ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ކައިރީގައި ކިސަޑު ޖަމާވެފައި ވާތީ އެ ސަރަހައްދު ބަންދުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރަސްފަންނުގެ މޫދަށް އެެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ހިސާބެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާ ކަމަށެވެ.
ކިސަޑުތައް ނަގައި ބީޗަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ދާއިރު ކައުންސިލުން ބުނީ އެ މަސައްކަތް ފެށިގެން ކުރިއަށް ގެންދާ މުއްދަތުގައި މަސައްކަތް ނިމެންދެން އެތަން އާންމުންނަށް ބަންދުކޮށްފައިވާ ކަމަށެވެ.
ރަސްފަންނު މޫދަށް މީގެ ކުރިންވެސް ކިސަޑު ޖަމާވެ، އެ ސަރަހައްދު ބަންދުކޮށްފައިވާއިރު، މިއީ މާލެ ސަރަހައްދުގެ ގިނަ މީހުން މޫދަށް އެެރުމަށް ކޮންމެ ދުވަހު ބޭނުންކުރާ ސަރަހައްދެކެވެ.