އެޗްޑީސީއިން ކުރިއަށް ގެންދިޔަ 'އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024' ނިންމައި، 49 ބައިވެރިއަކު ސަނަދު ހާސިލުކޮށްފިއެވެ.

ހުޅުމާލޭގެ ޝްވެކް ސިނަމާގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރީ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އަލީ ހައިދަރު އަހްމަދެވެ.

އެޗްޑީސީން ކުރިއަށް ގެންދިޔަ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ (އެންއޭޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ކޮންމެ މަހަކު އެލަވަންސްއެއް ލިބޭގޮތަށް، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހަ ދާއިރައަކުން ވަނީ ބައިވެރިން ތަމްރީނުކޮށްފައެވެ. އެއީ، ގާޑަނިން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ފްރަންޓް އޮފީސް ސާވިސަސް، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންއެވެ.

އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ، އެޗްޑީސީއާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން، ތަމްރީނު ދޭ އިންސްޓިޓިއުޓު ގެ ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ހަމަޖެއްސީ ޔޫތު މިނިސްޓްރީންކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް، ކުރިއަށްދާން ބޭނުންވާ ދާއިރާ އިހްތިޔާރު ކުރުމުގައި އެހީތެރިވާއި، އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގުތު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމާއެކު، ގައުމުގެ ތަރައްގީއަށް ބޭނުންވާ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދާކަން ވަނީ ފާހަގަކޮށްފައެވެ.