ކޮވިޑް ބަލި ރާއްޖެގައި ފެތުރެން ފެށިތާ 500 ދުވަހާ ގާތްވެފައިވާ އިރު މިދިޔަ މަހަކީ ހިތްދަތި ކަމާއި ނުތަނަވަސް ކަމާ ކުރިމަތިލާން ޖެހުނު މަހެކެވެ. މިދިޔަ މަހުގެ ތެރޭގައި ބިންދާލީ ކޮވިޑްގެ ބިޔަ ރާޅުގެ އޮއެވަރުގައި ޖެހި 88 މީހަކު ވަނީ މަރުވެފައެވެ. އަދި އެ ބިޔަ ރާޅާއެކު 34561 މީހަކަށް ކޮވިޑް ޖެހި އެތައް ބައެއްގެ ހާލު ދެރަވުމުން ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ސިއްހީ އެހީތެރިން ވަރުބަލިވެ ގޮތް ހުސްވާން ޖެހުނެވެ.
ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވެ ރަތް ސިގްނަލް ދިން އިރު އާންމުންގެ ރުޅިވެރި ބަސްތައް ސަރުކާރަށް އަމާޒުވިއެވެ. ސިޔާސީ މަންފާއެއް ހާސިލް ކުރަން ދިން ލުއިތަކަށް މީހުން ޖޯކު ޖަހަން ފެށިއެވެ. އެޗްޕީއޭއަކީ ޒިންމާ ނެގޭ ވަރުގެ ބައެއް ނޫން ކަމަށް ބުނާ އަޑު ގަދަވެގެން ދިޔުމުން، ސަރުކާރުން ކުރިން ދިން ލުއިތައް ބޮލާލާ ޖަހަން މަޖުބޫރުވިއެވެ. އެގޮތުން މި ދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ކޮވިޑުން މިގައުމު ރައްކާތެރި ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
މެއި 2021 ގެ ނިޔަލަށް ޖުމްލަ 50،639 ކޮވިޑް ކޭސް އަދި 113 މަރު
- މެއި - 34،561 ޕޮޒިޓިވް ކޭސް، 88 މަރު
- އޭޕްރީލް - 5756 ޕޮޒިޓިވް ކޭސް، 6 މަރު
- މާޗް - 4286 ޕޮޒިޓިވް ކޭސް، 5 މަރު
- ފެބްރުއަރީ - 3952 ޕޮޒިޓިވް ކޭސް، 10 މަރު
- ޖެނުއަރީ - 2084 ޕޮޒިޓިވް ކޭސް، 4 މަރު
ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓް ކުރަމުން އަންނަނީ ދެ ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ މާލެ ސަރަހައްދުންނެވެ. މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ ވަޒީފާ އަދާ ކުރުމަށާއި އަދި ދަރިންނަށް ރަނގަޅު ތައުލީމެއް ހާސިލް ކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާ ރަށްރަށުގެ މީހުންނެވެ. މީގެ ކުރިން ކޮންމެ އަހަރަކު ވެސް ސްކޫލް ޗުއްޓީއަށް ލިބޭ ދުވަސްވަރަކީ ވަޒީފާގައި އުޅޭ މީހުން ވެސް ޗުއްޓީ ނަގައިގެން އެބައެއްގެ އުފަން ރަށަށް ނުވަތަ "ވެކޭޝަން" ދަތުރުތަކުގައި ތަންތަނަށް ފުރައިގެންދާ ދުވަސްވަރެކެވެ. ނަމަވެސް މިފަހަރު ދިރިއުޅުމުގެ ވައްޓަފަޅި ބަދަލު ކުރަން ވަނީ ޖެހިފައެވެ. އަޅާފައިވާ ފިޔަވަޅުތައް ކުރީގެ ދިރިއުޅުނު ގޮތަށް އުޅޭކަށް ތަނެއް ނުދެއެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން މި އަހަރު ސްކޫލްތައް ހުޅުވައިގެން ވަނީ ކިޔަވައިދޭން ފަށާފައެވެ. ނަމަވެސް ކޭސްތައް އިތުރުވެގެން އައުމުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިދިޔަ އަހަރުން ފެށިގެން ކިޔަވައިދިން ގިނަ ދުވަސްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުން މިދިޔަ އަހަރުގެ ކިޔެވުން މިއަހަރުގެ މެދާ ހަމައަށް ވަނީ ދަންމާލާފައެވެ. އެހެންކަމުން މިހާރު ދިރާސީ އަހަރުގެ ކިޔެވުން ނިމި ޗުއްޓީވާ ދުވަހަކަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ޖޫން 24 ގައެވެ. އަދި 2021 ވަނަ ދިރާސީ އަހަރުގެ ކިޔެވުން 10 އޯގަސްޓުގައި ފެށިގެންދާ އިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ 2022 ވަނަ އަހަރުގެ ޖޫން 30 ގައެވެ.
މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ލޮކްޑައުން ކަމަށް ނުބުނެ ސަރުކާރުން ކޮންމެ ގެއެއްގެ ދޮރުގައި އެޅުވީ ތަޅެކެވެ. މާލޭގައި ކާފިއު ހިންގަން 16 ގަޑިއިރު ހަމަޖެއްސި ނަމަވެސް އާންމުންނަށް ބޭރަށް ނުކުމެވޭ ގަޑިތަކުގައި ވެސް ނުކުތުމަށް ހާއްސަ ފާހެއް ދޫކޮށް ފާސް ނެތި ނުނިކުމެވޭ ގޮތަށް ހެދިއެވެ. ހުޅުމާލޭގައި އުޅޭ މީހަކަށް މާލެއަކަށް ނޭރެއެވެ. ހަމައެއާއެކު މާލޭ ގައި އުޅޭ މީހަކަށް ހުޅުމާލެއަކަށް ވެސް ނުދެވޭ ގޮތަށް ހެދީ ލޮކްޑައުންގެ ހަރުކަށި ލަފްޒު ބޭނުން ނުކޮށެވެ. މީގެ އިތުރުން މިވަގުތު ވެސް މާލެ ސަރަހައްދު ފިޔަވާ 71 ރަށެއް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގެ ހާލަަތަށް ލާފައެވެ. އަދި އެރަށްރަށުގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ.
މި ހަރުކަށި ފިޔަަވަޅުތައް އެޅިތާ މިއަދާ ހަމައަށް ދެ ހަފްތާ ހަމަވީ އިރު، އެތައް އާއިލާއެއް ތިބީ އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ލުއިތަކެއް ދޭނެ ކަމުގެ ފޮނި އުންމީދުގައެވެ.
އިއްޔެއަކީ އޭރު އެޅި ފިޔަވަޅުތަކުގެ މުއްދަތް ހަމަވި ދުވަހެވެ. ނަމަވެސް އިއްޔެ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލާފައިވާ ކަމަށް ބުނެފައެވެ. ކޮވިޑްގެ ހާލަތު ގާތުން މޮނިޓާ ކުރަމުން ދާނެ ކަމަށާއި ފަހަރެއްގައި އަންނަ ހަފްތާ ނިމޭ އިރު ކޭސްތައް އުޅޭ ހިސާބެއް ބެލުމަށް ފަހު އަދި އިތުރު ދެ ހަފްތާއަށް ފިޔަވަޅުތައް ދަންމާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ސަރުކާރުން މި ވަނީ ދިފާއެވެ.
މި މަހު މިހާތަނަށް ޖުމްލަ 4476 ކޭސް އަދި 28 މަރު
- ޖޫން 1: 768 ޕޮޒިޓިވް، 8 މަރު
- ޖޫން 2: 704 ޕޮޒިޓިވް، 2 މަރު
- ޖޫން 3: 648 ޕޮޒިޓިވް، 2 މަރު
- ޖޫން 4: 432 ޕޮޒިޓިވް، 3 މަރު
- ޖޫން 5: 590 ޕޮޒިޓިވް، 6 މަރު
- ޖޫން 6: 412 ޕޮޒިޓިވް، 3 މަރު
- ޖޫން 7: 552 ޕޮޒިޓިވް، 3 މަރު
- ޖޫން 8: 370 ޕޮޒިޓިވް، 1 މަރު
އެހެންކަމުން ލޮކްޑައުންއޭ ނުބުނެ ކުރި ގޭބަންދު ކުރިއަށް އޮތް ތިން ހަފްތާއަށް ދަންމާލަން ޖެހުމަކީ އޮތް ހައްލު ކަމަށް އެޗްޕީއޭގެ ޓެގް ޓީމުން ލަފާދެއެވެ. މިއީ ސްކޫލް ޗުއްޓީއަށް ފޮށި ތަންމަތި ބަނދެގެން ރަށަށް ދިއުމުގެ ފޮނި އުންމީދުގައި ތިބި އެތައް އާއިލައަކަށް މަޔޫސް ވާ ފަދަ ހަބަރެކެވެ. މާޔޫސް ވިޔަސް މިވަގުތު ގޭގައި ތިބެގެން ބަލި ފެތުރޭ މިންވަރު ދަށް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ސަރުކާރުން ބުނެއެވެ. .
ސަރުކާރުން ބަސްބުނި އިރު ލުއިތައް އަދިވެސް ހަފްތާއަކަށް ފަހު ދިނުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ނަމަވެސް އެއީ ކޭސްތައް ރިޕޯޓު ކުރާ އަދަދު މަދުވެއްޖެ ނަމައެވެ. އެކަން ކުރެވެން އޮތީ އެޗްޕީއޭއިން އަންގާ ގޮތަށް އަމަލުކޮށް ތަޅުއެޅުވި ކަންކަމަށް ބޯލަނބައިގެންނެވެ. މިވަގުތަކީ ކެތްތެރިކަން އިސްކޮށް މި ބަލިން އަރައިގަތުމަށް ދުއާ ކުރަންޖެހޭ ވަގުތެވެ. ކޮންޓްރޯލެއް ނެތި ބަލި ފެތުރެން ފެށިއަސް އެކަމުން ގެއްލިގެން ދާ ފުރާނަ އިތުރުވެ ކުރަން ޖެހޭ ހިތާމަ ވެސް ވަނީ އިތުރެވެ.
ރަށަށް ދާން ބޭނުމިއްޔާ ގޭގައި ތިބެގެން ބަލިން ރައްކަތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށް ބަސް ބުނުމުގެ ބާރު ދީފައިވާ އެޗްޕީއަށް ބޯލަނބަން ޖެހެއެވެ. މި ލޮކްޑައުންގެ ބަންދުން މިންޖުވެ އަލުން ރަށަށް ދެވޭނީ އޭރުންނެވެ.
ކުރިންވެސް ދިމާވި ގޮތަކީ ސިޔާސީ ގޮތުންނާއި ފިޔަވާރި ވެރިންނާއި ޓެކްސީ ދުއްވާ މީހުންނާއި ކުޅިވަރު ކުޅޭ މީހުންނާއި ޗުއްޓީއަށް ރަށަށްދާން ބޭނުންވާ މީހުންގެ ޕުރެޝަރާހެދި ލުއިތައް ދޭންޖެހުމެވެ. އަނެއްކާވެސް ނަންބަރުތައް ތިރިވެލާއިރަށް ލުއިތަކަށް ޑިމާންޑު ކުރަން ފަށަނީއެވެ. ދެން ނުކުމެ ސަރުކާރު ފެއިލްވީއޭ ގޮވަނީއެވެ. މިފަހަރު ލުއިދޭން ފެންނަނީ ރަގަޅަށް ބަލި ކޮންޓްރޯލްވުމުން މަޑުމަޑުންނެވެ. ޕުރެޝަރުތަކަށް ދީއްލާ ނުލާށެވެ.