މި އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހަރަދާއި އަޅާ ބަލާއިރު 21 އިންސައްތަ ދަށްވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ހަރަދު 3.8 ބިލިއަނަށް އަރާފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ހިނގާފައިވަނީ 4.9 ބިލިޔަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދު ވަރަށް ބޮޑަށް ކުޑަވެފައިވާއިރު މިއަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދަށް ހިނގި 2.8 ބިލިޔަން ރުފިޔާއެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމެނޭ 2.8 ބިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ހަރަދުކޮށްފައިވާ 1.1 ބިލިޔަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 1.7 ބިލިޔަން ރުފިޔާއެވެ.
މީގެ އިތުރުން ކެޕިޓަލް ހަރަދަށް މިހާތަނަށް ހިނގާފައިވަނީ 169 މިލިޔަން ރުފިޔާއެވެ. އެގޮތުން ކެޕިޓަލް ހަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ހިނގާފައިވާ ހަރަދެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތަށް 4.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ޓެކްސް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރޭގައި541 މިލިއަން ރުފިޔާ ލިބިފައިވާއިރު އެހީގެ ގޮތުގައި ލިބިފައިވާ 28.3 މިލިޔަން ރުފިޔާ ހިމެނެއެވެ.
ޓެކްސް އާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީ އާއި ގުޑްސް އެންޑް ސާވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.