މި އަހަރުގެ ޕީކް ހޭންޑްލިންއަށާއި ގްރޭޓާ މާލޭގެ ޕަވާ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގެނެސްފައިވާ ޖެނަރޭޓަރުތައް ބެހެއްޓުމުގެ މައްސަކަތް ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ޕީކް ހޭންޑްލިން އަދި ޕަވާ ބެކަޕްގެ ގޮތުގައި ގެނެސްފައިވާ ޖަނަރޭޓަރު ސެޓްތައް ބަހައްޓާނެ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ބިން ހަމަޖެހުމާއެކު މިހާރު އެ ޖަނަރޭޓަރުތައް ބެހެއްޓުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކުރަމުންދާ މަސައްކަތްތައް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ކުންފުނީގެ ބައެއް އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ.
ސްޓެލްކޯ އަދި ފެނަކައިން ވެސް ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ އެހެން މަސްމަހާ އަޅާ ބަލާއިރު ރޯދަ މަހު ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ރޯދަ މަހުގެ ޕީކް ގަޑިތައް އެހެން މަސްމަހާ ތަފާތުކަން ވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ހޫނު ގަދަވާ މޫސުމުގައި ކަރަންޓު ބިލުތައް ބޮޑުވާ ކަމުގެ ޝަކުވާތައް ގިނަވެއެވެ. އަދި ރޯދަ މަހާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާއިރު މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކަރަންޓު ބިލުތައް ބޮޑުވި ކަމުގެ ޝަކުވާތައް ގިނަކަން ފާހަގަކުރެވެއެވެ.