މި ރޯދަ މަހަކީ ދިވެހިންނަށް ތަފާތު ރޯދަ މަހަކަށް ވާނެކަން ޔަގީނެވެ. މިއީ އެތައް އަހަރަކަށް ފަހު ރޯދަ މަހެއްގައި ސްކޫލް ބޮޑު ޗުއްޓީއެއް ހޭދަ ކުރަން ޖެހުނު އަހަރެވެ. ނިމިދިޔަ އަހަރުގެ ރޯދަމަހުގެ ފަހު 10 ސްކޫލް ބަންދު ދުވަސްތަކެއްގެ ގޮތުގައި މި ސަރުކާރުން ހަމަޖެއްސުމާއެކު އާއިލާތަކަށް ލިބުނު އުފާވެރިކަން އިތުރުވެގެން ދިޔައެވެ. މުޅި އާއިލާ އެކުގައި ގޭގައި ހޭދަކޮސްލަން ލިބުމުގެ އުފަލާއި އާއިލީ ގުޅުން ބަދަހިވެގެން ދިއުމުގެ އުފާ ހާސިލްވި އެތައް އާއިލާއެއް އެބަ ތިއްބެވެ.

މިދިޔަ ރޯދަ މަހަކީ ސްކޫލް ދުވަސްވަރެއް ކަމުގައި ވިޔަސް ރޯދައިގެ ފަހު 10 ގައި ޗުއްޓީ ލިބުނެވެ. އެ ދުވަސްވަރު އަޅުކަން ކުރުމާއި ސްކޫލް ފިލާވަޅުތައް މުތާލިއާ ކުރުމުގައި ކުދިން ވަގުތު ހޭދަ ކުރި ނަމަވެސް މިއަހަރު ރޯދަމަސް ތަފާތެވެ. އެއީ ދިރާސީ އާ އަހަރެއް ނިންމާލާފައި މި ވަނީ ރޯދަ މަސް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ.

ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސް ވީ މީހުން ރަށުތެރެއަށް ނިކުމެ ހިތްހަމަ ޖައްސާލަނީ | ފޮޓޯ: މުހައްމަދު ހަލަފް އިލްޔާސް

މި ކަމުގެ ކަންބޮޑުވުންތައް ބައެއް ބެލެނިވެރިން ސޯސަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަންބޮޑުވުމަކީ ގިނަ ވަގުތު ގޭގައި ކުދިން ތިބެން ޖެހުމުން ސްކްރީން ޓައިމިން އިތުރު ވެދާނެ ކަމުގެ ބިރެވެ. ސްކްރީން ޓައިމިން މަދު ކުރުމަށް ބާރު އަޅަން އެތައް ބެލެނިވެރިންތަކެއް މަސައްކަތް ކުރާ އިރު، ފުރަތަމަ ސްކްރީން ޓައިމިން އިތުރު ވުމުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ބަލާލަމާ ހިނގާށެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން ބުނި ގޮތުގައި 2 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކު ގާތްގަނޑަކަށް އެއް ގަޑިއިރުގެ ސްކްރީން ޓައިމަކަށް ލިމިޓް ކުރަން ޖެހެއެވެ. ފުރާވަރުގެ ކުދިންގެ ސްކްރީން ޓައިމިން ދުވާލަކު ދެ ގަޑިއިރުގައި ހިފެހެއްޓުމަށް އެ ފަރާތުން ބާރު އަލައެވެ. މި ގޮތަށް އެ އެކަޑަމީން ބާރު އަޅަނީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. އެއީ ސްކްރީން ޓައިމިން އިތުރުވާ ކުދިންގެ ހެދި ބޮޑުވުމަށް އެތައް ނޭދެވޭ އަސަރެއް ކުރާތީއެވެ.

ގޭގައި ތިބޭ ވަގުތު ކުއްޖަކު ފޯނުން އެއްޗެއް ބަލަނީ / ފޮޓޯ: ދަ ޕްރެސް

ސްކްރީން ޓައިމް މަދު ކުރަން ޖެހެނީ ކީއްވެ؟

ސްކްރީން ޓައިމިން އިތުރުވާނަމް ކުއްޖާގެ ހެދި ބޮޑުވުމުގައި މައްސަލަތަކެއް ދިމާވެދާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ސްކްރީން ޓައިމް މާ ގިނަވުމަކީ ބަހުގެ ކުރި އެރުމަށާއި އިޖުތިމާއީ ހުނަރަށް ހުރަސް އެޅިދާނެ ކަމެކެވެ.

ހަމައެއާއެކު ނިދުމުގެ މައްސަލަތައް ދިމާވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. ބައެއް ކުދިންނަކީ ނިދުމުގެ ކުރިން ކޮންމެވެސް އެއްޗެއް ބަލަން ޓެބްލެޓް ހިފައިގެން ތިބޭ ކުދިންނެވެ. ނިދާ ވަގުތު ފަހަނަ އަޅައިގެން ދާ އިރު ވެސް ބައެއް ކުދިން ޓެބްލެޓް ހިފައިގެން ވަގުތު ހޭދަކުރާ ތަން ފެނެއެވެ. މި ކަމުގެ ސަބަބުން ހަމަ ނިދި ނުލިބުމާއި، މާ ބޮޑަށް ވަރުބަލި ވެ ކަންނެތް ވުމަށް މަގުފަހިވެއެވެ.

ކުޑަކުއްޖަކު ސްކްރީނާ ދުރުކުރަން ބެލެނިވެރިއަކު މަސައްކަތް ކުރާ އިރު އެ ކުއްޖާ ސްކްރީން ދޫނުކުރަން ގަދަ ހަދަނީ

ސްކްރީން ޓައިމިންގައި ގިނަ އިރު ހޭދަކުރާ ކުދިންގެ މިޒާޖަށް ބަދަލުތައް އަންނަ ކަމަކީ ވެސް ފާހަގަވެފައިވާ މައްސަލައެކެވެ. އެފަދަ ކުދިން އެކަހެރިކޮށް ގިނަ ވަގުތު ހޭދަކުރަން ބޭނުން ވުމާއި، މީހުންނާ މުއާމަލަތް ކުރުމުގައި ކުދިންގެ މިޒާޖު ބަދަލުވެ، ދައްކާ ވާހަކައަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވެއެވެ. އަދި ކުދިންނާ މާ ގިނަ އިން ސުވާލު ކުރަން ފެށުމުން ރުޅި އަންނަ ކަމަކީ ވެސް ފާހަގަވާ ކަންކަމެވެ.

މީގެ އިތުރުން ސްކްރީނެއްގެ ކުރިމަތީގައި ގިނަ ވަގުތު ތިބުމަކީ އޮބެސިޓީ އާއި ޕޮސްޗާ ދަށްވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ސްކްރީން ޓައިމް މަދު ކުރުމަށް ކުރެވޭނީ ކޮން ކަމެއް؟

މި ރޯދަ މަހު ކުދިން ގިނަ ވަގުތު ގޭގައި ހޭދަކުރާ އިރު ސްކްރީން ޓައިމް މަދު ކުރުމަށް މައިންބަފައިންނާއި ގޭގައި އުޅޭ މެންބަރުންގެ އެހީތެރިކަމާ އެކު ބައެއް ކަންކަން ކުރެވިދާނެއެވެ. އެގޮތުން އެންމެ ބޮޑު އެއް ކަމަކީ ކުދިންގެ ސްކްރީން ޓައިމް ކުޑަ ކުރަން މަސައްކަތް ކުރާ އިރު، ބެލެނިވެރިން ވެސް މިކަމަށް ހާއްސަ ސަމާލު ކަމެއްދީ ކުދިން ކުރިމަތީ ބެލެނިވެރިން ވެސް ފޯނާއި ޓީވީ ބެލުމަށް ވަގުތު ހޭދަކުރާ މިންވަރު މަދު ކުރުމެވެ.

ފުނަދޫގައި ދިރިއުޅޭ އާއިލާއެއް ހަވީރު ބަނދަރަށް ނިކުމެ ވައި ޖައްސާލަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ތުއްތު ކުދިންނަކީ މައިންބަފައިންގެ އުޅުން ކޮޕީ ކުރާނެ ކުދިން ކަމުގައިވާ އިރު، މައިން ބަފައިންނާއި އާއިލާ މެންބަރުން ވެސް ސްކްރީން ޓައިމް މަދު ކުރާ މަންޒަރު ކުދިންނަށް ދައްކުވައިދޭ ނަމަ އެ ކަމަކީ ކުދިންގެ ހަށިގަނޑުގައި އަށަގަންނާނެ ކަމެއްކަން ޔަގީނެވެ.

ރޯދަ މަހު ގޭގައި ކުރާ ބައެއް މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުވުމަކީ ފޫހިވެފައި ކުދިން ގިނަ ވަގުތު ތިބެން ނުޖެހޭނެ ކަމެކެވެ. އާންމުކޮށް ކުދިން ޓީވީ، ކޮންޕިއުޓާ އަދި ޓެބްލެޓް އިން ގޭމް ކުޅުމާއި ކާޓޫން ނުވަތަ ފިލްމަ ފަދަ މުނިފޫހި ފިލުވައިދޭ އެއްޗެހި ބަލަނީ ފޫހިވާތީއެވެ. އެހެންކަމުން ގޭގައި ކާބޯތަކެތި ހަދައި ގޭތެރެ ސާފު ކުރުމާއި އެއްޗެހި ދޮވެ، އަންނައުނު ފަތްޖެހުން ފަދަ ކަންކަން ކުރުމުގައި ކުދިން ބައިވެރި ކުރުވުމަކީ ކުރެވިދާނެ ކަމެކެވެ.

ހަމައެއާއެކު ރޯދަ މަހު ފަސް ވަގުތު ނަމާދު ކުރުމަށާއި ގުރުއާން ކިޔެވުމަށް ބާރު އަޅައި ކުދިންނާއެކު ބެލެނިވެރިން ވެސް އަޅުކަމުގައި ވަގުތު ހޭދަ ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ގުރުއާނުގެ ސޫރަތްތައް ހިތުދަސް ކުރުމަށް ވަގުތު ހޭދަކޮށް އެފަދަ ކަންކަން ކުދިން ހާސިލް ކުރުމުން އެކަން ފާހަގަކޮށް ހަދިޔާ ދިނުމުން ކުދިންގެ ޝައުގުވެރިކަން ވެސް މިފަދަ ކަންކަމަށް އުފެދޭ މިންވަރު އިތުރުވާނެއެވެ.

ރޯދަމަހު މަޑި އަރުވަން އާއިލާތައް އުސްފަސްގަނޑު ސަރަހައްދުގައި

މީގެ އިތުރުން ގޭގައި ތިބުމުގެ ބަދަލުގައި ބައެއް ދުވަސްދުވަހު ކުދިންނާއެކު ހަވީރު ބޭރަށް ދިއުމާއި އާއިލާއެކު ކުދިން ވެސް ބައިވެރިކޮށް ކޮންމެވެސް ކުޅިވަރެއް ކުޅެވިދާނެއެވެ. އަދި ރޯދައަށް ފަހު ދެން ފެށޭ ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ބައެއް ފިލާވަލުތައް މުތާލިއާ ކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ.

ރޯދަ މަހު ބައެއް ފަރާތްތަކުން ހާއްސަ އާރްޓް ކްލާސްތަކާއި ކޭކް، ޕޭސްޓްރީ ފަދަ ކޯސްތައް ހިންގާ އިރު މިފަދަ ކްލާހެއްގައި ކުދިން ބައިވެރި ކުރުވުމަކީ ވެސް ރޯދަ މަހު އަބަދު ގޭގައި ކުދިން ތިބެ، ކަމެއް ނެތި ފޫހިވެގެން ސްކްރީން ޓައިމް އިތުރުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމެވެ.