ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރްސީއެމް)އިންވެސް ތަހުގީގުކުރަން ފަށައިފިއެވެ.
އެޗްއާރްސީއެމް އިން ބުނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން މި މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް އެ ކޮމިޝަނާއި ހިއްސާކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް އެވްއާރްސީއެމް އިން ވަނީ ބުނެފައެވެ.
އިތުރަށް އެޗްއާރްސީއެމް އިން ބުނީ މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން ދިރާސާކުރަމުންދާކަމަށެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، ޒަހަމްތަކަކާއެކު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގެއިންނެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށްބުނެ ހޮޅުދޫގެ ރައްޔިތުންވަނީ މި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ އިހްތިޖާޖުކޮށްފައެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުކޮށް އެ ރަށު ރައްޔިތުންވަނީ އެ ރަށު ޕޮލިސް ސްޓޭޝަންވެސް ބަންދުކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޒަކިއްޔާ މަރައިލައިފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.