ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ
- އަލްހާން ރަޝީދު ޙުސައިން (49އ)، މ. ޖަވާހިރުވާދީ، މާލެ
- މަރްޔަމް ރިފާއު (25އ)، ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް
- އަބްދުލް މުހްސިން ހަސަން (65އ)، ރ. އިނގުރައިދޫ، ވަފާ
- ކުމަރެސަން ޗިންނައިއަ (20އ)، އިންޑިއާ
- ދިނޭޝް ސައްމިޔައްޕަން (29އ)، އިންޑިއާ
- އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް (39އ)،ސްރީލަންކާ
- ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ (46އ) ސްރީލަންކާ،
- މުހައްމަދު މައްސޫދު، (46އ) ބަނގުލަދޭޝް
- ސަބެޝަން ނަހާރަޖަ، (31އ) ސްރީލަންކާ
މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ފެބުރުއަރީ މަހުގެ 15 ދުވަހު ހިންގި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ހުރިކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުލް މުހްސިން ހަސަން ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާއިރު ދެންތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ބ.މާރިކިލުއަކީ 2016 ވަނަ އަހަރު، ސަރުކާރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތަށް 21 އަހަރަށް ބަޔަކަށް ކުއްޔަށް ދީފައިވާ ރަށެކެވެ.