ރަމަޝާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި އޮތް އިޖްތިމާއީ އާދައެއްކަމަށާއި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމެއް ނޫންކަމުން އެއީ ބިދުއައަކަށް ނުވާނެކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ކުރިން މާހެފުން ބޭއްވުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަކަމަކަށް ވާއިރު، މިކަމާއި ގުޅިގެން ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން މިއީ ބިދުއައެއްގެ ގޮތުގައި ބައެއް މީހުން ދެކެމުން އަންނައިރު މިއީ ކުރަންޖެހޭ ކަމެއް ނޫންކަމަށްވެސް އަަންނަނީ ބުނެފައެވެ.
މިކަމާއި ގުޅޭ ގިނަ ބަހުސްތަކެއް ސޯޝަލް މީޑިއާގައިވެސް ފެންމަތިވެފައިވާއިރު މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ބިދުއެއް ނޫންކަމަށެވެ. އެކަމުގެ ތެރޭގައި ޝަރުއުގައި މަނާކުރައްވާފައިވާކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ރަމަޟާން މަހަށް އިސްތިގުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހާ ސާފުތާހިރުކުރުމާ ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ރަމަޟާން މަހަށް އިސްތިގުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ އަމަލަކީ އިހްލާސްތެރިވުމާ، މައާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުންކަން ޝަހީމް ފާހަގަކުރެއްވިއެވެ.އިތުރަށް ޝަހީމް ވިދާޅުވީ ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް ކަމުގައެވެ.