ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ އެޗްޑީސީން 1 މިލިއަން ގަސް އިންދަން ނިންމާފައި ވާއިރު، އެކަމަށް ބޭނުންވާ ބިން ލ. ގަމުގައި ހަމަޖައްސައިފިއެވެ.

ނާސަރީ ހެދުމަށް ބޭނުންވާ ބިން ހަމަޖައްސާފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ލ. ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އެޗްޑީސީ އިން ބުނީ ނާސަރީ ހެދުމަށް ހަމަޖައްސާފައިވާ ބިމަކީ އެއްލައްކަ އަކަފޫޓުގެ ބިމެއްކަމަށާއި، އެ ކޯޕަރޭޝަންގެ އެމްޑީ މި ބިން ބައްލަވާލައްވަން އިއްޔެ އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައިވާކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެއް
އެޗްޑީސީ

އެޗްޑީސީން 1 މިލިއަން ގަސް އިންދަން ނިންމާ ޕްލެޖްގައި ސޮއިކޮށްފައިވަނީ ކުޑަގިރި އަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގެވެ. އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެ ކަމަށެވެ.

އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ފެހި މާހައުލަކަށް ހެދުމާއެކު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ އަމާޒު ކަމަށެވެ.

މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި 2023 ވަނަ އަހަރު ޑިސެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ކޮޕް-28 ސަމިޓުގައެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.