ދިރާސީ އަހަރު ފެށޭ ދުވަސް އޮގަސްޓް މަހުގެ ކުރީ ކޮޅަށް ބަދަލު ކުރުމުން ދިރާސީ އަހަރު ނިމޭ ތާރީހަކީ ޖޫން މަހުގެ ފަހުކޮޅަށް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ބޮޑު ޗުއްޓީއަށް މި އަހަރުގެ ބޮޑު އީދުވެސް ދިމާވެފައި ވުމީ ގިނަ ބަޔަކު އުފާ ކުރި ކަމެކެވެ. އެގޮތުން ސްކޫލް ބަންދުވުމުން މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ދިވެހިންނެއް އާއިލާ ކައިރިއަށް ދަރިން ގޮވައިގެން ޗުއްޓީ ހޭދަކޮށްލަން ދާން ރާވައިގެން ތިބީ ފާއިތުވެ ދިޔަ ދެ އަހަރު ކޮވިޑާ ކުރިމަތިލާން ޖެހުނު ހުރަސްތައް ނެތުމުން ލިބުނު ލުޔާއެކު އުފާވެރި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފޮނި އުންމީދުގައެވެ.

ނަމަވެސް އެތައް ދިވެހިންނެއް މާޔޫސް ކޮށްލީ، އާންމު ދަތުރުފަތުރުގެ ނިޒާމުން ރަށަށް ދިއުމަށް ހުރަސްތަކަކާ ކުރިމަތި ލާން ޖެހުމުންނެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގައި ވިއްސާރަވެ އާންމުކޮށް ކަނޑުތައް ގަދަވާ ދުވަސްވަރެކެވެ. އެހެންކަމުން ގިނަ މީހުން ކަނޑުމަގުން ދިގު ދަތުރުތައް ކޮށްފައި ރަށަށް ދިއުމަކީ އަމާން ކަމެއްގެ ގޮތުގައި ނުދެކެއެވެ. ގިނަ މީހުން ބޭނުންވީ، ގައުމީ އެއާލައިންއިން ރަށަށް ދާން ޓިކެޓް ނަގާށެވެ.

އޮފީހުން ޗުއްޓީ ހަމަޖައްސައި ކުދިންނާއެކު ރަށަށް ދާން ޓިކެޓް ނަގަން އުޅުނު އެތައް ބަޔަކަށް މާޔޫސް ވެ އެވާހަކަތައް ވަނީ ސޯޝަލް މީޑިއާއަށް ތިލަ ކޮށްފައެވެ. އެ ޝުއޫރުތަކަށް ބަލާއިރު ގިނަ ބަޔަކު ގައުމީ އެއާލައިނަށް އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް މި ފަދަ ޕީކް ދުވަސްވަރެއްގައި ގިނަ ފްލައިޓްތަކެއް އޮޕަރޭޓް ނުކުރުމަކީ ގައުމީ އެއާލައިންގެ ސަބަބުން އާންމު ރައްޔިތުންނަށް ތަކްލީފްތަކެއް ލިބޭ ކަމެއްގެ ގޮތުގައި އެމީހުން ސިފަ ކުރެއެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި އެއާހޮސްޓެސް ހަރަކާތްތެރި ވަނީ

ސްކޫލްތައް މިދިޔަ މަހުގެ 30 ގައި ބަންދުވުމާއެކު މޯލްޑިވިއަންގެ ފްލައިޓްތަކަށް ބާރުބޮޑުވެގެން ދިޔަތަން ފެނުނެވެ. ޖޫން މަހުގެ 15 އާ ހަމައަށް ދިޔަ އިރު އެތައް ބަޔަކު ވަނީ ދުރާލާ ބުކިން ހައްދާފައެވެ. އެހެންކަމުން ޖޫން މަސް ނިމިގެން އައިރު އިރު ރަށްރަށަށް ދާން ޓިކެޓް ނަގަން ބޭނުންވާ ތާރީހަށް ޓިކެޓް ލިބޭކަށް ނެތެވެ. އެކަމާ ޝަކުވާ ކުރި މީހުންގެ ޝުއޫރުތައް ބަންޑުން ކޮށްލީ މިހެންވެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މި ޗުއްޓީގައި ބޮޑު އީދާ ދިމާކޮށް އުތުރުގެ ރަށަކަށް ދާން އުޅުނު މީހަކު ބުނީ، ރަށަށް ދާން ޓިކެޓް ނަގަން ބެލި އިރު މި ހަފްތާއަށް ވެސް ޓިކެޓް ލިބެން ނެތް ކަމަށެވެ. ނަމަވެސް ކަނޑު ގަދަ މި ދުވަސްވަރު ކަނޑުމަގުން ފުރަން އޭނާ ޖެހިލުންވާތީ ދެން މި ޖެހެނީ ރަށަށް ނުގޮސް މަޑުކުރަން ކަމަށެވެ. ނަމަވެސް މޯލްޑިވިއަނުން އިތުރު ފްލައިޓެއް ރަށަށް ދާ ގޮތަށް ހަމަޖެއްސި ކަން އެނގުމުން އަވަހަށް އެ ފްލައިޓުން ޖާގައެއް ހޯދަން މަސައްކަތް ކުރި ކަމަށާއި އެ ފްލައިޓުން ވެސް ޓިކެޓް ލިބޭ ގޮތް ނުވި ކަމަށް ހިތާމައާ އެކު އެމީހާ ކިޔައިދިނެވެ.

މޯލްޑިވިއަންގެ ފްލައިޓަކަށް ބަޔަކު އަރަނީ

ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް އަތޮޅު ކަމަށް ވާ އައްޑޫ އަތޮޅުން މާލެއަށް އަންނަން އުޅުނު މީހަކު ޓިކެޓް ނަގަން އުޅެން ޖެހުނު ހާލު ކިޔައިދިނެވެ. ހަފްލާއަކަށް އަންނަން އެއް ހަފްތާ ކުރިން މޯލްޑިވިއަނުން ސީޓެއް ހޯދަން ބުކިން ހައްދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން އޭނާއަށް ޖެހުނީ އަގު ބޮޑުކޮށް މަންތާއެއާ އިން ޓިކެޓް ނަގަން ކަމަށް އޭނާ ބުންޏެވެ.

"ޓިކެޓް ނަގަން ދެ ހަފްތާ ކުރިން އުޅުނިން. އެކަމު ފުލް. ބޭނުންވ ޑޭޓަކަށް ނުލިބުނު. ދެން ތިބުނާ އިތުރު ފްލައީތެއް ހަމަޖެއްސި ކަން އެނގިގެން އޭގެން ވެސް ޓިކެޓްނަގަން ވާއިރަށް އެ ފުލް ވެއްޖެ. ކިތަންމެ ވަރަކަށް އެއާޕޯޓް އެޅިޔަސް ވާނެ ކަމެއް ނެތް. ދުއްވާނެ ފްލައިޓް އިތުރު ނުކޮށް"
މައުލޫމާތު ދިން މީހަކު

އާންމުންގެ މިފަދަ ގިނަ ތަކްލީފްތަކެއްގެ ވާހަކަތައް ގިނަ ވެފައިވާ މިދުވަސް ވަރު މިކަމާ ގުޅިގެން އައިލެންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު ދިވެހިންނަކީ ވެސް ދަތުރު ފަތުރު ކުރުމުގައި ވަރަށް ދުރާލާ ޓިކެޓް ބުކިން ހައްދާ ބައެއް ކަމަށާއި ފްލައިޓްތައް ފުލް ވެގެން މިއުޅެނީ ކުރިއާލައި ޓިކެޓް ނަގާފައި ވުމުން ކަމަށެވެެ.

އަދި މި ޕީކް ވަގުތު ވެސް ރައްޔިތުންނަށް ހިދުމަތް ކޮށް ދިނުމުގައި އެ ކުންފުނީގެ ކެޕޭސިޓީ އޮތް މިންވަރަކުން ފްލައިޓްތައް ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިތުރު ފްލައިޓްތައް ވެސް އަޅަމުން އަންނަ ކަމަށާއި އެ މައުލޫމާތު މޯލްޑިވިއަންގެ ސޯޝަލް މީޑިއާ ހެންޑްލަތަކުން ފެންނަން ހުންނާނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

"މިހާރުވެސް މިދަނީ ކެޕޭސިޓީ ހުރި މިންވަރަކުން އިތުރު ދަތުރުތައް އަޅަމުން. އެއާކްރާފްޓާއި މުވައްޒަފުން ތިބި މިނަވަރަކުން ދެއްތޯ އަޅުގަނޑުމެންނަށް ފްލައިޓްތައް ވެސް އެޅޭނީ"
ޖެނިފާ

އީދު ބަންދާ ދިމާކޮށް ބާރުބޮޑުވެގެން މޯލްޑިވިއަނުން އިތުރު ފްލައިތްތައް ހަމަޖައްސަން ފަށަފައި ވަނީ އާންމުން ކަންބޮޑުވުން ހިއްސާ ކުރަން ފެށި ފަހުންނެވެ. މިހާރު ވެސް ޑިމާންޑް އޮންނަ މިންވަރަށް ބަލައި އިތުރު ފްލައިޓް މޯލްޑިވިއަނުން ހަމަޖއްސާނެ ކަމަށް ބުންޏަސް، ފްލައިޓް ހަމަނުޖައްސންޏާ ރަށަށް ދާން ބޭނުންވެފައި ތިބި ބަޔަކު އެ ފްލައިޓެއް ހަމަޖެހޭނެ ކަަމުގެ އިންތިޒާރުގައި ނުތިބޭނެއެވެ. އަދި ދުރާލައި ވެއިޓް ލިސްޓް ކޮށް 100 ޕަސެންޓް ޕޭމަންޓް ދެއްކި ބައެއް މީހުންނަށްވެސް ޖާގަ ނުދޭ ތާނގައި، އެމީހުންނަށް ރީފަންޑް ދޭން ކޮންމެ ބޮލަކަށް 500ރ ވެސް ޗާޖް ކުރެއެވެ. ގިނަ ފްލައިޓްތައް ހުހަށް ހުރެ ދަތުރު ކުރާ އިރުވެސް، އެއީ ފްލް ފްލައިޓް ކަމަށާއި، ނޯ ޝޯވ ނުވަތަ ޓިކެޓް ރީފަންޑް ކުރަނީ ކަމަށް އައިއޭއެސް އިން ބުންޏަސް އާންމުންނަށް ގަބޫލު ކުރެވޭ ގޮތަކަށް އައިއޭއެސް އަކަށް އެވާހަކައެއް ނުދެއްކެއެވެ.

https://www.facebook.com/1568173279/videos/1176442699865686/

މި ދުވަސްވަރަކީ އެތެރޭގެ ދަތުރު ފަތުރުތަކަށް ބާރުބޮޑުވާނެ ދުވަސްވަރެއްކަން ކުރިއާލައި އެނގޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެންކަމުން އެ މީހުންގެ ކަންބޮޑުވުމަކީ މި ފަދަ ދުވަސްވަރެއްގައި މޯލްޑިވިއަނުން ކުރިއާލައި ތައްޔާރުވެފައި ނެތުމެވެ. އެއީ އެ ކުންފުނީގެ ފަރުވާ ކުޑަ ކަމެވެ. ދިވެހިންނަށް ހިދުމަތް ކޮށްދިނުމުގައި ދެމިތިބޭ ބަޔަކަށް ދިވެހިންގެ ދިރިއުޅުމާއި ދިވެހިންގެ ހާއްސަ ޗުއްޓީ ދުވަސްތަކާއި ދަތުރު ފަތުރަށް ބާރުބޮޑުވާނެ ދުވަސްވަރު އެނގެން ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.