ބޮޑު ޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު އުޅަނދުތައް ޗެކް ކުރަން "އޮޕަރޭޝަން ނިޔާމަ" މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ބޮޑު ޗުއްޓީގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރެއްކަމުން ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގައި އުޅަނދުފަހަރުގައި ޕަސިންޖަރުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް އުފުލާތޯއާ އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާލޭގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް މި އޮޕަރޭޝަން ކުރިއަށްގެންދާނެ އެވެ. އަދި މާލެ އާއި ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރުތަކާއި ކަނޑުމަގުންވެސް ބައެއް އުޅަނދުތައް ޗެކް ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.