ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ވި ޕާޓީން އަމިއްލައަށް ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ސްޕްރީމް ކޯޓުގެ ފުލް ބެންޗްގައި އިއްޔެ ފެށި އަދި މިއަދުވެސް ކުރިއަށް ދާ މި މައްސަލަ ބެލޭނެ ކަމަށް މިއަދު ނިންމާފައި ވާ އިރު، ދިފާއުފައި ދައުލަތުން ހުށަހެޅީ އެ މައްސަލަ އަކީ ސްޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހު ބާތިލް ކަމަށް ކަނޑައަޅައި ދޭން ކޯޓަށް ވަޑައިގަތީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ.
މިއަދު މައްސަލަ ބެލޭނެ ކަމަށް ބެންޗުން ނިންމުމާއެކު ދައުލަތުން ވަނީ ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުހުލަތަކަށް އެދިފައެވެ. މިއަދުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. ދެން ބެންޗުގައި ތިއްބެވީ، ޑރ. އަޒްމިރާލްދާ ޒާހިރާއި، އާއިޝާ ޝުޖޫން މުހައްމަދާއި، މަހާޒު އަލީ ޒާހިރާއި، ހުސްނުއްސުއްސުއޫދާއި، އަލީ ރަޝީދު ހުސައިންގެ އިތުރުން، ޑރ. މުހައްމަދު އިބްރާހީމެވެ.
ދައުލަތުން ބުނެފައި ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަނީ މަޖިލީހުން ކަމަށާއި އެ އިސްލާހަކީ ގާނޫނު އަސާސީގެ 12 ވަނަ މާއްދާގައި އޮންނަ އިހުތިސާސްގެ ދަށުން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ވިދާޅުވަނީ، އެ އިސްލާހު ގެނެސްފައި ވަނީ އެންމެ 9 ގަޑިއިރުން ކަމަށާއި އަދި އިސްލާހު ގެނައި އިޖުރާއަތުތައްވެސް ގޯސް ކަމަށެވެ.
އެގޮތުން އަލީ ހުސައިން ފާހަގަ ކުރައްވަނީ، އެ އިސްލާހު ގާނޫނުއަސާސީގެ 5 މާއްދާ އަކާ ހިލާފު ކަމަށާއި އޭގެ ތެރޭގައި 4 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާ ހިމެނޭ ކަމަށެވެ.
ގާނޫނު އަސާސީއަށް ގެނައި މި އިސްލާހާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތުތައް އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ އެތެރޭގެ ސިޔާސަތުތަކާ ގުޅި، ޕާޓީގެ ލީޑާޝިޕުން ނާޖާއިޒް ބާރުތަކެއް ބޭނުން ކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަނެއް ބަޔަކު ބުނާގޮތުގައި، ފްލޯ ކްރޮސް ކުރުން ނުވަތަ ސިޔާސީ އަދި މާލީ މަންފާއަކަށްޓަކައި މަޖިލީސް މެންބަރުން، އެ މެންބަރަކު އިންތިހާބުވި ހައިސިއްޔަތު ނުވަތަ ޕާޓީގެ މަސްލަހަތާ ފުށޫއަރާ ނިންމުންތަކެއް ނިންމުން ނިމުމަކަށް ގެންނަ އިސްލާހަކީ މި އިސްލާހެވެ. އެހެން ކަމުން މި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށް ގަބޫލު ކުރާ މީހުން ގިނަކަން ފާހަގަ ކުރެވެއެވެ.