ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށާއި އަނބިކަނބަލުން މަރިޔަމް ތައުފީގަށް 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބިވަޑައިގަތީ ފޯމުތައް އަލުން މުރާޖައާކުރުމުން ވެސް ޕޮއިންޓަށް ބަދަލު އަންނަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާތީ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާކޮށް ޝަރުތު ހަމަވާ ފަރާތްތައް މިއަދު ވަނީ އާންމުކޮށްފައެވެ. ޝަރުތު ހަމަވާ 1،820 މީހުންގެ ތެރޭ ހައުސިން މިނިސްޓަރުކަން ވެސް މި ސަރުކާރުގައި ކުރެއްވި ހައިދަރުގެ ދެކަނބަލުން ހިމެނެއެވެ. މިއަދު އާންމުކުރި ލިސްޓުން ފެންނަ ގޮތުގައި ހައިދަރުގެ ދެކަނބަލުންނަށް ލިބިވަޑައިގަތީ ތިން ކޮޓަރީގެ ފްލެޓެކެވެ.
ލިސްޓުން ފެންނަ ގޮތުގައި ހައިދަރުގެ ދެކަނބަލުންގެ ރެޖިސްޓްރީ އޮތީ މާލޭގައެވެ. ނަމަވެސް ގިނަ ދުވަސް ވަންދެން ހައިދަރުގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ ރާއްޖެއިން ބޭރުގައެވެ.
އެހެންވެ، ހައިދަރުގެ ދެކަނބަލުންނަށް ފްލެޓް ލިބުމުން ބައެއް މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން 'އެކްސް'ގައި މުއްތަލިބު ލިޔުއްވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީ ސަރުކާރުން ޕޮއިންޓު ދިނުމަށް ފަހު ނޮވެމްބަރު 15، 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓު ހައިދަރުގެ ދެކަނބަލުންނަށް ލިބިވަޑައިގެންފައިވެއެވެ.
"އޭރު އެކުލަވާލާފައިވާ އުސޫލުގެ ދަށުން މާލެއަށް އުފަން މާލޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކުގެ ޝަރުތު ހަމަވާއިރު، އޭސީސީގެ އެންގުމަށް މިސަރުކާރުން ފޯމުތައް އަލުން ވެރިފައިކުރިއިރު، ވެރިފިކޭޝަންގެ ތެރެއިން ޝަރުތު ހަމަނުވާ ނުވަތަ ޕޮއިންޓަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެފައެއް ނުވޭ،" މުއްތަލިބު ލިޔުއްވާފައިވެއެވެ.
ނަމަވެސް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ މައިގަނޑު އެއް ޝަރުތުގެ ގޮތުގައި މެދުކެނޑުމެއް ނެތި މާލޭގައި 15 އަހަރު ދިރިއުޅެފައިވާ ފަރާތަކަށް ވުން ހިމެނެއެވެ.
ޝަރުތު ހަމަވާ މީހުންގެ މައުލޫމާތު އާންމުކޮށް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ،
ނޮވެމްބަރު 15، 2023 ގައި އޭރު އާންމުކުރި ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި މައިގަނޑު ދެ ކަމަކަށް އަލިއަޅުވާލާފައިވާނެ ކަމަށެވެ. އެ ކަންކަމަކީ:
- މާލޭގައި މެދުނުކެނޑި 15 އަހަރުވަންދެން ދިރިއުޅުނުކަން
- ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތަށް ބަލައި ދިން ޕޮއިންޓް
މިނިސްޓްރީން ބުނީ، ހުށަހެޅި ލިޔެކިއުންތައް ބަލައި، ޕޮއިންޓަށް ބަދަލު އައިސްފައިވާ ނަމަ 'ގެދޮރުވެރިން ސްކީމް' ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ލީ މީހުންނަށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި އޭސީސީގެ ތަހްގީގަށް ފަހު ފްލެޓް ލިސްޓު މުރާޖައާކޮށް ފްލެޓް ލިބުނުކަން ކަނޑައެޅިފައިވަނީ މާލޭގައި ދިރިއުޅުނުކަން ކަށަވަރުވެފައިވާ މީހުންނަށާއި އާންމުކުރި އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ލިސްޓާ އެކު މިނިސްޓްރީން ވަނީ ޝަކުވާ ހުށަހަޅަން މާޗް މަހުގައި ފުރުސަތު ހުޅުވާލައިފައެވެ. މިނިސްޓްރީން ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް، އަދި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައިވެއެވެ.