ރޯދަ މަހުގެ ސުފުރާމަތި ފަޅު ފިލުވާލަދޭ މުހިންމު އެއް ބާވަތަކީ ކޮންމެވެސް ކަހަލައިގެ ބުއިމެކެވެ. އެކި މީހުން އެކި ވައްތަރުގެ ބުއިން ތައްޔާރު ކުރުމަށް ލޯބި ކުރާއިރު މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ލެމަނޭޑް އެކެވެ.

ލެމަނޭޑްގެ އަސްލު އައިސްފައި ވަނީ 12 ވަނަ ގަރުނުގައި މިސްރުންނެވެ. ލުނބޯ ހުތާއި ހަކުރު އަދި ފެން އެއްކޮށްގެން 'ގަތަރު މިޒަތް'ގެ ނަމުން އެ ދުވަސްވަރު މި ބުއިން މަޝްހޫރުވި ނަމަވެސް ޒަމާނާއެއްގޮތަށް މި ބުއިމުގެ ރެސިޕީތަކާއި އެއްގޮތަށް ބުއިމަށް ކިޔާ ނަންވެސް ދަނީ ތަފާތުވަމުންނެވެ. އެގޮތުގެ މަތިން މިއަދު މި ގެނެސްދެނީ 'ކްރީމީ ލެމަނޭޑް' ކިޔާ ޖީބަށް ލުއި ނަމަވެސް އަނގައަށް މީރު ބުއިމެކެވެ.

ބޭނުން ވާނެ ތަކެތި:

  • 1.5 ޖޯޑާއި ލުނބޯ ހުތް
  • 1 ދަޅު ގެރި ކިރު
  • 2 ޖޯޑު އައިސް ކިއުބް
  • 2 ޖޯޑު ފެން
  • 1 ލުނބޯ

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މިކްސްޗަރުގެ ފަނި ގިރާ ބަޔަށް ލުނބޯ ހުތް، ގެރި ކިރު އަޅާ ރަނގަޅަށް ގިރާ ލާށެވެ. އަދި އޭގެ ތެރެއަށް ފެން އެޅުމަށްފަހު ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. ދެން ޖަގަކަށް އައިސް ކިއުބް އެޅުމަށްފަހު މިކްސްޗަރުގައި ހުރި އެއްޗިސް ޖަގަށް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ލުނބޯ ވަށްކޮށް ތުނި ފޮއްޗަށް ކޮށާލާށެވެ. އަދި އެ ލުނބޯ ފޮތިތައް ޖަގުގެ ތެރެއަށް އެޅުމަށްފަހު ގިރާލުމުން އެހެރީ ކްރީމީ ލެމަނޭޑް ތައްޔާރުވެފައެވެ.

މި ބުއިން ތައްޔާރު ކުރާ އިތުރު ގޮތްތައްވެސް ހުރެއެވެ. އެގޮތުން ބައެއް މީހުން ލުނބޯ ހުތުގެ ބަދަލުގައި 3-4 ވަރަކަށް ލުނބޯ ތޮއްޓާއެކު ހުރިހާ އެއްޗެއް އަޅާފައިވެސް ގިރާ އުޅެއެވެ.

ކްރީމީ ލެމަނޭޑް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި އަތުރާލާފައި

ލުނބޯ އާއި ގެރިކިރަކީ ބާޒާރުމަތިންވެސް އަގުހެޔޮކޮށް އަދި ފަސޭހައިން ލިބޭ ތަކެއްޗަށްވާއިރު މިއީ އަވަދެނިތި މިހެން ބަދިގޭގައި އުޅޭ ދުވަސްވަރު އަދި މިފަދަ ހޫނު ގަދަ ދުވަސްވަރަކު ތައްޔާރު ކޮށްލަން ރަނގަޅު ބުއިމަކަށް ވާނެއެވެ.