39 މަޝްރޫއަކަށް މިދިޔަ އަހަރު ގްރީން ފަންޑުން 172.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މިދިޔަ އަހަރު ގްރީން ފަންޑުން 172.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު ނިމުނު އިރު ގްރީން ފަންޑުގައި ހުރީ 1.6 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ ޑިސެންބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 109.4 މިލިއަން ރުފިޔާ ލިބިފައެވެ.

ތަފާސްހިސާބުތަކުން ހާމަވާގޮތުގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ މަޝްރޫއަކީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. އެ މަޝްރޫއަށް 12.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 179.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ގްރީން ޓެކްސްއަކީ ގެސްޓްހައުސްތަކާއި، ހޮޓާތަކާއި ސަފާރީތަކުގެ އިތުރުން ޓޫރިސްޓް ރިސޯޓްތަކާއި އެ ނޫންވެސް ޓޫރިސްޓުން ބައިތިއްބާ ތަންތަނުން ނަގާ ޓެކްސްއަކަށްވާއިރު މި ޓެކްސް ދެގުނަކޮށް ޓޫރިޒަމްގެ ޓެކްސްތައް ބޮޑުކުރަން މިދިޔަ އަހަރު ވަނީ ނިންމާފައެވެ. އެގޮތުން ބޮޑެތި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ 6 ޑޮލަރު 12 ޑޮލަރަށް، ކުދި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގާ 3 ޑޮލަރު 6 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.

މީގެއިތުރުން އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް، ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް، ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް އަދި ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.