ކުރިއަށް އޮތީ ބޮޑު ޗުއްޓީ ދުވަސް ވަރަށް ވުމުން، އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ފުރާ މީހުން ވަގުތު އޮއްވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދެފިއެވެ.

އެމްއޭސީއެލް އިން ބުނީ އިންޓެނާޝަނަލް ދަތުރުތަކުގައި ފުރާ ފަރާތްތަކުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި ޑޮމެސްޓިކް ދަތުރުތަކުގައި ފުރާ ފަރާތްތަކުން ފުރުމުގެ ދެގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ދިގު ކިއޫތަކާއި ފްލައިޓް ޑިލޭވާން ޖާގަ ނުދިނުމަށް ހުރިހާ ފަސިންޖަރުންވެސް ވީހާވެސް އަވަހަކަށް އެެއާޕޯޓަށް ދިއުމަށް އިލްތިމާސް ކުރަން،" އެމްއޭސީއެލް އިން ބުންޏެވެ.

ބޮޑު ޗުއްޓީ އާއި ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރާއި މިދުވަސްވަރު ދިމާވާތީވެ ނޮވެމްބަރު މަހު އެއާޕޯޓަށް އަބަދުވެސް ބާރު ބޮޑެވެ.

ޕީކް ދުވަސްވަރެއް ކަމުން އެއާޕޯޓްގެ ޓްރެފިކަށް ބާރު ބޮޑުވާ ކަމަށްވެސް ވީއައިއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ފްލައިޓް މޫވްމެންޓް 622 އަށް އަރާފައިވާ ކަމަށްވެސް ވީއައިއޭއިން ވަނީ ބުނެފައެވެ.