މަދެއް ނޫނެވެ.

ނަމާދުގެ ވަގުތުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިއްމުކަން ގުރުއާނާ ސުންނަތުގައި ބަޔާންކޮށްފައިވޭ/ފޮޓޯ: ގޫގަލް

ފަރުޟު ފަސް ނަމާދަށް ކަނޑައަޅާފައިވާ ވަގުތުތަކުގެ މުހިންމުކަން ބަޔާކޮށް ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވަނީ:

فَإِذَا قَضَيْتُمُ ٱلصَّلَوٰةَ فَٱذْكُرُوا۟ ٱللَّهَ قِيَـٰمًۭا وَقُعُودًۭا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُوا۟ ٱلصَّلَوٰةَ ۚ إِنَّ ٱلصَّلَوٰةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَـٰبًۭا مَّوْقُوتًۭا

މާނައީ: އަދި، ތިޔަ ބައިމީހުން ނަމާދުކޮށް އަވަދިވެއްޖެޔާ، ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ. ކޮޅަށް ތިބޭ ހާލުގައްޔާއި، އިށީނދެ ތިބޭ ހާލުގައްޔާއި އޮށޯވެތިބޭ ހާލުގައެވެ. އަދި، ތިޔަބައިމީހުންނަށް އީމާންކަން ލިބިއްޖެ ހިނދަކު، ނަމާދު (ފުރިހަމަކޮށް) ގާއިމުކުރާށެވެ. ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައިވެއެވެ.

ނަމާދަށް ތައްޔާރުވުން

ނަމާދުން ލިބޭ ދަރުމައާއި ސަވާބު ހޯދޭނި އެންމެ ރަނގަޅު ގޮތަކީ އެކަމަށް ތައްޔާރުވެގެން އެކަމަށް ހުސްވެގެން އެއަޅުކަން ކުރުމެވެ. މިގޮތުން ގޭގައި ކުރިއަސް މިސްކިތުގައި ކުރިއަސް ނަމާދަށް ވުޟޫކޮށްގެން ގިބްލަށް ކުރިމަތިލާ މާތް ﷲ އަށް ކުއްތަންވެ ހުއްޓޭ އިރު ވިސްނަންވީ ކަމަކީ ތިބާ ކުރާ ނަމާދުގެ ފައިދާ ލިބޭނީ ތިބާއަށް އެކަނިކަމެވެ. ތިބާ ނަމާދުކުރިއަސް ނުވަތަ ނުކުރިއަސް ހުސްތޯހިރުވަންތަ މާތް ﷲއަށް އެކަމުން ލިބޭ ގެއްލުމެއް ވެސް އަދި ފައިދާއެއްވެސް ނެތެވެ.

އިމާމެއްގެ ފަހަތުގައި ނަމާދަށް ހުއްޓިގެން ތިބި ބަޔަކު/ފޮޓޯ: ގޫގަލް

އެހެންކަމުން، އެކަން އޭނގެ އެންމެ ފުރިހަމަގޮތުގައި ކުރެވޭތޯ ބަލަންވީއެވެ. އަވަސް އަރުވާލައިގެން މުސައްލަ މަތީގައި ނިތް އަވަސް އަހަށް ޖަހާލައިގެން ލިބޭނެ ފައިދާއެއް ނެތެވެ. އޭރުން ނަމާދު ފުރިހަމަވީ ކަމަށް ބަލާނެތޯއެވެ. ތިމާ މިހުއްޓި ހުރީ ތިމާ ހެއްދެވި އަޅާގެ ކުރިމަތީގައި ކަމާއި ދުއާކޮށް މިއެދެނީ އެކަލާނގެ ހަޟްރަތުން ވާގިއަށް އެދިކަން ވިސްނޭ ހިސާބުން ނަމާދުގައި ކުރާ ހަރަކާތްތައް ދިގުވާނެއެވެ. އެކަނި ނަމާދުކުރާ ވަގުތުތަކުގައި ކޮޅަށް ހުރެ ކިޔާ ސޫރަތްތައް ވެސް ދިގުވާނެއެވެ. އަދި މުސްލިމަކު އޭނާގެ އިލާހާއި އެންމެ ގާތުގައި އޮންނަ ވަގުތަކަކީ ސަޖިދައަށް އިސް ބިމުގައި ޖައްސާ ވަގުތުކަމުގައިވާ އިރު އެވަގުތުގެ މުހިންމުކަން އެނގުމުން ސަޖިދައިގައި އޮންނަ އިރު ވެސް ދިގުކުރާނެއެވެ.

ނަމާދުގައި ކިޔާ ދުއާތަކުގެ މުހިއްމުކަން ވިސްނުން

ނަމާދަށް ދެވޭ ސަމާލުކަން އިތުރު ކުރެވޭނެ އަނެއް ކަމަކީ ނަމާދުގައި ކިޔާ އެއްޗެހި އެންމެ ފުރިހަމަގޮތުގައި ދަސްކޮށް ވީވަރަކުން އޭނގެ މާނަވެސް ދަސްކުރުމެވެ. އޭރުން އެކަމުގެ ތެރެއަށް ތިބާގެ ސިކުނޑި ހުސްކޮށް އެކަށް ދެވޭ އަހައްމިއްޔަތު އިތުރުވާނެއެވެ. ދުނިޔެވީ ހިޔާލުތަކާއި ދިރިއުޅުމުގެ އެކިކަންކަން ރާވާލާ ވަގުތަކީ ނަމާދަށް ހުއްޓިގެން ހުންނަ ވަގުތަށް ނަހަދަމާތޯއެވެ. އާނއެކެވެ. ނަމާދަށް ހުންނަ ވަގުތު އިވޭ އަޑަކުން ނުވަތަ ލޮލުގެ އެންމެ ކަނުން ފެންނަ ކުޑަކުޑަ ހިންޏަކުން ވެސް ތިބާގެ ނަމާދުގެ ހުޝޫހަތްތެރިކަން ގެއްލިދާނެއެވެ. އެހެން ނަމަވެސް މަސައްކަތް ކުރަންވީ ވީހާވެސް ފުރިހަމަ ކަމާއެކު ނަމާދުކުރާށެވެ. އިތުރު ހަރަކާތްތައް ނުގެނެސް ކިޔަމުންދާ އެއްޗަކަށް ވިސްނާ ފިކުރުކުރާ ހާލުގައި ނަމާދު ފުރިހަމަ ކުރާށެވެ. މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ނަމާދަށް ހުއްޓި ހުރެ މި ކިޔާ އެއްޗެއް އެނގުމުންނެވެ.

ނަމާދުގެ ބައެއް ހަރަކާތްތަކުގައި ކިޔާ ތަފާތު އެކި ދުއާތައް މާތް ރަސޫލާގެ ސުންނަތުން އައިސްފައިވެއެވެ. މި ހަދީޘްތައް ހޯދާ އޭނގެ ސައްހަކަން ކަށަވަރުކޮށް އެ ދުއާތައް ދަސްކޮށް ކިޔާ ހެދުމަކީ ވެސް ތިބާގެ ނަމާދު އިތުރަށް ފުރިހަމަވާނެ ކަމެކެވެ.

ނަމާދުގައި ކިޔާ އެއްޗެހީގެ އެކި އެކި ގޮތްތައް ރަސޫލާގެ ސުންނަތުގައި ބަޔާންވެގެންވޭ/ފޮޓޯ: ގޫގަލް

މި ނޫން ވެސް ތިބާގެ ނަމާދުގެ އަޅުކަން އެންމެ ރަނގަޅަށް ކުރެވޭނެ ގިނަ ގޮތްތައް ހުންނާނެއެވެ. އެކަން ކަން ހޯދާ އެކަންކަމަށް އަމަލުކުރުމަށް މަސައްކަތް ކުރަންވީއެވެ. ފަހަރުގައި ތިބާ އެންމެ ފަހުން ކުރާ ނަމާދަކީ ތިބާގެ އެންމެ ފަހު ނަމާދަށް ވުން ވެސް އެކަށީގެންވެއެވެ. އެހެންކަމުން ހަޔާތުގައި ކުރާ އެންމެ ފަހު ނަމާދަކީ ހަޔާތުގައި ކުރެވުނު އެންމެ ފުރިހަމަ ނަމާދަށް ހެދުމަށް ކުރާ ކޮންމެ ނަމާދަކީ ވެސް އެންމެ ރަނގަޅަށް އެންމެ ހުޝޫހަތްތެރިކަމާއެކު ކުރެވުނު ނަމާދަށް ހަދަން މަސައްކަތް ކުރަމާތޯއެވެ.